ރައީސުލް ޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް އަވަހާރަ ކޮށްލަން ރާވައި، އެކަމުގައި ބައިވެރިވި ކަމަށްބުނެ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ތާވަލު ކޮށްފި އެވެ.
އެނގިހުރެ މީހަކު މަރަން ރޭވުމުގެ ދައުވާ އަދީބުގެ މައްޗަށް ދައުލަތުން އުފުލީ ރައީސް ޔާމީނަށް ހަމަލާދީ އަވަހާރަ ކޮށްލުމަށް 2015 ވަނަ އަހަރުގެ އޮކްޓޯބަރުގައި ބަޑިޖަހާ މީހަކު ހޯދުމަށް ރާވައި، އެ ރޭވުމުގެ ދަށުން ސްނައިޕަރެއް ކަމަށްވާ މަދުޝަންކާ ނަމަކަށްކީޔާ ކިޔާ މީހަކު ރާއްޖެ ގެނައި ކަމަށްބުނެ އެވެ.
މި މައްސަލާގައި ދައުލަތުން ވަނީ ސްރީ ލަންކާގެ ސުނައިޕަރެއް ކަމަށް ބުނާ ލަހިރު މަދުޝަންކަ އާއި މ. ލިލީޕާކް، ފަޒީލް ހަމީދު އާއި ގ. އޮއިވާލި، އިސްހާގު ހުސައިންގެ މައްޗަށްވެސް ދައުވާ ކޮށްފަ އެވެ.
އަދީބުގެ މައްޗަށް ކުށް ސާބިތު ކުރުމަށް ދައުލަތުން ވަނީ އެކި މީހުން ހެކީގެ ގޮތުގައި ވެސް ހުށަހަޅާފަ އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންގެ ހެކިބަސް މިހާތަނަށް ނަގާފައިވެ އެވެ. އާދިއްތަ ދުވަހު މި މައްސަލާގެ އަޑުއެހުމެއް ބާއްވަން ތާވަލު ކޮށްފައިވަނީ މެންދުރުފަހު 2.00 ގަ އެވެ.
އަހްމަދު އަދީބު މިހާރު ވެސް ގެންދަވަނީ އެކި ކުށްތަކުގައި ޖުމްލަ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެގޮތުން ފިސްތޯލަ އާއި ގޮވާ ތަކެތި ގެންގުޅުނު ކަން ސާބިތުވެ އަދީބަށްކޮށްފައި ވަނީ 10 އަހަރުގެ ޖަލު ހުކުމާއި އަދީބު އިސްވެ ހުންނަވައިގެން ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ކަން ސާބިތުވެ، ކޮށްފައިވާ 15 އަހަރުގެ ޖަލު ހުކުމުގެ އިތުރުން ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވެފައިވާކަން ސާބިތުވާ ކަމަށް ބުނެ ކޮށްފައިވާ 8 އަހަރުގެ ޖަލު ހުކުމެކެވެ.
މީގެ އިތުރުން ވެސް ޝަރީއަތުގެ މަރުހަލާގައި އަދީބުގެ ގިނަ މައްސަލަތަކެއް މިހާރުވެސް އެބަ ހިނގަ އެވެ.
އެގޮތުން މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ޚިޔާނާތުގެ މައްސަލައިގެ ނުވަ ދައުވާއެއް ޝަރީއަތް މި ހަފްތާގައި ވަނީ ފަށާފަ އެވެ.