ތިނަދޫ ސްކޫލްގައި ކިޔަވައިދޭ ދެ ޓީޗަރަކު އެޑިއުކޭޝަން މިނިސްޓްރީން ސަސްޕެންޑް ކުރި މައްސަލާގައި ބެލެނިވރިން މުޒާހަރާ ކުރަމުން އެބަދެއެވެ.
ރާއްޖެއެމްވީ އަށް މައުލޫމާތު ދެއްވަމުން ތިނަދޫ އަތޮޅު ކައުންސިލް ރައީސް މުހައްމަދު ނާސިހު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީން ސަސްޕެންޑް ކޮށްފައި ވަނީ ތިނަދޫ ސްކޫލުގައި ބިޒްނަސް ސްޓްރީމްގައި ކިޔަވައިދޭ ދެ ޓީޗަރުން ކަމަށެވެ. އަދި އެ ދެ ޓީޗަރުން ސަސްޕެންޑް ކޮށްފައި ވަނީ މުޒާހަރާއެއްގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ކަމަށް ނާސިހު ވިދާޅުވިއެވެ.
ޓީޗަރުން ސަސްޕެންޑް ކުރުމަށް ނިންމާ އެޑިއުކޭޝަން މިނިސްޓްރީން އެ ދެ ޓީޗަރުންނަށް ފޮނުވި ސިޓީގެ ކޮޕީއެއް ރާއްޖެއެމްވީ އަށް ވެސް ވަނީ ލިބިފައެވެ.
އެ ސިޓީގައި ބުނެފައި ވަނީ ކުށުގެ ތުހުމަތުގައި ދައުލަތުން ބަންދު ކޮށްފައިވާ މީހަކު ދޫކޮށްލަން ގޮވާލާ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެފައި ވާތީ ސިވިލްސާވިސްގެ ގަވާއިދުގެ ދަށުން ވަޒީފާއން ވަކިކުރުމަށް ނިންމާފައިވާ ކަމަށެވެ. އަދި ކުރެވޭ ތުހުމަތުތަކަށް ޖަވާބްދާރީ ވުމަށް ފަސް ދުވހުގެ މުއްދަތެއް ދީފައި ވެއެވެ.
ނާސިހު ވިދާޅުވީ ދެ ޓީޗަރުން ވަޒީފާއިން ވަކިކުރަން އުޅޭތީ ބެލެނިވެރިން މުޒާހަރާ ކުރަމުން ދަނީ މއަދު ހެނދުނު 6:00 އިން ފެށިގެން ކަމަށެވެ. އެގޮތުން ހެނދުނު ބެލެނިވެރިން ނިކުމެ ސްކޫލް ގޭޓުގައި ތަޅު އެޅުވި ކަމަށާއި ނަމަވެސް ފުލުހުންގެ އެހީތެރިކަމާ އެކު މިހާރު ތަޅު ނައްޓާފައިވާ ކަމަށެވެ.
ނާސިހު ވިދާޅުވީ އެ ދެޓީޗަރުން ވަކިކޮށްފިނަމަ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންނަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ. ސަބަބަކީ އޯލެވެލް އަދި އޭލެވެލް އިންތިހާންގެ މުއްދަތު ކައިރިވެފައިވުން ކަމަށް ނާސިހު ވިދާޅުވިއެވެ.
ނާސިހު ވިދާޅުވީ އެ ދެޓީޗަރުން ވަކިކޮށްފި ނަމަ ގެއްލުން ލިބޭނެ ކަމަށް ބުނެ ސްކޫލްގެ ޕްެރިންސިޕަލް އާއި ސްކޫލްގެ ބޯޑުން ވެސް ކައުންސިލަށް ޝަކުވާ ހުށަހަޅާފައިވާ ކަމަށެވެ.
މީގެ އިތުރުން ނާސިހު ވިދާޅުވީ ސިޔާސީ ހަރަކާތެއްގައި ބައިވެރިވި ކަމުގެ ތުހުމަތުގައި ވަޒީފައިން ވަކިކުރަން ނިންމާފައިވާ ދެ ޓީޗަރުން މުޒާހަރާގައި ބައިވެރިވެފައި ނުވާ ކަމަށެވެ. ނަމަވެސް މުޒާހަރާ ކުރިއަށް ދިޔަ ވަގުތު އެ ސަރަހައްދުން އެ ދެ ޓީޗަރުން ދިޔަ ކަމަށާއި އަދި ވަގުތު ފޮޓޯއެއް ނެގި ކަމަށެވެ. އޭގެ އިތުރަށް އެއްވެސް ކަމެއް އެ ދެ ޓީޗަރުން ނުކުރާ ކަމަށް ނާސިހު ވިދާޅުވިއެވެ.