ކ. މާލެ
|
16 އޯގަސްޓް 2017 | ބުދަ 12:54
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީ
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީ
މުހައްމަދު ޝަރުހާން
ޖެނެރަލް ދީދީގެ ޝަރިއަތް
ޖެނެރަލް ދީދީގެ ޝަރީއަތް ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުން މާދަމާ!
ދައުވާ އުފުލީ މިއަހަރުގެ މެއި 25 ގައި
މީގެކުރިން 2015 ވަނަ އަހަރު ވެސް ދައުވާކުރި
ދައުވާ ނުކުރާނެ ކަމަށް ޕީޖީން ބުނި

ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) އިބްރާހީމް މުހައްމަދު ދީދީގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޓެރެރިޒަމްގެ ދައުވާގެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމުން ބުރާސްފަތި ދުވަހަށް ތާވަލުކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު (އަބްދުﷲ ގާޒީ) އެކަހެރި ކުރި ކަމަށް ބުނާ މައްސަލައިގައި އިބްރާހިމް ދީދީގެ މައްޗަށް ކުރި ޓެރަރިޒަމުގެ ދައުވާ 2015 ވަނަ އަހަރު އަނބުރާ ގެންދިއުމަށް ފަހު، އަލުން އެ ދައުވާ އުފުލީ މިއަހަރުގެ މެއި މަހުގެ 25 ވަނަ ދުވަހު އެވެ. އަބްދުﷲ ގާޒީ އެކަހެރި ކުރިއިރު އިބްރާހީމް ދީދީ ހުންނެވީ، އެމްއެންޑީއެފްގެ މާލޭ އޭރިއާގެ ކޮމާންޑަރުކަމުގެ މަޤާމުގައެވެ.

މި މައްސަލައިގެ އަޑުއެހުމެއް އެންމެ ފަހުން ބޭއްވީ އާދިއްތަ ދުވަހު އެވެ. ދައުވާ އަށް ޖަވާބްދާރީ ވުމުގެގޮތުން ބޭއްވި އަޑުއެހުމުގައި ޖެނަރަލް ދީދީގެ ފަރާތުން ވަނީ ދައުވާ އަށް އިންކާރު ކުރައްވާފައެވެ. 

ޝަރީއަތުގެ މަޖިލީހުގައި ދީދީގެ ވަކީލް ވިދާޅުވީ ދައުލަތުން ކުރާ ޓެރެރިޒަމްގެ ދައުވާގައި ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރު ކުރުމަށް ސިފައިންގެ އެންމެ އިސްވެރިޔާގެ ހައިސީއްޔަތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމުރު ކުރެވި ކަމަށް ބުނާއިރު އެފަދަ އަމުރެއް ކުރެއްވިކަން އެނގޭފަދަ ލިޔުމެއް ނުވަތަ އެފަދަ އެންގުމެއް ފެންނަން ނެތް ކަމަށެވެ. ހަމައެހެންމެ އަބްދުﷲ ގާޒީ ހައްޔަރު ކުރުމަށް ދީދީ އަށް އަމުރު ކުރި ކަން ނުވަތަ އެންގެވިކަން އެނގޭފަދަ އަމުރެއް ނުވަތަ ލިޔުމެއް ނެތްކަމަށްވެސް ދީދީގެ ވަކީލް ވިދާޅުވިއެވެ.

ދީދީގެ ވަކީލްގެ އެ ވާހަކަތަކަށް ރައްދު ދެއްވާ ދައުލަތުގެ ވަކީލް ވިދާޅުވީ އަބްދުﷲ ގާޒީ ހައްޔަރު ކުރެއްވުމަށް ސިފައިންގެ އެންމެ އިސްވެރިޔާގެ ހައިސީއްޔަތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އަމުރު ކުރެއްވިކަން ކުރީގެ ޝަރީޢަތްތަކުން ނިންމާފައިވާ ކަމަށާއި އެކަމާމެދު ގޮތެއް ކަނޑައެޅިފައިވާ ކަމަށެވެ.

ޝަރީއަތުގެ މަޖިލީހުގައި ދީދީ ދައުވާ އަށް އިންކާރު ކުރައްވާފައި ވާތީ މައްސަލަ ބައްލަވާ ގާޒީ ވިދާޅުވީ ދެން ބާއްވާ ޝަރީޢަތުގެ މަޖިލީހުގައި ދެ ފަރާތަށް ދައުވާއާ ގުޅޭ ގޮތުން ވާހަކަ ދައްކުމުގެ ފުރުސަތު ދެއްވާނެ ކަމަށާއި އޭގެ ފަހުން ޖިނާއީ އިޖުރާތުގެ ގާނޫނުގައި ބުނެފައިވާ ގޮތުގެ މަތިން މައްސަލަ ކުރިއަށް ގެންދަން ފެނޭތޯ ބަލާ ގޮތެއް ނިންމަވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް