ކ. މާލެ
|
24 އޮކްޓޯބަރ 2024 | ބުރާސްފަތި 11:30
މެޗުގައި ލަނޑު ޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށްފަހު ބާސެލޯނާގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓާސް
ޔުއެފާ ޗެމްޕިއަންސް ލީގު
ރަފީނިއާގެ ހެޓްރިކާ އެކު ބާސެލޯނާ އިން ބަޔާން ބަލިކޮށްފި
ބަޔާން އަތުން ހޯދި މޮޅާއެކު ބާސެލޯނާ އޮތީ މިހާތަނަަށް ކުޅުނު ތިން މެޗުން ހަ ޕޮއިންޓު ހޯދައިގެން 10 ވަނައިގަ އެވެ.

ޔުއެފާ ޗެމްޕިއަންސް ލީގުގައި ޖަރުމަނުގެ ބަޔާން މިއުނިކާ ދެކޮޅަށް ކުޅުނު މެޗުން، ސްޕެއިންގެ ބާސެލޯނާ މޮޅުވެއްޖެ އެވެ.

ބުދަ ދުވަހުގެ ރޭ ބަޔާނާ ދެކޮޅަށް ކުޅުނު މެޗު ބާސެލޯނާ އިން ކާމިޔާބު ކުރީ 4-1ންނެވެ. މެޗުގެ ފުރަތަމަ ހާފުގައި ބާސެލޯނާ އިން ލީޑު ނަގާފައި ވަނިކޮށް، ބަޔާނުން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް ބާސެލޯނާ އިން ވަނީ އިތުރު ތިން ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން ފުރަތަމަ މިނެޓުގައި ބާސެލޯނާ އަށް ލީޑު ނަގައިދިނީ ބްރެޒިލްގެ ރަފީނިއާ އެވެ. އެ ލަނޑު އޭނާ ޖެހީ ފާމިން ލޮޕޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. އޭގެ ފަހުން ދިހަ ވަނަ މިނެޓުގައި ބަޔާންގެ ހެރީ ކޭން ލަނޑެއް ޖެހި ނަމަވެސް، ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު) އިން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ. އޭގެ އަށް މިނެޓު ފަހުން ކޭން ވަނީ ލަނޑު ޖަހައި ބަޔާނަށް ނަތީޖާ ހަމަހަމަ ކޮށްދީފަ އެވެ.

އޭގެ ފަހުން މެޗުގެ 36 ވަނަ މިނެޓުގައި ބާސެލޯނާ އަށް ދެ ވަނަ ފަހަރަށް ލީޑު ނަގައިދިނީ ޕޮލެންޑުގެ ރޮބާޓް ލެވަންޑޯސްކީ އެވެ. އެ ލަނޑު ޖަހަން ލެވަންޑޯސްކީ އަށް ވެސް ފުރުސަތު ތަނަވަސްކޮށްދިނީ ލޮޕޭޒް އެވެ. އޭގެ ފަހުން ފުރަތަމަ ހާފުގެ 45 ވަނަ މިނެޓުގައި ރަފީނިއާ ވަނީ ބާސެލޯނާގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ. މެޗުގެ ދެ ވަނަ ހާފު ފަށައިގެން ކުރީ ކޮޅު ރަފީނިއާ ވަނީ ތިން ވަނަ ލަނޑު ޖަހައި މެޗުގައި އޭނާގެ ހެޓްރިކް ވެސް ހަމަކޮށްފަ އެވެ.

މިއީ ބާސެލޯނާގެ ކޯޗުކަމާ ޖަރުމަނުގެ ހަންސީ ފްލިކް ހަވާލުވީ ފަހުން ބަޔާނާ ދެކޮޅަށް އެ ޓީމުން ކުޅުނު ފުރަތަމަ މެޗެވެ. މީގެ ކުރިން ފްލިކް ބަޔާނަށް އިރުޝާދު ދިންއިރު، ޗެމްޕިއަންސް ލީގުގައި ބަޔާނުން ވަނީ ބާސެލޯނާގެ މައްޗަށް ތަފާތު ބޮޑު ނަތީޖާ އަކުން ކުރި ހޯދައިފަ އެވެ.

ބަޔާން އަތުން ހޯދި މޮޅާއެކު ބާސެލޯނާ އޮތީ މިހާތަނަަށް ކުޅުނު ތިން މެޗުން ހަ ޕޮއިންޓު ހޯދައިގެން 10 ވަނައިގަ އެވެ. ބާސެލޯނާ އަތުން ބަލިވި ބަޔާން އޮތީ ތިން މެޗުން ތިން ޕޮއިންޓާ އެކު 23 ވަނައިގަ އެވެ.

- ކޮމެންޓް