ކ. މާލެ
|
16 އޯގަސްޓް 2017 | ބުދަ 18:37
މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ދޫނިދޫއަށް ގެންދަނީ
މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތު ދޫނިދޫއަށް ގެންދަނީ
ރާއްޖެ އެމްވީ
އަމީތުގެ ބަންދު
އަމީތާއި ސައުދުގެ މައްޗަށް ދައުވާ ކޮށްފި، ބަންދަށް އިތުރު ހަތަރު ދުވަސް!
އަމީތާއި ސައުދުގެ މައްޗަށް ދައުވާކޮށްފައިވާ ކަމަށް ކޯޓުގައި ވަނީ ބުނެފަ
ދެ މެންބަރުންގެ މައްޗަށް ދެ ދައުވާއެއް ވަނީ ކޮށްފަ
ބަންދުގެ މުއްދަތު އިތުރުކުރި ތިން ވަނަ ފަހަރު

ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ހުސެއިންގެ މައްޗަށް ދައުލަތުން ދައުވާ އުފުލައިފި އެވެ.

އަމީތާއި ސައުދުގެ މައްޗަށް ދައުވާ އުފުލިކަން ހާމަވީ އެ ދެ މެންބަރުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ބުދަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުންނެވެ. ދެ މެންބަރުންގެ މައްޗަށް ކޮށްފައިވަނީ ހުއްދަ ނޫން ތަނަކަށް ވަނުމުގެ ދައުވާއާއި ފުލުހުންގެ ދައުރަށް ހުރަސް އެޅުމުގެ ދައުވާ އެވެ.

ސައުދުގެ މައްޗަށް ދެ ދައުވާއެއް ކުރިއިރު، ހައިކޯޓުގެ ފަނޑިޔާރު ޝުޖާއު އުސްމާން އަވަހާރަ ކޮށްލަން ރޭއްވެވި ކަމަށް ބުނެ އޭނާގެ މައްޗަށް ވަނީ ޓެރަރިޒަމުގެ އަމަލެއް ހިންގަން ރޭވުމުގެ ދައުވާ ވެސް ކޮށްފަ އެވެ.

މިމަހުގެ 12 ވަނަ ދުވަހު ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދައުވާ އުފުލުމަށް ޝަރުތުކޮށް ހަތަރު ދުވަސް ބަންދަށް ޖެހި އެވެ. ބުދަ ދުވަހު ކޯޓަށް ހާޒިރު ކުރުމުން ވެސް ބަންދަށް ވަނީ ހަތަރު ދުވަސް ޖަހާފަ އެވެ.

މިއީ އަމީތާއި ސައުދުގެ ބަންދުގެ މުއްދަތު އިތުރު ކުރި ތިން ވަނަ ފަހަރެވެ.

މިދިޔަ ޖުލައި މަހުގެ 27 ވަނަ ދުވަހު އަމީތު ހައްޔަރުކޮށް ފުރަތަމަ ބަންދަށް ޖެހީ 15 ދުވަހެވެ. ސައުދު ހައްޔަރުކޮށް އޭނާގެ ބަންދަށް ވެސް ފުރަތަމަ ޖެހީ 15 ދުވަހެވެ.

އަމީތާއި ސައުދުގެ ބަންދަށް އިތުރު ހަތަރު ދުވަސް ޖަހާފައިވާއިރު، އެ ދެ މެންބަރުން ހައްޔަރުކޮށް ބަންދުކުރި މައްސަލަ ހައިކޯޓަށް ވަނީ ހުށަހަޅާފަ އެވެ. އިސްތިއުނާފީ މައްސަލައިގެ  އަޑުއެހުންތައް މިމަހުގެ 10 ވަނަ ދުވަހު ނިންމާލާފައިވާއިރު، ދެން އޮންނާނީ އެ ދެ މައްސަލައިގައި ހުކުމް ކުރުމެވެ.

އަމީތާއި ސައުދު ހައްޔަރު ކުރުމަށް ކްރިމިނަލް ކޯޓުން ނެރެފައިވާ  އަމުރުގައި ބުނެފައި ވަނީ، ހައްޔަރު ކުރުމަށް އަމުރު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނޫން ކަމަށް ރައްޔިތުންގެ މަޖިލީޙުން ކަނޑައަޅާފައިވާ ބަޔަކު، ފުލުހުންގެ ސަފުތައް ފަޅާލައިރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވަދެވަޑައިގެންފައިވާ  ކަމަށެވެ.

އަމީތާއި ސައުދުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެންބަރު މުހައްމަދު ވަހީދު އިބްރާހިމް(ވައްޑެ) ވެސް ވަނީ ބަންދު ކޮށްފަ އެވެ. ޖުލައި މަހުގެ 24 ވަނަ ދުވަހު ހިނގި ކަންތައްތަކާ ގުޅިގެން ޖުމްލަ 12 މެންބަރެއްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ވަނީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފަ އެވެ.

އަމީތާއި ސައުދުގެ އިތުރުން ވައްޑެގެ މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާއިރު، އެ މައްސަލައިގައި ވެސް ދެން އޮތީ ހުކުމް ކުރުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް