ގޯއްޗާއި، ފްލެޓުތައް ހިފަހައްޓާފައިވާއިރު، ރައްޔިތުންގެ ދަރުބާރު ކައިރިން ވެސް ރައްޔިތުންގެ އަޑު އަހަން މިސަރުކާރު ނުކުޅެދިފައިވާ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފިއެވެ.
ހޯމަ ދުވަހުގެ ހެނދުނު ރައްޔިތުންގެ މަޖިލިސް ކައިރިއަށް 9:45 ގައި ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ވަނީ އެއްވެފައެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން 100 ފޫޓަށް ވުރެ ދުރަށް ވަނީ ދުރަށް ޖައްސާފައެވެ. މި މުޒާހަރާގެ އިސްސަފުގައި އެމްޑީޕީގެ ގިނަ މެންބަރުންނާއި، އެމްޑީޕީގެ މަޖިލިސް މެންބަރުން ވަނީ ބައިވެރިވަޑައިގެންފައެވެ.
މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ ރައްޔިތުންގެ ހައްގުތައް ގެއްލުވާލާފައިވާ ކަމަށާއި، މިމައްސަލައަށް އެތައް ދުވަހެއް ވެފައިވާ ކަމަށެވެ. މަޖިލިސް ކުރާ ގެކައިރީގައި މުޒާހަރާ ކުރަން ބޭނުންވަނީ ރައްޔިތުން މަންދޫބުން ކަމުގައިވާ މަޖިލިސް މެންބަރުންނަށް ރައްޔިތުންގެ ކަންބޮޑުވުންތަކާއި، އަޑު އިއްވަން ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވެއެވެ. ސުލްހަވެރިކަމާއެކު ކުރިއަށް ގެންދާ މި މުޒާހަރާއަކީ ސަރުކާރު ވައްޓާލަން ކުރިއަށް ގެންދާ މުޒާހަރާއެއް ނޫން ކަމަށާއި، ބޭނުންވަނީ ލިބިފައިވާ ހައްގުތައް ކަށަވަރު ކުރުމަށް ކަމަށް އެމީހުން ބުނެއެވެ. ނަމަވެސް މަޖިލިސް ކުރާ ގެއާ ދުރަށް ޖައްސާފައިވާތީ ކަންބޮޑުވާ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވެއެވެ.
މުޒާހަރާގައި ބައިވެރިވަޑައިގެން މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި މަޖިލިސްކުރާ ގޭގެ ދޮރުމަތީގައި މުޒާހަރާކޮށްފައިވާ ކަމަށާއި، މަޖިލިސް އިދާރާގެ ފާރު މައްޗަށް ވެސް އޭރުގެ މުޒާހަރާގެ ބައިވެރި އަރާ އަޑު އުފުލާފައިވާ ކަމަށެވެ. ނަމަވެސް މިސަރުކާރުގައި ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އަހަން ބޭނުންނުވެ މުޒާހަރާގެ ބައިވެރިން ފަހަތައް ޖައްސާފައިވާތީ އެކަން ބަލައި ނުގަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.
ކުރީ ސަރުކާރުގައި ދީފައިވާ ގޯއްޗާއި، ފްލެޓުތަކުގެ މައްސައަކީ ބޮޑު މައްސަލައެއްކަން ފާހަގަކުރައްވައި ރާއީ ވިދާޅުވީ މިއީ މުޅި ރާއްޖޭގެ ރައްޔިތުންގެ ބޮޑު ކަންބޮޑުވުމެއް ކަމަށާއި، އަވަސް ހައްލެއް ބޭނުންވާ ކަމަށެވެ. އަދި ވިދާޅުވީ މާލެސިޓީ ތަމްސީލްކުރާ މަޖިލިސް މެންބަރުންނަށް މާލޭގެ ރައްޔިތުންގެ ބޯހިޔާވަހިކަމުގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރަން ބޭނުންވާ ކަމަށާއި، ނަމަވެސް އެކަމަށް ހުރަސް އެޅުމަށް މިސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހަކީ އެބޭފުޅުންގެ ރައްޔިތުންގެ ދަރުބާރު. އެތާކައިރިއަށް އައިސްފައި އެބޭފުޅުންގެ ޝުއޫރުފާޅު ނުކުރެވޭ ކަމަށްވާނަމަ ރައްޔިތުންގެ މަޖިލީހަށް މެންބަރުން ވޯޓު ދީގެން ހޮވުމުގެ ބޭނުމެއް ނެތް. ހަމައެގޮތަށް ރައްޔިތުން މަޖިލީހުގެ ބޭނުމެއް ވެސް ނެތް. ރައްޔިތުންގެ އިހުސާސްތައް ދެނެގަނެ، ރައްޔިތުންގެ އަޑު އިއްވަން ތިބި ބައެއް އެއީ . އެހެންވީމަ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މިފުރުސަތު ވީހާ ވެސް ބޮޑަކަށް ދޭންޖެހޭ. ވީހާ ވެސް ގާތުން އަޑު އިއްވޭ ގޮތަށް ފުލުހުން އެކަންކަން ހަމަޖައްސައިދޭންޖެހޭ.މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ރާއީ
ރައްޔިތުންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ގޮވާލައި، ހޯމް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) ވިދާޅުވީ މި ސަރުކާރަކީ ޣައިރު ގާނޫނީގޮތުން ހުރިހާ ކަމެއްކުރާ ސަރުކާރެއް ކަމަށެވެ.
ގޯއްޗާއި ފްލެޓުގެ މައްސައަކީ ގައުމީ ބޮޑު މައްސަލައެއް ކަމަށާއި، މިސަރުކާރުން މަސައްކަތް ކުރަނީ ޣައިރުގާނޫނީ ގޮތުން ރައްޔިތުންގެ ބޯހިޔާވަހިކަން ނިގުޅައިގަތުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މިސަރުކާރުގެ ރައްޔިތުން މަޖިލީހުގެ ކޮންމެ މެންބަރަކަށް 20 ފްލެޓު ދިނުމަށް ސަރުކާރުން ނިންމާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ އެކަމަށް އިޝާރާތް ކުރައްވައި ސަލީމް ވިދާޅުވީ ބައެއް ރަށްރަށުން މީހުން އައިސް ފްލެޓުތައް ބަލަމުންދާ ކަމަށާއި، މިކަމުގެ ހަގީގަތް ސަރުކާރުން ހާމަކުރަންޖެހޭ ކަމަށެވެ. އަދި ވިދާޅުވީ ރައްޔިތުން މަޖިލީހަކީ ދައުލަތުގެ ތިން ބާރުގެ ތެރެއިން އެއްބާރު ކަމަށްވާއިރު، މިމައްސަލަ ބަލައި ރައްޔިތުންގެ ހައްގު ކަށަވަރުކޮށްދޭން ޖެހޭ ކަމަށާއި، ފްލެޓު ލިސްޓް ގަނޑުބަނޑު ކުރުމުގެ ފުރުސަތު ދީގެން ނުވާނެ ކަމަށެވެ.
މި މުޒާހަރާގެ ތެރެއިން ސަރުކާރަށް ރައްޔިތުންގެ ފަރާތުން ޚާއްސަ މެސެޖެއް ފޯރުކޮށްދިނުމަށް އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން ވިދާޅުވީ ރައްޔިތުންގެ ހިތުގައި ނުތަނަވަސްކަން އުފައްދައިގެން މިގައުމުގެ މުސްތަގުބަލް އުޖާލާ ނުވާނެ ކަމަށެވެ. އަދި ކުރީ ސަރުކާރުގައި ދީފައިވާ ގޯއްޗާއި، ފްލެޓުތައް އެއޮތް ގޮތަށް ދޭންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން މުޒާހަރާގެ ބައިވެރިން ބުނެފައިވަނީ މައްސަލައަށް ހައްލު ލިބެންދެން ސިލްސިލާ މުޒާހަރާތައް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި 100 ފޫޓަށްވުރެ ފަހަތަށް ޖެއްސެވި ސީދާ ސަބަބު ފުލުހުން ހާމަކޮށްދީފައިނުވާއިރު، ރައްޔިތުންގެ މަޖިލީހަކީ ރައްޔިތުންގެ ދަރުބާރެއް ކަމަށާއި، މަޖިލީހުގައި ތިއްބަވާ ރައްޔިތުންގެ މެންބަރުންނަށް އަޑު އިވެންދެން އަދި ހައްގުތައް ކަށަވަރުވަންދެން އަޑު އުފުލާނެ ކަމަށް މުޒާހަރާގެ ބައިވެރިން ބުނެފައިވެއެވެ.