ކ. މާލެ
|
20 އޮކްޓޯބަރ 2024 | އާދީއްތަ 09:13
ޤައުމީ ޓީމުގެ ފަރިތަކުރުމެއްގެ ތެރެއިން
ޤައުމީ ޓީމުގެ ފަރިތަކުރުމެއްގެ ތެރެއިން
އެފްއޭއެމް
ޤައުމީ ފުޓުބޯޅަ ޓީމު
އަހަރަކަށް ފަހު ޤައުމީ ޓީމުން ބައިނަލްއަޤުވާމީ މެޗުތަކެއް ކުޅެނީ
އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން 19 ވަނަ ދުވަހަށް އޮންނަ ފީފާ ބްރޭކުގައި ރާއްޖެ އިން މެޗުތަކެއް ކުޅުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

ގިނަ ދުވަސްތަކަކަށްފަހު ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމުން، ބައިނަލްއަޤުވާމީ މެޗުތަކެއް ކުޅުމަށް ނިންމައިފި އެވެ.

ޤައުމީ ފުޓުބޯޅަ ޓީމުން އެންމެ ފަހުން ބައިނަލްއަޤުވާމީ މެޗެއް ކުޅުނީ މިދިޔަ އަހަރު އެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަަހުގެ 17 ވަނަ ދުވަހު ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު މެޗެވެ. އޭގެ ފަހުން މި ފާއިތުވި އަހަރުގެ ތެރޭގައި ޤައުމީ ޓީމުން އެއްވެސް މެޗެއް ނުކުޅެ އެވެ.

އަންނަ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހުން 19 ވަނަ ދުވަހަށް އޮންނަ ފީފާ ބްރޭކުގައި ރާއްޖެ އިން މެޗުތަކެއް ކުޅުމަށް އަންނަނީ ތައްޔާރުވަމުން އަންނަ ކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ނޯމަލައިޒިން ކޮމެޓީގެ ޗެއާމަން އަޙުމަދު ޒުހޫރު މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ ޤައުމީ ޓީމުން ބައިނަލްއަޤުވާމީ ރަހުމަތްތެރިކަމުގެ މެޗުތަކެއް ކުޅުމަށް ހަމަޖެހިފައި ވަނީ އަވަށްޓެރި ބަންގްލަދޭޝްއާ ދެކޮޅަށެވެ. ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހާއި، 16 ވަނަ ދުވަހު ކުޅޭ އެ ދެ މެޗު ވެސް އޮތީ ބަންގްލަދޭޝްގަ އެވެ. އެކަން އިއުލާން ކުރީ ބަންގްލަދޭޝްގެ ފުޓުބޯޅަ ފެޑެރޭޝަނުންނެވެ.

ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން މިވަގުތު ރާއްޖެ ސަސްޕެންޑު ކޮށްފައިވާއިރު، ރާއްޖޭގެ ފުޓުބޯޅަ ސީޒަން ވެސް އޮތީ މެދު ކެނޑިފަ އެވެ. އެފްއޭއެމްގެ ނޯމަލައިޒިން ކޮމެޓީން މިދިޔަ ސެެޕްޓެމްބަރު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒުހޫރު ވިދާޅުވީ ރާއްޖޭގެ ފުޓުބޯޅަ ސީޒަން ފެށޭނެ ތާރީޚެއް ނުވަތަ ދުވަހެއް ބުނަން ނޭނގޭ ކަމަށެވެ.

- ކޮމެންޓް