މި ސަރުކާރުގެ މަގްބޫލުކަން ގެއްލިފައިވާއިރު އަދި ސަރުކާރު ނިމުމަކަށް އައުމާ ގާތްވެފައިވާ ދަނޑިވަޅެއްގައި ސަރުކާރުގެ ބިންތައް ވިއްކުމަށް ހުޅުވާލުމަކީ ކަންބޮޑުވާ ކަމެއް ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބުނެފި އެވެ.
މ.ކުނޫޒްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ ވިދާޅުވީ، ސަރުކާރުން އަނެއްކާ ވެސް ކަންބޮޑުވާ އެތައް ކަމެއް ކުރަން ފަށާފައިވާ ކަމަށެވެ. މީގެ ކުރިން ވެސް ނުއަގުގައި ރާއްޖޭގެ ބިމާއި ފަޅުތައް ވިއްކާފައިވާ އިރު އަނެއްކާ އަޑުއިވިގެން މިދަނީ ސަރުކާރުން މާލޭގެ ގިނަ އަދަދެއްގެ ބިންތަކެއް ވިއްކުމަށް އިއުލާނު ކުރުން ކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިއީ ތާއީދު ގެއްލި، ނިމުމަކަށް އަންނަމުންދާ ސަރުކާރަކުން ކޮށްގެންވާނޭ ކަމެއް ނޫން ކަމަށް އިމްތިޔާޒް ވިދާޅުވި އެވެ.
އިމްތިޔާޒް މިހެން ވިދާޅުވެފައިވާ އިރު ހައުސިން މިނިސްޓްރީން ވަނީ މާލޭގެ ގާތްގަނޑަކަށް ދިހަ ވަރަކަށް ބިން ވިއްކުމަށް އިއުލާނު ކޮށްފަ އެވެ.
ބިން ގަތުމަށްޓަކައި ދޫކުރާ އަގު ހުށަހަޅާ ފޯމް ހައުސިން މިނިސްޓްރީން މިމަހުގެ 27 އިން ސެޕްޓެމްބަރު 14 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލަފަ އެވެ.
ހައުސިން މިނިސްޓްރީން ބިން ގަތުމަށް ހުޅުވާލި އިރު އަކަފޫޓެއް ގަތުމަށް ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ 15000ރ. އެވެ.
އިމްތިޔާޒް ވިދާޅުވީ، ސަރުކާރުން ރައްޔިތުންގެ މަޖިލީސް ހުއްޓުވާފައިވާ އިރު ރައްޔިތުންގެ މަޖިލީހަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރު ކަމަށެވެ. އެހެން ކަމުން އެތަން ބަންދު ކުރުވާ މަޖިލީހުގެ މަސައްކަތްތައް ހުއްޓުވުމުގެ ބާރެއް އެއްވެސް ބަޔަކަށް ލިބިގެންނުވާ ކަމަށެވެ.
" މަޖިލީހުގެ މަސައްކަތްތައް އަވަސް ކުރުމަށްޓަކައި އަޅުގަނޑުމެން ވަނީ މަޖިލީސް ތަޅުއަޅުވާފައިވާ މައްސަލަ ބައިނަލްއަގްވާމީ މުއައްސަސާތަކުގެ ސަމާލު ކަމަށް ގެނެސްފައި. އެގޮތުން އދ އަދި އެހެން ބައިނަލްއަގްވާމީ މުއައްސަސާތަކުން ވެސް މިހާރުވަނީ މަޖިލީސް ހުޅުވުމަށް ސަރުކާރަށް ގޮވާލާފައި. މަޖިލީހުގެ މަސައްކަތްތައް ދެން ފަށާނީ ވެސް ހަމަ ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މެޖޯރިޓީއާއި އެކު. އެއަށް ފަހު އަޅުގަނޑުމެން ފަށާނަން ސަރުކާރުގެ މުއައްސަސާތަކުގެ އިސްވެރިން ޖަވާބުދާރީ ކުރުވުމަށް." އިމްތިޔާޒް ވިދާޅުވި އެވެ.
އިމްތިޔާޒް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުގެ މަޖިލީސް މެންބަރުންނާއި ޕާޓީތަކުގެ އިސްވެރިން ޖަލަށް ގެންދިއުމަށް ފަހު، އެފަރާތްތަކަށް ބޭނުންވާ ސިއްހީ އެހީތެރިކަން އެންމެ އެކަށީގެންވާ ގޮތުގައި ފޯރުކޮށް ނުދިނުމަކީ ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށާއި، ސުލްހަވެރިކަމާ އެކު އިދިކޮޅު ފަރާތްތަކުން އެއްވުންތައް ކުރިއަށް އޮތް ތަނުގައި ވެސް ބާއްވާނެ ކަމަށެވެ. އަދި މިކަމަކަށް ހުރަސް އެޅުމަށް ކިތަންމެ ކަމެއް ކުރި ނަމަވެސް، މިކަން ނުހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މެންބަރު އިމްތިޔާޒް ވަނީ، ގުޅިފައިވާ ސިޔާސީ ޕާޓީތަކުގެ މަޖިލީސް މެންބަރުންގެ ތެރެއިން ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫނު ތަހުގީގު ނިމެންދެން ހައްޔަރުގައި ބަހައްޓާފައިވާ ބެހެއްޓުމުގެ ސަބަބުން ފާރިސް ނިސްބަތްވާ ދާއިރާގެ ރައްޔިތުންގެ ހައްގު ގެއްލޭކަން ފާހަގަ ކުރައްވާފަ އެވެ.
"ރައްޔިތުންގެ މަޖިލީހުގެ މެންބަރު ފާރިސް މައުމޫން ކުޑަ ގޮޅީގައި ހައްޔަރު ކޮށްފައވުމަކީ އަޅުގަނޑުމެން ކުށްވެރިކުރާ ކަމެއް.ގޮނޑި ގެއްލުމެއ ނެތި ގާނޫނީ ވާޖިބު އަދާކުރުމަށް އޭނާ އަށް މިކަމުގެ ސަބަބުން ވަނީ ހުރަސްއެޅިފައި،" އިމްތިޔާޒް ވިދާޅުވި އެވެ.