ބުދަ ދުވަހުގެ ރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މާފަންނު ކުނޫޒް ސަރަހައްދުގައި ކުރިއަށްގެންދިޔަ ހިނގާލުމުގެ ތެރެއިން ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ފުލުހުން ހައްޔަރު ކޮށްފިއެވެ.
އެ ސަރަހައްދުގައި ހުރި ރާއްޖެޓީވީގެ ރިޕޯޓަރު މުހައްމަދު ވިސާމް ބުނީ، ސަމީރު ހައްޔަރު ކޮށްގެން ގެންދިޔައީ ފަހަތަށް ބިޑިއަޅުވައިގެންކަމަށެވެ.ސަމީރު ހައްޔަރު ކޮށްފައި މި ވަނީ، ރާއްޖެޓީވީއަށް ވަގުތުން އިންޓަވިއުއެއް ދެއްވަމުން ގެންދަވަނިކޮށެވެ.
ސަމީރުގެ ވާހަކަފުޅުގައި، ސުލްހަވެރި ސިޔާސީ ހަރަކާތަށް ޖާގަދީ، ސަރުކާރުން ހިންގަމުންދާ ގާނޫނާއި ޚިލާފު ކަންކަން ހުއްޓާލުމަށް ވަނީ ގޮވާލާފައެވެ.
މަޖިލީހުގެ މެމްބަރުންނަށް ކުރިމަތިކުރުވަމުން އަންނަ އަނިޔާތަކާއި ދެކޮޅަށް ބުދަދުވަހުގެ ރޭ ކުރިއަށް ގެންދާ އިހްތިޖާޖުގައި ސަމީރު ވިދާޅުވީ، ކުރިން ހުއްދަ ހޯދުމަކާއި ނުލައި އެއްވެ އުޅޭވޭނެކަމަށް ގާނޫނު އަސާސީގައި ލިޔެފައި އޮތް އިރު މިރޭ ވެސް ދިވެހި ރައްޔިތުން ޕްރެކްޓިކް ކުރައްވަމުން އެ ގެންދަވަނީ އެފަދަ ހަރަކާތެއް ކަމަށާއި، ސަރުކާރު ޖަވާބު ދާރީ ކުރުވުމަށް ރައްޔިތުން އަޑު އުފުލަމުން ދާ ދިއުމަށް ފުލުހުން ވެސް ޖާގަދޭން ޖެހޭ ކަމަށެވެ.
ސަމީރު ވިދާޅުވީ، މުޒާހަރާ ކުރަމުން ދަނީ ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރި ވެފައިވާ ކަމަށް ރައީސް ޔާމީން އަމިއްލަފުޅަށް އިއުތިރާފްވެވަޑައިގެންފައި ވާތީ ކަމަށެވެ. . އަދި އެއީ ދިވެހިރައްޔިތުންނަށް ލިބިގެންވާ ހައްގެއް ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފުލުހުން މީހުން ހައްޔަރު ކުރަނީ ރައީސް ޔާމީންގެ އަނިޔާވެރިކަމުގެ ތެރެއިން އެމަނިކުފާނުގެ ހިތްހަމަޖެހުމަށް ކަމަށެވެ. އަދި އެއީ ގާނޫނާއި ގަވާއިދުގެ ތެރެއިން ކުރާ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެގޮތަށް އާއްމުން ހައްޔަރު ނުކުރުމަށް ގޮވާލާ ކަމަށާއި ފުލުހުން ވެސް ގާނޫނާއި އެއްގޮތަށް މުޒާހަރާގެ ބައިވެރިންނަށް އެ ފުރުސަތު ދީ މީހުން ހިމާޔްތްކޮށް އެ ފުރުސަތު ތަނަވަސްކޮށްދިނުމަށް ފުލުހުނަށް ސަމީރު ވަނީ ގޮވާލައްވާފައެވެ.