ކ. މާލެ
|
23 އޮކްޓޯބަރ 2024 | ބުދަ 18:16
ގައުމީ ތަފާސްހިސާބުގެ ދުވަހާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވާހަކަދައްކަވަނީ
ގައުމީ ތަފާސްހިސާބުގެ ދުވަހާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވާހަކަދައްކަވަނީ
ހައުސިންގް މިނިސްޓްރީ
ތަފާސްހިސާބުގެ ނިޒާމު ހަރުދަނާކުރުން
ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު ފުރިހަމަކޮށް، ތަރައްގީއަށް ދިމާވާ ގޮންޖެހުތަކަށް ހައްލު ގެނައުމަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު ހައިދަރު
ރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު އިތުރަށް ހަރުދަނާ ކުރަންޖެހޭ
ފަތުރުވެރިކަމުގެ ދާއިރާގެ ކުރިމަގު ދެމެހެއްޓެނިވި ގޮތަކަށް ބައްޓަންކުރުމަށް ތަފާސްހިސާބު ބޭނުންކުރުން އިތުރުވާންޖެހޭ
ރާއްޖޭގައި ކުރިމަގުގައި ކުރެވޭ ބޯހިމެނުންތަކަކީ ހައިބްރިޑް ސެންސަސްއަކަށް ހެދުމަށް ދަނީ ޕްލޭން ކުރެވެމުން

ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމު ފުރިހަމަކޮށް، ރާއްޖޭގެ ތަރައްގީއަށް ދިމާވާ ގޮންޖެހުތަކަށް އަވަސް ހައްލުތަކެއް ގެނައުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހު ގައުމީ ތަފާސްހިސާބުގެ ދުވަހާއި ގުޅިގެން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރު ހައިދަރު ވިދާޅުވީ ދައުލަތުގެ ތަފާސްހިސާބުގެ މައި އިދާރާ އެމް.ބީ.އެސް ގެ އިސްނެގުމުގެމަތިން، ކަމާއިގުޅޭ ދައުލަތުގެ ވުޒާރާތަކާއި، ސްޓޭކްހޯލްޑަރުން ގުޅިގެން އެއްއަމާޒަކަށް މަސައްކަތް ބައްޓަންކޮށް ދުވެލިއަވަސްކުރަންޖެހޭ ކަމަށެވެ.

މިނިސްޓަރު ހައިދަރު ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީގެ އަމާޒުތައް ހާސިލުކުރުމަށް ކަނޑައެޅިފައިވާ އިންޑިކޭޓަރތައް މިނެކިރުމަށް ބޭނުންވާ ތަފާސްހިސާބު ހޯދުމުގައި، ގިނަ ގައުމުތަކެކޭ އެއްފަދައިން، ރާއްޖޭގައި ވެސް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. މިކަމަށް ބޯހިމެނުމާއި ސާވޭތަކުން އެކަނި ފުއްދާނުލެވޭނެކަން މިނިސްޓަރު ހައިދަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ހައިދަރު ވިދާޅުވީ ރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމް ޒަމާނީކޮށް ބިގްޑޭޓާ ބޭނުންކުރަން ފެށިފައިވަނީ މީގެ 5 އަހަރު ކުރިން ކަމަށާއި، އެއް ބޯހިމުނުމާއި އަނެއް ބޯހިމެނުން ދެމެދުގައި ހޭދަވާ ދިގު މުއްދަތުގެ ތެރޭގައި، ރާއްޖޭގެ އާބާދީއަށް އަންނަ ބަދަލުތައް ދެނެގަތުމުގެ މުހިންމުކަމުން މޯބައިލް ފޯން ޕްޒިޝަނިންގ ޑޭޓާ ބޭނުންކޮށްގެން މާލޭގެ އާބާދީ އަށް އަންނަބަދަލު ރިއަލްޓައިމްކޮށް ދެނެގަތުމަށް، އެމް.ބީ.އެސް އިން ޔޫ.އެން.އެފް.ޕީ.އޭ ގެ އެހީގައި އޫރިދޫއާއި ގުޅިގެން ޕައިލެޓްކުރެވުނު ކަމަށެވެ.

ކޮވިޑް 19 ގެ ތެރޭގައި އެޅުނު ފިޔަވަޅުތަކާއި ގުޅިގެން އާބާދީގެ މޮބިލިޓީ ހުރިނެތްގޮތް، ވަޒީފާ ފަދަ ކަންކަމުގައި ކުރި އަސަރުތައް، ގިނަގައުމުތަކުގައި ވަނީ ޒަމާނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ދެނެގަނެވި ޑޭޓާ އާއި އިންޓެލިޖަންސް ގެ އެހީގައި ދެނެގަނެ ފިޔަވަޅުތައް އަޅާފައި. ރާއްޖޭގައި ވެސް އެދުވަސްވަރު ބިގް ޑޭޓާ ގެ އެހީގައި މިފަދަ ދިރާސާއެއްވެސް ކުރެވުނު. ނަމަވެސް، އޭރު އެ މަސައްކަތް ކުރިއަށް ގެންދިއުމަށް އެޅުނު އެންމެ ބޮޑު ހިރާސްއަކީ އެމް.ބީ.އެސް އަށް މައުލޫމާތު ލިބުމުގެ ހުރި ގޮންޖެހުންތައް. މިއަދުވެސް އަދި އެ ހިރާސްތައް އެއްކޮށް ނައްތާލެވިގެން ނުދޭ. އަދިހަމަ މިފަދަ މައުލޫމާތުގެ އަލީގައި ގައުމީ ފެންވަރުގައި ގަވާއިދުން ތަފާސްހިސާބު އެކުލަވާލުމަށް ބޮޑެތި ގޮންޖެހުންތަކެއް އަދިވެސް އެބަހުރިކަން އަޅުގަނޑު ފާހަގަކުރަން. އެއްކަމަކީ މިފަދަ ޑޭޓާ އަކީ ޕްރައިވެޓް ސެކްޓަރގައި އެއްކުރެވި ރައްކާކުރެވޭ އެއްޗަކަށްވުމުން މި ޑޭޓާ އަށް ލިބުމުގެ ދަތިތަކާއި އަދި މިކަމަށް ބޭނުންވާ ޓެކްނޮލޮޖީ އާއި އިންސާނީ ވަސީލަތްތައް ތަރައްޤީކޮށް އެސްޕެރިމެންޓަލް ސްޓެޓިސްޓިކްސް އެކުލަވާލުމުގެ މަސައްކަތް ކުރުމަށް ބޭނުންވާ އިންވެސްޓްމަންތަކަށް ބޭނުންވާ ފައިސާލިބެން ނެތުން. މިކަންކަމަށް މަގުފަހިކުރުމަށް ބައިނަލް އަޤްވާމީ ފެންވަރުގައި މަސްރަހުގައި ގިނަ މަސައްކަތްތައް ވަނީ ކުރެވިފަ.
ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު

ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ގާނޫނު އިތުރަށް ހަރުދަނާކުރުމަށް ގެންނަންޖެހޭ ބަދަލުތައް މިސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނިފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ހައިދަރު ވިދާޅުވީ 2040 އަންނަންވާއިރަށް ރާއްޖެއަކީ ތަރައްގީވެފައިވާ ގައުމަކަށް ހެދުމަށް އުންމީދީ ތަސައްވަރެއް އެބައޮތް ކަމަށެވެ. އަދި މިއަމާޒަށް ދަތުރުކުރުމަށް މިގައުމުގެ ތަފާސްހިސާބުގެ ނިޒާމް ތަރައްގީކޮށް އާ ހަރުފަތަކަށް ގެންދަންޖެހޭ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ހައިދަރު ވިދާޅުވީ ގައުމެއްގެ ތަފާސްހިސާބުގެ ނިޒާމް ކުރިއަރާ މިންވަރާއި ގައުމުގެ ޑިމޮކްރަސީ އާއި ގުޑް ގަވަރނަންސްއާއި ހުރިގުޅުން ބައިނަލް އަގުވާމީ ފެންވަރުގައި މިނެކިރުމަށް ރިއާޔަތްކުރެވޭ ކަމަށެވެ. އަދި ރާއްޖޭގައި އެންމެ ބޮޑު ސިނާއަތްކަމުގައިވާ ފަތުރުވެރިކަމުގެ ސިނާއަތުގެ ޑޭޓާ ހިއްސާކުރުން އިތުރުވެ ފަތުރުވެރިކަމުގެ ދާއިރާގެ ކުރިމަގު ދެމެހެއްޓެނިވި ގޮތަކަށް ބައްޓަންކުރުމަށް މިތަފާސްހިސާބު ބޭނުންކުރުން އިތުރުވާންޖެހޭ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

އެގޮތުން ޓެކްސް ނެގޭނެ ރޭޓްތަކުން ފެށިގެން މިދާއިރާއަށް ބޭނުންވާނެ އެނދުގެ އަދަދާއި އަދި މި ސިނާއަތަށް ބޭނުންވާނެ އެކި ވަޒީފާތަކަށް ބޭނުންވާނެ މުވައްޒަފުން ޓްރެއިނިންގ އާއި ހަމައަށް ޕްލޭންކުރުމަށް ވެސް މި މައުލޫމާތު ބޭނުންކުރެވެންޖެހޭ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ. އަދި ވިދާޅުވީ ޓެކްސް ނެގޭނެ ރޭޓްތަކުން ފެށިގެން މިދާއިރާއަށް ބޭނުންވާނެ އެނދުގެ އަދަދާއި، މި ސިނާއަތުގެ ތަފާތު ވަޒީފާތަކަށް ބޭނުންވާ ތަމްރީނު ހޯދައިދިނުމަށް ޕްލޭންކުރުމުގައި ވެސް މައުލޫމާތު ބޭނުންކުރަންޖެހޭ ކަމަށެވެ.

ބޯހިމެނުމާއި ސަރވޭތައް ކުރުމުގައި 2019 އިން ފެށިގެން އެމް.ބީ.އެސް އިން ބޭނުންކުރަނީ ޓެބްލެޓް އަދި ޑޭޓާ އެއްކުރެވެނީ ޑިޖިޓަލް ޕްލެޓްފޯމްތައް މެދުވެރިކޮށް. 2022 އަދި 2022 ވަނަ އަހަރު، ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖިއޯ ކޯޑަޑް ސެންސަސް އެއްކުރެވި އަތޮޅުތަކާއި، ރަށްރަށުގެ މެދުގައި ހުރިފަރަގު ފާހަގަކުރުމަށް ފަސޭހަވާގޮތަށް ޖިއޯ ސްޓެޓިސްޓިކަލް ކެޕޭސިޓީ ބިލްޑްކުރުމަށް މަސައްކަތްތަކެއް ވެސް ކުރެވި މިމަސައްކަތްދަނީ އިތުރަށް ހަރުދަނާކޮށް ތަރައްގީކުރެވެމުން. ފަންނިއްޔާތާއި އާލާތްތައް ދައުލަތުގެ އެހެން އިދާރާތަކާއި ހިއްސާކޮށް ފަންނީ ލަފާދުނުމުގެ ގާބިލްކަންވަނީ ގާއިމްކުރެވިފަ. މިގޮތުން މިއަހަރު އެކަނިވެސް ސަރުކާރުގެ 3 އޮފީހެއްގެ ސަރވޭ ކުރުމަށް އެމް.ބީ.އެސް އިންވަނީ ސުވާލުކަރުދާސް ހެދުމުން ފެށިގެން އެނާލިސިސް ހެދުމާއި ހަމައަށް ބޭނުންވާ ފަންނީ ލަފާ ފޯރުކޮށްދީފައި.
ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު

ރާއްޖޭގައި ކުރިމަގުގައި ކުރެވޭ ބޯހިމެނުންތަކަކީ ހައިބްރިޑް ސެންސަސްއަކަށް ހެދުމަށް ޕްލޭން ކުރެވެމުންދާކަން ފާހަގަކުރައްވައި މިނިސްޓަރު ހައިދަރު ވިދާޅުވީ ރަޖިސްޓްރީތައް ތަރައްގީވާ މިންވަރަކުން ދޮރުންދޮރަށް ގޮސްގޮސްގެން މައުލޫމާތުނެގޭ ނިސްބަތް ކުޑަކުރެވި، ބިގް ޑޭޓާ ފަދަ އޯލްޓަރނޭޓިވް ޑޭޓާ ސޯސްތަކުގެ އެހީގައި ބޯހިމެނުމުގެ ޑޭޓާ ކޮލިޓީ ދެނެގަނެ އިތުރަށް ފެންވަރު ރަނގަޅުކޮށް ދުރުރާސްތާގައި މިކަމަށް ކުރެވޭ ހޭދަ ކުޑަކުރުމަށް މަގުފަހިވާ ކަމަށެވެ. މިއީ ދުނިޔޭގެ ތަރައްގީވެފައިވާ ގިނަ ގައުމުތަކުން މިހާރު މިސްރާބުޖަހާފައިވާ ދިމާކަން މިނިސްޓަރު ހައިދަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ހައިދަރު ވިދާޅުވީ ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާގެ ދުރުރާސްތާ ތަސައްވަރު (އެންއެސްޑީއެސް 2021 – 2030)ގެ އަމާޒުތަކަށް ވާސިލްވުމަށް ދައުލަތުގެ ތަފާސްހިސާބުގެ މަސައްކަތްކުރާ އިދާރާތައް ގުޅިގެން، ސެކްޓޯރަލް އެކްޝަން ޕްލޭން އެއް 2025ން 2027ށް އެކުލަވާލާ ދައުލަތުގެ ބަޖެޓަށް ހުށަހެޅިފައިވާ ކަމަށެވެ.

އިދާރީގޮތުން ދައުލަތުން ނަގާ ބަލަހައްޓަމުންގެންދާ މަޢުލޫމާތު އެކިއެކި ޑޭޓާބޭސްތައް ސްޓޭންޑަރޑައިޒްކޮށް، ފެންވަރު ރަނގަޅު ތަފާސްހިސާބު އަވަސްމިނެއްގައި އެލަވާލުމަށް ބޭނުންވާ އިންވެސްޓްމަންޓްތަކަށް ފައިސާ ބޭނުންވާނެވަރުވެސް މިޕްލޭންގައި ވާނީހިމެނިފައި. ރާއްޖޭގެ ތަފާސްހިސާބުގެ ދާއިރާގެ ސްކްލިސްއާއި ބޭނުންވާ ހުނަރުތައް މިމަސައްކަތުގައި ހަރަކާތްތެރިވާ ދައުލަތުގެ މުވައްޒަފުންނަށް އުގަންނައިދިނުމަށް ޓަކާ "ނެޝަނަލް ސްޓެޓިސްޓިކަލް ކެޕޭސިޓީ ޑިވެލޮޕްމަންޓް އެންޑް ރިސަރޗް ސެންޓަރ" ވެސް  މިހާރު ވަނީ ގާއިމްކުރެވިފަ. އަދި މިކަމަށް ބޭނުންވާ ޕާޓްނަރޝިޕްތައް ގާއިމްކުރުމަށް ދަނީ މަސައްކަތްކުރަމުން.  އަދި ދައުލަތުގެ އެކިއިދާރާތަކުން ނަގާބަލަހައްޓާ އެކިއެކި ރެޖިސްޓަރތައް، ސްޓޭންޑަޑައިޒްކޮށް އޭގެ ކަވަރޭޖް އާއި ޑޭޓާ ކޮލިޓީ ވަޒަންކޮށް، ގަވައިދުން އަޕްޑޭޓްކުރުމާއި މިމައުލޫމާތު އެމް.ބީއެސް.އިން ބޭނުންކޮށްގެން ރެޖިސްޓރ ބޭސްޑް ސްޓެޓިސްޓިކްސް އެކުލަވާލުމަށް ވަނީ ރޭވިފައި.
ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު

މިނިސްޓަރު ހައިދަރު ވިދާޅުވީ ދިވެހިރާއްޖޭގެ ތަފާސްހިސާބުގެ ނިޒާމަކީ ލާމަރުކަޒީ ނިޒާމެއްކަމުން، ޒަމާނީ ފަންނިއްޔާތުގެ އެހީގައި މިނިޒާމް އިތުރަށް ފުރިހަމަކޮށް، ނެގޭ މައުލޫމާތުތަކުގެ އަލީގައި ސިޔާސަތުތައް ބައްޓަންކޮށް ރާއްޖޭގެ ތަރައްގީއަށް ދިމާވާ ގޮންޖެހުތަކަށް އަވަސް ހައްލުތަކެއް ގެނައުމުގެ މަސައްކަތް ހަލުވިކުރަންޖެހޭ ކަމަށެވެ.

އެގޮތުން ދައުލަތުގެ ހުރިހާ އިދާރާތަކަކުންވެސް އެއިދާރާއެއްގެ ތެރެއިން އެއްކޮށް އެކުލަވާލެވޭ ތަފާސްހިސާބު ރަނގަޅަށް ބެލެހެއްޓުމުގެ މުހިއްމުކަން ވަރަށް ބޮޑު ކަމަށާއި، ގައުމުގެ ކުރިއެރުމަށް އިދާރާތަކާއި ކައުންސިލްތަކުގައި ހަރަކާތްތެރިވާ އެންމެންވެސް ތަފާސްހިސާބަށް އަހުލުވެރިކުރުވި، ކަންކަން ނިންމުގައްޔާއި އިދާރާތަކުގެ ހިންގުން ހަރުދަނާކުރުމަށް، ތަފާސްހިސާބު ބޭނުންކުރާ މިންވަރު މިހާރަށްވުރެ އިތުރުކުރަންޖެހޭ ކަމަށް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

އަދުގެ ޒުވާންޖީލަކީ ޑޭޓާ ދެނެގަނެ އޭގެ ބޭނުންކުރުމަށް އާދަވެފައިވާ، ޒަމާނީ ފަންނިއްޔާތުގެ އެހީގައި ތަރައްގީއަށް ކުރިމަތޮވެފައިވާ ގޮންޖެހުންތަކަށް އީޖާދީ ހައްލުތަކެއް ހޯދާ ބަޔަކަށް ހެދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށް ވެސް މިނިސްޓަރު ހައިދަރު ވިދާޅުވިއެވެ.

މިއަހަރަކީ ގައުމީ ފެންވަރެއްގައި ތަފާސްހިސާބުގެ ދުވަސް ފާހަގަކުރެވޭ ތިންވަނަ އަހަރެވެ. މިއަހަރުގެ ޝިއާރަކީ"ސްޓެޓިސްޓިކް ފޯ އެން އިންޓެލިޖަންސް ޑްރިވަން ފިއުޗަރ" އެވެ.

- ކޮމެންޓް