ޑްރައިވަރސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޑީއޭއެމް) ގެ ރައީސްގެ މަޤާމަށް، ހއ. ހޯރަފުށީ، މުރިނގު އިބްރާހީމް ނިޔާޒު އިންތިޚާބު ކޮށްފިއެވެ.
ޑީއޭއެމްގެ ރައީސްގެ މަގާމަށް ތިން ފަރާތަކުން ވާދަ ކޮށްފައިވެއެވެ.
ހުކުރު ވިލޭރޭ ވިލާ ކޮލެޖް ހޯލްގައި ބޭއްވި އެ ޖަމްއިއްޔާގެ އާއްމު ބައްދަލުވުމެއްގައި، ޑީއޭއެމްގެ ފުރަތަމަ ދާއިމީ ހިންގާ ކޮމިޓީގެ މަގާމުތަކަށް މެމްބަރުން ވަނީ އިންތިޚާބު ކޮށްފައެވެ.
ގިނަ އަދަދެއްގެ މެމްބަރުންގެ ބައިވެރިވުމާއެކު ކުރިއަށް ދިޔަ މި އިންތިޚާބުގައި ޑީއޭއެމްގެ ނައިބު ރައީސްގެ މަޤާމަށް އިންތިޚާބުވީ ދަފްތަރު ނަންބަރު: ރސ.8736، އަޙުމަދު ޙަބީބު އެވެ. ޖަމްއިއްޔާގެ އަމީން އާންމުގެ މަޤާމަށް ގއ. ވިލިނގިލި، މާފޮޅޭގެ މުޙައްމަދު މާތިޢު ނަޖީބު އިންތިޚާބު ކުރި އިރު، އިންތިޒާމް ސެކްރެޓަރީގެ މަޤާމަށް ހޮވިފައިވަނީ، މއ. ނަހީދާ މަންޒިލް މިސްބާޙް ޝަރީފް އެވެ. މީގެ އިތުރުން ޖަމްއިއްޔާގެ ހަޒާންދާރުގެ މަޤާމަށް އިންތިޚާބު ވެފައިވަނީ ސ. މަރަދޫ ސުލްތާންވިލާ، ޢަލީ މުޝައްފައު އެވެ.
ދާއިމީ ހިންގާ ކޮމެޓީ އެކުލަވާލެވުނުއިރު ރައީސް، ނައިބު ރައީސް އަދި އަމީން އާންމުގެ މަގާމަށް ހޮވުނީ ވަގުތީ ހިންގާ ކޮމެޓީގައިވެސް އެމަޤާމުތައް އަދާކުރަމުން ގެންދެވި ފަރާތްތައްކަން ފާހަގަ ކުރެވެއެވެ.
ހުކުރު ވިލޭރޭ ބޭއްވި ޑީއޭއެމްގެ އާންމު ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖަލްސާގެ ޝަރަފްވެރި މެހުމާން ހަސަން ރަމީޒް ފާހަގަކުރެއްވި ގޮތުގައި މި އިންތިޚާބު ވެގެން ގޮސްފައިވަނީ ޑިމޮކްރެޓިކް ހަމަތަކުން ބޭއްވުނު އަދި ޑްރައިވަރުންގެ ފުރަތަމަ އިންތިޚާބު ކަމަށެވެ. މި ދާއިރާ ހަރުދަނާ ކުރުމަށް އަލަށް އިންތިޚާބުވި ހިންގާ ކޮމެޓީގެ ފަރާތުން ރަނގަޅު މަސައްކަތްތަކެއް ފެންނާނެކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޑްރައިވަރުން އަޚްލާޤާއި ސުލޫކު ރަނގަޅުކުރުމަށް ނަޞޭޙަތްތެރިވުމާއެކު، ހުރިހާ މެމްބަރުންވެސް އެކުވެރިކަމާއި އެއްބައިވަންތަ ކަމާއިއެކު ތިބުމަށް އޭނާ ގޮވާލެއްވިއެވެ.
ޑީއޭއެމް އިން ބުނެފައިވަނީ "ފޯރިގަދަ ރޫހެއްގައި ކުރިޔަށްދިޔަ މިއިންތިޚާބުގައި މީގެ ކުރިން ޑްރައިވަރުންގެ ފަރާތުން ނުފެންނަފަދަ ވަރުގަދަ ރޫހަކާއި ޖޯޝެއް މިއިންތިޚާބުގައި ފެނިގެން،" ދިޔަ ކަމަށެވެ.
ޖަމްއިއްޔާގެ އިންތިޚާބީ ރައީސްގެ ވާހަކައިގައި އަލަށް އިންތިޚާބުވި ފަރާތްތަކުން ކުރަންޖެހޭ މަސައްކަތް ނުހަނު ގިނަ ކަން ފާހަގަ ކުރެއްވިއެވެ.
ޑީއޭއެމް އުފެދި އެ ޖަމްއިއްޔާގެ ދާއިމީ ހިންގާ ކޮމިޓީ އިންތިޚާބު ކުރި މި ދަނޑިވަޅަކީ، ސަރުކާރުން ޓެކްސީ ކުރުމުގެ ތެރެއަށް ވަންނަން ތައްޔާރުވަމުންދާކަން ހާމަކޮށްފައިވާ ދަނޑިވަޅެއްކަން ފާހަގަ ކުރެވެއެވެ. އަދި އެއާ އެކު ހަމައެކަނި އަމިއްލަ ފަރާތްތަކުން ދިގު ޒަމާނަކަށް ދެމުން އައި ޚިދުމަތެއްގެ ގޮތުގައި އޮތް މި ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން އަންނަނީ މިކަމުގައި ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންކަން ވެސް ފާހަގަ ކުރެވެއެވެ.