މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް(އެމްއެމްޕީއާރްސީ) ގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އުފުލާފައިވާ ނުވަ ދައުވާގެ ޝަރީއަތް ބުރާސްފަތި ދުވަހު ފެށުމަށް ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފި އެވެ.
އަދީބުގެ މައްޗަށް ޖުލައި 31 ވަނަ ދުވަހު އުފުލާފައިވާ ނުވަ ދައުވާގެ ލިޔެކިޔުން ހަވާލުކޮށްފައި ވަނީ މިމަހުގެ 9 ވަނަ ދުވަހު އެވެ. އެ މައްސަލައިގެ އިބްތިދާއީ އަޑުއެހުން ބުރާސްފަތި ދުވަހުގެ މެންދުރު 1:30 އަށް ވަނީ ތާވަލު ކޮށްފަ އެވެ.
އަދީބުގެ މައްޗަށް އުފުލާފައި ވަނީ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ. އަދީބުގެ މައްޗަށް އެ ދައުވާ ކޮށްފައި ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގު ކުރި 58 ރަށުގެ ތެރެއިން ނުވަ ރަށެއްގެ މައްސަލައިގަ އެވެ. އަދީބުގެ މައްޗަށް ވެސް ދައުވާކޮށްފައި ވަނީ ކޮންމެ ރަށެއް ވަކިވަކިންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ނުވަ ރަށުގެ މައްސަލައިގައި އަދީބުގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ ކޮށްފައިވަނީ، އެ ރަށްތައް ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުއްޓާ ޓޫރިޒަމް ތަރައްގީ ކުރުމަށް ދޫކޮށްފައިވާ ކަމަށް ބުނެ އެވެ. އެ ރަށްތައް ދޫކުރި ދުވަސްވަރު ޓޫރިޒަމް ތަރައްގީ ކުރުމަށް ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ރަށްތަކެއް ޓޫރިޒަމް މިނިސްޓްރީއަށް ބަދަލުކުރިއެވެ.
އަދީބުގެ މައްޗަށް ނުވަ ދައުވާއެއް ކުރިއިރު، އެއިރުގެ އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ވަނީ 25 ދައުވާ ކޮށްފަ އެވެ. އެގޮތުން ޒިޔަތުގެ މައްޗަށް ކޮށްފައިވަނީ ފުލުހުން ތަހުގީގު ކުރުމަށް ފަހު ދައުވާ ކޮށްދިނުމަށް ހުށަހެޅި 55 ރަށުގެ ތެރެއިން 25 ރަށުގެ މައްސަލައިގަ އެވެ. ޒިޔަތުގެ މައްޗަށް އެ 25 ރަށުގެ މައްސަލައިގައި ވަނީ ޚިޔާނާތްތެރިވުމުގެ ވަކިވަކި 25 ދައުވާއެއް އުފުލާފައެވެ.
އަދީބާއި ޒިޔަތުގެ މައްޗަށް ގިނަ އަދަދެއްގެ ދައުވާތަކެއް އުފުލިއިރު، ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމަށް ފަހު އިކުއިޒިޝަން ކޮސްޓްގެ ގޮތުގައި ދައުލަތަށް ލިބެންޖެހޭ ފަސް މިލިއަން ޑޮލަރުގެ ތެރެއިން ބައެއް ފައިސާއަށް ޚިޔާނާތްތެރިވި، މައްސަލައިގައި އެ ދެ ބޭފުޅުންގެ މައްޗަށް މިހާރު ވެސް ވަނީ 8 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ. އަދީބުގެ މައްޗަށް ޖުމްލަ 33 އަހަރުގެ ޖަލު ހުކުމްތަކެއް އިއްވާފައިވާއިރު، އަލަށް މި ކުރި ނުވަ ދައުވާގެ އިތުރުން އިތުރު ދެ މައްސަލައެއް މިހާރު ވެސް ކޯޓުގައި އެބައޮތެވެ. އެއީ ސްނައިޕަރެއް ގެނެސްގެން ރައީސް އަބްދުﷲ ޔާމީން އަވަހާރަ ކޮށްލަން އުޅުނު ކަމަށް ބުނާ މައްސަލައާއި ހިބަޅިދޫ ފަޅު ތެރެއިން ފެނުނު ހަތިޔާރުގެ މައްސަލަ އެވެ.
އެމްއެމްޕީއާރްސީ މެދުވެރިކޮށް ރަށްތަކާއި ފަޅުތަކާއި ކުއްޔަށް ދޫކޮށްގެން ދައުލަތަށް ވަންނަން ޖެހޭ 1.22 ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާކަން ހާމަވީ އޮޑިޓަރ ޖެނެރަލް ނެރުއްވި އޮޑިޓް ރިޕޯޓުންނެވެ. ނަމަވެސް، ޚިޔާނާތްތެރިވި ފައިސާގެ އަދަދު އެއަށް ވުރެ ގިނަ ވާނެ ކަމަށް ކަމާބެހޭ އެކިފަރާތްތަކުން ދަނީ ބުނަމުންނެވެ.
އޭސީސީން ބުނެފައިވާ ގޮތުގައި އެމްއެމްޕީއާރްސީ ޚިޔާނާތުގެ ޚުލާސާ ރިޕޯޓް ނެރޭނީ މައްސަލަތައް ޝަރީއަތަށް ފޮނުވުމަށް ފަހުގަ އެވެ. މައްސަލައިގެ ތަހުގީގު އެއްކޮށް ނިންމާލެވިއްޖެ ކަމަށް އޭސީސީން ބުނެފައި ވަނީ ތަހުގީގު ކުރަން ފެށިތާ ދޮޅު އަހަރެއްހާ ދުވަސް ފަހުން އޭޕްރީލް 30 ވަނަ ދުވަހު އެވެ. 58 ރަށުގެ މައްސަލައިގެ ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާ އެ ދުވަހު ފެށިއިރު، މިހާތަނަށް އެ މަރުހަލާ ނިންމާލެވިފައި ވަނީ، ދައުވާ ކުރި ނުވަ ރަށުގެ މައްސަލައިގަ އެވެ.