ބަޖެޓެއް ޤާނޫނާއި ޚިލާފަށް ހުށަހެޅި ކަމުގެ ވާހަކަ ރާއްޖޭގެ ތާރީޚްގައި ވެސް ދައްކަން މިޖެހެނީ އަލަށެވެ. ރަސްމީކޮށް ބަޖެޓް ހުށަހަޅައިގެން މަޖިލީސް މެދުވެރިކޮށް ބަޖެޓް ފާސްކުރުމުގައި މި ހޭދަވީ މުއްދަތުގައި މީގެ ކުރިއަކުން މި ޒާތުގެ ވާހަކަ އެއް އަހާފަ އެއް ނެތެވެ. އެހެންނަމަވެސް މި ފަހަރު އެކަން ވެސް ދިމާވީތާއެވެ. އަދި މިއީ ދައްކަން ޖެހިދާނެ ވާހަކައެއް ކަމަށް ހީކުރި މީހަކު ވެސް ހުންނާނެހެނެއް ހިއެއް ނުވެއެވެ.
ބަޖެޓް ހުށަހެޅުމުގެ ތަންކޮޅެއް ކުރިއަށް ޖެހިލާނަމެވެ. ބަޖެޓް ހުށަހެޅުމުގެ ކުރިން ވެސް ސަރުކާރުން ވާހަކަތައް ބައްޓަން ކުރަމުން އައީ ނިމިދިޔަ ސަރުކާރުގެ ބޮލުގައި ބޮޑެތި އިލްޒާމްތަކެއް އެޅުވުމަށެވެ. ކުރީ ސަރުކާރުން ބަޖެޓު ޚަރަދު ކުރި ގޮތް ރަނގަޅު ނޫންކަމުގެ ވާހަކައެވެ. ބަޖެޓްތައް ހުށަހެޅި ގޮތުގައި ވެސް މައްސަލަތަކެއް ހުރިކަމުގެ ވާހަކައެވެ. އޭރުގެ ސަރުކާރުން މާލިއްޔަތު ޤާނޫނާއި ޚިލާފުވި ކަމުގެ ވާހަކައެވެ. ސަޕްލިމެންޓްރީ ބަޖެޓުތައް ވެސް ހުށަހެޅީ އުސޫލާ ޚިލާފަށްކަމުގެ ވާހަަކައެވެ.
އެހެނަސް އަންނަ އަހަރަށް ހުށަހެޅި ބަޖެޓަކީ ސީދާ ޤާނޫނާއި ޚިލާފަށް ހުށަހަޅާފައިވާ ބަޖެޓެއް ކަމަށް ޤާނޫނީ ބޭފުޅުން ފާހަގަކުރައްވައެވެ. އޭގެ މިސާލަކަށް ބަލާލާނަމެވެ. ދާދިފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޤާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޛް އަޙްމަދު މައުރޫފް ހާމަކުރެއްވި މައުލޫމާތުތަކުގައި ވަރަށް ތަފްސީލްކޮށް، އާއްމު މީހާއަށް އެނގޭހާ ސާދާކޮށް އެ ވާހަކަ ގެނެސްދެއްވާފައިވެއެވެ. މައުރޫފް ވަނީ ފުރަތަމަ ކަމަކަށް ބަޖެޓް ހުށަހެޅުމުގައި ޤާނޫނީ ގޮތުން ފުރިހަމަ ކުރަން ޖެހޭ ކަންކަން މި ބަޖެޓުގައި ފުރިހަމަކޮށްފައި ނުވާކަން ފާހަގަކުރައްވާފައެވެ. އެހެން ފާހަގަކުރެއްވީ ސަބަބެއް ނެތި އެއް ނޫނެވެ. ބަޖެޓާއި ގުޅޭކަންކަން، ޚާއްސަކޮށް މާލިއްޔަތާއި ގުޅޭ ކަންކަން ކުރުމަށް ޤާނޫނު އަސާސީގައި އުސޫލުތަކެއް ހެދިފައި އެބަހުއްޓެވެ. އަދި މާލިއްޔަތު ޤާނޫނާއި ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނު ފަދަ ޤާނޫނުތަކުގައި ބަޖެޓް ހުށަހަޅާ އިރު ކަން ކުރަންވީ ގޮތާއި، އެ ބަޖެޓް އޮންނަން ޖެހޭ ގޮތާއި، ބަޖެޓާއި އެކު ހުށަހަޅަން ޖެހޭ ބަޔާންތައް ސާފުކޮށް ހާމަކޮށްފައިވެއެވެ. މައުރޫފްވަނީ އެ ޤާނޫނުތަކަށް ބަލާއިރު އެ ބަޔާންތަކުގެ ތަފްސީލަށް ދާންދެން ހިމަނާފައިވާކަން ފާހަގަކުރައްވާފައެވެ.
އެ ބަޔާންތަކުގަ ހުންނަންވީ ތަފްސީލްތައް ވެސް އެބަ ހުރި ޤާނޫނުތަކުގަ ބަޔާންކޮށްފަ. ޤާނޫނު އަސާސީގަ 96 ވަނަ މާއްދާގަ މާލީ އަހަރެއް ފެށުމުގެ ކުރިން އެ އަހަރަކަށް ދައުލަތުން ހިނގާނެ ޚަރަދާއި، ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީގެ ބަޖެޓް ހިމެނޭ ބަޖެޓެއް، އަދި ވޭތުވެދިޔަ ދައުލަތުން ހިނގި ޚަރަދާއި ލިބުނު އާމްދަނީގެ ހިސާބު މިނިސްޓްރީ އޮފް ފިނޭންސް މަޖިލީހަށް ހުށަހަޅަންވާނެއޭ. ބަޖެޓު ބަހުސް ފަށަން ގާތް ވެފަ ވާއިރު ފައިނޭންސިންގ ސްޓްރެޓެޖީ ހިއްސާ ނުކުރައްވާ. މަޖިލީހަށް އެ މައުލޫމާތު ހިއްސާކޮށްފަ ނުވޭ. މިއީ ބަޖެޓެއް ހުށަހެޅި އިރު އެއްވެސް އަހަރަކު ކުރި ކަމެއް ނޫން. މިއީ ޤާނޫނު އަސާސީގަ ބަޔާންކުރާ ހާމަކަމުގެ އުސޫލާއި ޚިލާފު ކަމެއް. ބަޖެޓް ފޮތް ނުލިބޭ ފުރަތަމަ ފަހަރު. ބަޖެޓް ބަޔާން އިއްވިތާ އެތައް ދުވަހެއް ވި އިރު. ބަޖެޓާއި އެކު ފޮނުވަން ޖެހޭ ޚަރަދަށް ޒިންމާވުމުގެ ޤާނޫނުގެ ދަށުން ފިނޭންސް މިނިސްޓަރަށް ފޮނުވަން ލާޒިމް ކުރާ ޕޮޒިޝަން ރިޕޯޓް ނުފޮނުއްވާ. އެ މައުލޫމާތު ބަދަލު ގެނެސް ވެބްސައިޓުގައި ހުރި ކަންކަމަށް ވެސް ދަނީ ބަދަލު ގެންނަމުން.އެމްޑީޕީގެ ޤާނޫނީ ޓީމްގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޛް އަޙްމަދު މައުރޫފް
މައުރޫފްގެ ވާހަކަ އަޅުގަނޑު މި ތަނުގައި މިގެނެސްދިނީ ޤާނޫނީ ނަޒަރަކުން މިކަންކަން ހުރި ގޮތަށް ތަފްސީލްކޮށް ބަލާލުމަށެވެ. ބަޖެޓް ފޮތް އޮންނަން ވާނީ ބަޖެޓް ބަޔާން ހުށަހަޅާ އިރު އޮތް ގޮތަށެވެ. އެހެނީ އެއީ ފިނޭންސް މިނިސްޓަރ ބޭނުންފުޅު ވަގުތަކު ހުށަހަޅަން އިޚުތިޔާރު ދީފައި އޮތް ކަމެއް ނޫނެވެ. ބަޖެޓުގައި ފުރިހަމަވާން ޖެހޭކަންކަމަކީ ރައީސްއަކަށް ހުންނަވާ ބޭފުޅާ އާއި ވަޒީރު މަނިކުފާނު ހިތަށް އަރާވަޑައިގަތުމުން ކުރަން އޮންނަ ކަމެއްވެސް ނޫނެވެ. ބްލޮކް ގްރާންޓް ގަސްތުގައި ކުޑަކޮށް ހުށަހެޅުމުން އެކަމާއި މެދު ކައުންސިލްތަކާއި ރައްޔިތުން ކުރާ ޝަކުވާތަކަށް އިޖާބަ ދިނުމެއް ނެތެވެ. އެފަދަ ޚިލާފެއް ފިކުރެއް ވެސް ނެތެވެ. ހުރިހާ ކައުންސިލްތަކުންހެން އެކަމާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރިފަހުން ކޮންޓިންޖެންސީ ބަޓެޓުން ބްލޮކްގްރާންޓުގެ ބައި ހަމަޖައްސާދިނުމަށް އެދި ސިޓީ އެއް ފޮނުވާފައިވެއެވެ. މި ސިޓީ އަކީ މިއީ ޤާނޫނާއި ޚިލާފަށް ބަޖެޓު ހުށަހެޅިކަމަށް ސަރުކާރުން ވީ އިއުތިރާފެކޭ ބުނުން ދޮގަކަށް ނުވާނެއެވެ.
ފަހަރުގައި މިއީ ޤާނޫނާއި ޚިލާފަށް ކަންކަން ކުރަން މަޖިލީހަށް ތަފްސީލް ނުދީ ގަސްތުގައި ހިންގާ ކަމަކަށް ވެސް ވެދާނެއެވެ. މާލީ ކަންކަމުގެ ވާހަކަ މި ހިސާބުން ނިމުނީކީ ނޫނެވެ. އަދިވެސް މިކަހަލަ ކިތަންމެ ވާހަކަ އެއް އެބަ ހުއްޓެވެ. 500 މިލިއަން ޑޮލަރުގެ ސުކޫކު އަނބުރާ ދެއްކުމަށް 2026 ވަނަ އަހަރަށް މަޑު ނުކޮށް އަޅަން ޖެހޭ ފިޔަވަޅުތަކެއް ހުރިކަން ފާހަގަކޮށްލެވެއެވެ. ކުރީގެ ސަރުކާރުން ޕްލޭންކޮށްފައި އޮތީ ސުކޫކުގެ ދެބައިކުޅަ އެއްބައި ރީފައިނޭންސް ކުރުމަށާއި، އެސްޑީއެފް ބޭނުންކޮށްގެން ރީޕޭ ކުރުމަށް ތައްޔާރުވުމަށެވެ. ފަހު ވަގުތަށް މަޑު ނުކޮށް ކަންކަން ކުރުމުގެ ޕްލޭނެއް އޭރު އޮތެވެ. އެހެންނަމަވެސް ކަންކަން ހާމަ ނުކުރާތީ ސަރުކާރުގެ ޕްލޭން އެއް އޮތްކަމެއް ނެތް ކަމެއް ވެސް އެނގޭކަށް ނެތެވެ. މާލީ ކަންކަމުގައި ސަރުކާރުގެ ސިޔާސަތު ހަމަ ބަހަބަރެވެ. ސިޔާސަތުތައް ހާމަކުރަން ގޮވާލާ މީހުންގެ އަޑެއް ސަރުކާރުގެ ކަންފަތަކަށް ނުފޯރައެވެ.
މިހާރު ފިސްކަލް ސްޓްރެޓެޖީ އަންގައިދޭ ބަޔާނުގައި ބުނާ ގޮތުން އެސްޑީއެފްގައި ހުރި ފައިސާ ނުނަގާ ނަމަ 200 އެތައް މިލިއަން ޑޮލަރެއް ހުންނާނެއެވެ. ނަމަވެސް މިހާރު އެ ފައިސާ ނެގުމާއި އެކު މި ހާލަތުގެ ނުރައްކާ އެތައް ގުނަ އެއް ވަނީ އިތުރުވެފައެވެ. އެއީ ކުރީ ސަރުކާރުން ޕްލޭން ކުރީ އެ ފައިސާގައި އަތް ނުލާ ބަހައްޓައިގެން ލޯނު ދެއްކުމަށެވެ. ނަމަވެސް މިހާރު އިވޭ އަޑުތަކަށް ބަލާއިރު 10 މިލިއަން ޑޮލަރަށް ވުރެ ފަންޑުގެ ފައިސާ ދަށް ވެފައިވާ ކަމަށް ވަނީ އަޑުފެތުރިފައެވެ.
މިހާ ގިނަ ޤާނޫނާއި ޚިލާފުކަންކަން ބަޖެޓްގައި ހުރި އިރު އެއީ ދައުވާކުނުރެވޭ ޒާތުގެ ކުށެއްް ނޫނެވެ. އެކަމާއި މެދު ފިޔަވަޅު އެޅޭނީ ރައްޔިތުންގެ މަޖިލީހަށެވެ. އެއީ ސަރުކާރުން ކުރާ ކަންކަމަށް ޖަވާބުދާރީވުމުގެ ބުރަ ޒިންމާ އެޅިފައިވާ މުއައްސަސާއެވެ. މަޖިލީހުގެ ވާހަކަ ދައްކާ ދައްކާ މިހާރުވެސް ބާވެއްޖެއެވެ. ރައްޔިތުންގެ ގެއަކަށް ވުރެ ބޮޑަށް މިހާރު އެއީ ރައީސް އޮފީހުގެ އިދާރާއެކޭ ހީވާކަހަލައެވެ. އެހެންވީމަ ރައީސް އޮފީހުން ރައީސް ޒިންމާދާރުކުރުވަން މަސައްކަތެއް ނުކުރާނެތާއެވެ. އޭގެ ބަދަލުގައި އާނހޫ ކިޔައިގެން ތިއްބަވާނީތާއެވެ.