ކ. މާލެ
|
23 އޮކްޓޯބަރ 2024 | ބުދަ 16:02
ޝަންގްރިއްލާ ހުޅުވަން އަނެއްކާވެސް ގާނޫނަށް ބަދަލު ގެންނަ ވާހަކަތަކެއް
ޝަންގްރިއްލާ ހުޅުވަން އަނެއްކާވެސް ގާނޫނަށް ބަދަލު ގެންނަ ވާހަކަތަކެއް
ގޫގުލް
ޝަންގްރިއްލާ ހުޅުވުން
"ޝަންގްރިއްލާ ހުޅުވަން ގާނޫނީ ހުރަހެއް ނެތް، މިނިސްޓަރު މަޖިލީހުގައި ދެއްކެވީ ދެކޮޅު ނުޖެހޭ ވާހަކަތަކެއް"
ވެރިންނާއި ބައްދަލުކުރިކަމަށް ވިދާޅުވެ މިނިސްޓަރު ހެދީ ކަނޑައެޅިގެން ދޮގު
ޝަންގްރިއްލާ ހުޅުވަން 30 އިންސަތަ ހިއްސާ ސަރުކާރުން ވަނީ ދޫކޮށްފައި

ޝަންގްރިއްލާ ރިސޯޓް ހުޅުވަން މި ސަރުކާރުން ދިން ތާރީހު ފަހަނައަޅައިގޮސް، އެ މައްސަލަ އޮތީ ކޮން ހިސާބެއްގައި ކަމެއްވެސް މިނިސްޓަރަށް އެނގިވަޑައިނުގަންނަވާ ކަމަށް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް ވިދާޅުވެއްޖެއެވެ.

ނާޒިލް މިފަދައިން ވިދާޅުވީ ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް މަޖިލީހުގައި ދެއްކެވި ވާހަކައާއި ގުޅިގެން ރާއްޖެއެމްވީއާއި ވާހަކަ ދައްކަވަމުންނެވެ. ނާޒިލް ވިދާޅުވީ ޝަންގްރިއްލާ ހުޅުވުމަށް ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށެވެ. އަދި އެކަން ކުރީ ނިމިދިޔަ ސަރުކާރުގައި ކަމަށާއި، އެންމެ ފުރަތަމަ ކަމަކަށް ލޭންޑް ރެންޓް މުޅި ރާއްޖޭގައި އެކި ސަރަހައްދުތަކަށް ބަދަލު ގެނެސް، ޝަންގްރިއްލާގެ 30 އިންސައްތަ ހިއްސާ ދޫކޮށްފައިވާ ކަމަށެވެ. އަދި މި ސަރުކާރުގެ ރިޔާސީ ވައުދަކީ 6 މަސް ތެރޭގައި ހުޅުވުން ކަމަށާއި، އެހެންވީމަ މިނިސްޓަރު ހެދީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

ނާޒިލް ވިދާޅުވީ މިނިސްޓަރު ދެއްކެވި ވާހަކައިގެ ތަފްސީލެއް ނުދެއްވާ ކަމަށާއި، މިހާތަނަށް އިސްފަރާތަކާއެކީ މަޝްވަރާއެއް އަދި ހައްލު ހޯދުމަށް މަސައްކަތް ކޮށްފައިވާކަމަށް މިނިސްޓަރު ވިދާޅުވިނަމަވެސް އެފަދަ މަސައްކަތެއްވެސްކޮށްފައި ނުވާ ކަމަށެވެ. މިނިސްޓަރު އެއްފަހަރު ވިދާޅުވީ އެ ބޭފުޅުންނާއި ބައްދަލުކުރެއްވި ވާހަކަ ކަމަށާއި، ދެން ވިދާޅުވީ ބައްދަލުކުރައްވާނެ ވާހަކަ ކަމަށާއި، އެހެންކަމުން މިނިސްޓަރު ދައްކަވާ ވާހަކަ ދެކޮޅު ނުޖެހޭ ކަމަށް ނާޒިލް ވިދާޅުވިއެވެ.

މިނިސްޓަރު މަޖިލީހުގައި ވިދާޅުވީ ޝަންގްރިއްލާ އޮޕަރޭޝަނަށް ގެނައުމަކީ ވަރަށް ޚާއްސަ އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެއް ކަމަށެވެ. އަދި މިނިސްޓްރީން ވާނީ ޝަންގްރިއްލާގެ އޯނަރުންނާ ބައްދަލުކުރުމަށް ޓީމެއް ވަރަށް އަވަހަށް އެ ބޭފުޅުން ތިއްބެވި ތަނަކަށް ދާނެ ކަމަށެވެ.

ދެން ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ޝަންގްރިއްލާ ހުޅުވުން، ދިވެހިރާއްޖޭގައި ގާނޫނު އޮތްގޮތުން، އަޅުގަނޑު ހަމަ މިކަން ފާހަގަކޮށްލަން ބޭނުން. ރަށެއް ނަގާފައި ޑިވެލޮޕްކޮށްފައި އެ ރިސޯޓެއް ބަންދުކޮށްގައި ބޭއްވުމަކުން އެ ރިސޯޓެއް އެ ތަނުން ނެގޭނެ ގޮތެއް ނޯވޭ. ބަރާބަރަށް ރެންޓު ދައްކަމުންދާ ކަމަށް ވަންޏާމު. އެހެންވީމާ އަޅުގަނޑަށް ގަބޫލުކުރެވެނީ ޝަންގްރިއްލާ ހުޅުވުމަށް ޓޫރިޒަމް ގާނޫނަށް ގެންނަންޖެހޭ އިޞްލާޙެއް ގެނެސްގެން އެކަން ކުރަންޖެހޭކަމުގައި ވިޔަސް އެކަން ކުރާނެ ވާހަކަ އިއްޒަތްތެރި މެންބަރުގެ ސަމާލުކަމަށް ދަންނަވައިލަން. އަދި ރައީސުލްޖުމްހޫރިއްޔާގެ ވަޢުދު الله ގެ ހެޔޮ ރަޙުމަތާއެކީ އަޅުގަނޑުމެން ފުއްދާނެ ވާހަކަ ވެސް ދަންނަވައިލަން.
ޓުއަރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް

ޝަންގްރިއްލާގެ ވާހަކައާއި ގުޅޭގޮތުން ކުރީގެ ޓުއަރިޒަމް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ހިއްސާ ގަނެ ވިއްކުމުގެ މައްސަލައެއް ނެތް ކަމަށާއި، ފައިސާގެ މައްސަލައެއްވެސް ނެތް ކަމަށެވެ. އަދި ސަރުކާރުން ދޫކޮށްލަންޖެހޭ ހިއްސާ ދޫކޮށްފައިވާއިރު، ގާނޫނީ ގޮތުން އެތަން ހުޅުވަން ހުރަހެއް މިހާރަކު ނެތް ކަމަށެވެ.

ސަރުކާރުގައި އޮތް ޝަންގްރިއްލާ ރިސޯޓުގެ 30 އިންސައްތަ ހިއްސާ ދޫކޮށްލެވޭގޮތަށް ޓުއަރިޒަމް ޤާނޫނަށް ހުށަހެޅި އިސްލާހާއެކު، ދިވެހިރާއްޖޭގެ ޓުއަރިޒަމާއި ބެހޭ ގާނޫނަށް ގެނައި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ޖުލައި 1، 2022 ގައެވެ.

މި އިސްލާހުގައި ބުނެފައިވަނީ ފަތުރުވެރިކަމުގެ ބޭނުމަށް ތަރައްގީކުރުމަށް ސަރުކާރުން ކުއްޔަށް ދޫކޮށްފައިވާ ރަށެއްގައި ނުވަތަ ފަޅެއް ނުވަތަ ބިމެއްގައި ކޮށްފައިވާ އިންވެސްޓްމަންޓް ވިއްކާލަން ބޭނުންވެއްޖެނަމަ، ނުވަތަ ސަރުކާރާއި ރަށް ނުވަތަ ފަޅު ނުވަތަ ބިން ކުއްޔަށް ހިފާ ފަރާތާ ދެމެދުގައި ކޮށްފައިވާ އެގްރީމަންޓުގެ ދަށުން ކުއްޔަށް ހިފާ ފަރާތަށް ލިބިފައިވާ ހައްގުތައް އެހެން ފަރާތަކަށް ވިއްކާލާނަމަ ނުވަތަ ބަދަލުކުރާނަމަ، އަމަލުކުރާނެ ގޮތް ވަނީ މާއްދާގައި ހިމަނާފައެވެ.

ނަމަވެސް މިކަމާއި ގުޅޭގޮތުން ޓުއަރިޒަމް މިނިސްޓްރީން ބުނެފައިވަނީ ޝަންގްރިއްލާ އޮތީ ހުޅުވާފައި ކަަމަށެވެ. އެއީ އެ ރިސޯޓުން ބަރާބަރަށް ލޭންޑް ރެންޓާއި ފައިލްކުރަންޖެހޭ ހުރިހާ ރިޕޯޓެއް ހުށަހަޅާ ކަމަށެވެ. ހަމައެކަނި އެތަނަށް ފަތުރުވެރިން ނާންނަކަމަށެވެ. އެހެންކަމުން ރިސޯޓް ހުޅުވާފައި އޮތްނަމަވެސް ދައުލަތަށް ފައިދާއެއް ނުވާނަމަ، އެކަން ބަދަލުކުރަން ޖެހޭ ކަމަށާއި، ގާނޫނަށް އިސްލާހެއް ގެންނަން ނިންމާފައިވަނީ އެ ސަބަބާހެދި ކަމަށެވެ.

އޭޖީ އޮފީހުން ބުނީ ފަތުރުވެރިކަމާއި ބެހޭ ގާނޫނަށް އިސްލާހު ގެނައުމަށް އެދިފައިނުވާ ކަމަށެވެ. އަދި އެކަމުގެ މަޝްވަރާއެއްވެސް ކޮށްފައި ނުވާ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ތެރޭގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނީ ކޮވިޑް ބަލިމަޑުކަމުގެ ތެރޭ ބަންދުކުރި ޝަންގްރިއްލާ ވިލިނގިލި ރިސޯޓު، ވެރިކަމުގެ ފުރަތަމަ އަހަރު ހުޅުވައި، އައްޑޫގެ ޓޫރިޒަމް ފުޅާ ކުރުމުގެ ސިޔާސަތެއްގެ ދަށުން، އިތުރު މަންޒިލްތަކަށް އުދުހޭ ގޮތަށް އައްޑޫ ބައިނަލްއަގުވާމީ އެއާޕޯޓު ތަރައްގީކޮށްދެއްވާނެ ކަމަށެވެ. އެގޮތުން ޝަންގްރިއްލާ ރިސޯޓު ވަރަށް ސަމާލުކަން ދީގެން، ސަރުކާރުގެ ފުރަތަމަ އަހަރު، 2024ގެ ކުރީކޮޅު އެ ރިސޯޓު އޮޕަރޭޝަނަށް ގެނެސްދެއްވާނެ ކަމަށް ރައީސް އިންތިހާބުގެ ތެރޭގައި ވިދާޅުވެފައިވެއެވެ.


Advertisement
- ކޮމެންޓް