ކ. މާލެ
|
3 އޮކްޓޯބަރ 2024 | ބުރާސްފަތި 00:53
ބުދަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ގައުމީ މަޖިލިސް ބައްދަލުވުމުގެ ތެރެއިން
ބުދަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ގައުމީ މަޖިލިސް ބައްދަލުވުމުގެ ތެރެއިން
އެމްޑީޕީ
އެމްޑީޕީން މާލީ ތަނަވަސްކަން ހޯދުން
މާލީ ތަނަވަސްކަން ހޯދުމަށް އެމްޑީޕީން ރިއަލް އެސްޓޭޓުގެ ވިޔަފާރިއަށް ވަންނަން ނިންމައިފި
އެމްޑީޕީން އެކެޑަމީއެއް ހިންގުމަށް ނިންމާފައިވޭ
ލީޑަޝިޕަށް މަޝްވަރާދިނުމަށް "ތިންކް ޓޭންކް" އެއް އުފެއްދުމަށް ނިންމާފައިވޭ
ވިޔަފާރިއެއް ކުރެވޭނެ ގާނޫނީ ނިޒާމެއް ހޯދަންޖެހޭ

ޕާޓީއަށް ބޭނުންވާ މާލީ ތަނަވަސްކަން ހޯދުމަށް ރިއަލް އެސްޓޭޓުގެ ވިޔަފާރިއަށް ވަންނަން ނިންމާފައިވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ގައުމީ މަޖިލިސް ބައްދަލުވުމުގައި ފައްޔާޒު ވިދާޅުވީ ޕާޓީ ހަރުދަނާ ކޮށް ކުރިއަށް ގެންދިއުމަށް ވަރަށް ގިނަ ފައިސާ ބޭނުންވާ ކަމަށެވެ. ނަމަވެސް ޕާޓީއަށް 19 އަހަރު ވެގެންދިޔައިރު މަލީ މިނިވަންކަމާއި ތަނަވަސްކަން ހޯދިފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލީ ތަނަވަސްކަން ހޯދުމަށް ކުރެވޭނެ ބައެއް ކަހަލަ ވިޔަފާރި ފުރުސަތުތައް ހުރިކަން ފާހަގަކުރައްވައި ފައްޔާޒު ވިދާޅުވީ އެފަދަ ވިޔަފާރިއެއް ކުރެވޭނެ ގާނޫނީ ނިޒާމެއް ހޯދަންޖެހޭ ކަމަށާއި، އެގޮތަށް މަސައްކަތްތައް ބައްޓަން ކުރަންޖެހޭ ކަމަށެވެ. ފައްޔާޒު ވިދާޅުވީ ރިއަލް އެސްޓޭޓުގެ ވިޔަފާރި ފަށަން ނިންމި ނަމަވެސް އެމަސައްކަތް ކުރުމަށް ރަޖިސްޓްރޭޝަނެއް ބޭނުންވާ ކަމަށެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ސިޔާސީ ޕާޓީގެ ގާނޫނުގައި ޕާޓީތަކަށް ވިޔަފާރި ކުރުމުގެ ހުއްދަ ލިބިދީފައި އޮތް ނަމަވެސް، އެ ވިޔަފާރިއެއް ކުރެވޭނެ ގޮތެއް ސާފުކޮށް ބަޔާންވެފައި ނެތް ކަމަށެވެ.

ޕާޓީ ހަރުދަނާ ކޮށް ކުރިއަށް ގެންދިއުމަށްޓަކައި ވަރަށް ބައިވަރު ފައިސާ ހަގީގަތުގައި ބޭނުންވޭ. 19 އަހަރު ވެގެންދިޔައިރު އަޅުގަނޑުމެން އަމިއްލަ ފައިމައްޗަށް ތެދުވުމަށްޓަކައި މަލީ މިނިވަންކަމާއި ތަނަވަސްކަން ހޯދިފައިނުވޭ. އެހެންވީމަ މިހާރު މަގުޗާޓުގައި އެކުލަވާލެވިފައިވާ ފަދައިން ޕާޓީގެ ފަރާތުން ސިޔާސީ ޕާޓީތަކަށް ދީފައިވާ ގާނޫނުގެ ބާރުގެ ދަށުން ޕާޓީގެ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި ބޭނުންވާ މާލީ ތަނަވަސްކަން ހޯދުމަށްޓަކައި އެބަހުރި ބައެއް ކަހަލަ ވިޔަފާރި ކުރުމުގެ ފުރުސަތުތައް. އެހެންވީމަ އަޅުގަނޑުމެން މިރޭ އިތުރަށް ހުށަހަޅާ ހުށަހެޅުމަކީ އެފަދަ ވިޔަފާރިއެއް ކުރެވޭނެ ގާނޫނީ ނިޒާމެއް ހޯދުމަށްފަހު އެގޮތަށް ކުރިއަށް ގެންދިއުމަށް ހުށަހެޅޭ ގަރާރެއް.
އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް

ސިޔާސީ މައިދާނަށް ނުކުންނަ މީހުންނަކީ ގާބިލް ބަޔަކަށް ހެދުމަށް ކުރަމުންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ފައްޔާޒު ވިދާޅުވީ އެމްޑީޕީން އެކެޑަމީއެއް ހިންގުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެއީ އެމްޑީޕީގެ މަގު ޗާޓުގައި ވެސް ހިމެނިފައި އޮތް ކަމެއްކަން ފައްޔާޒު ފާހަގަކުރެއްވިއެވެ.

ފައްޔާޒު ވިދާޅުވީ މި އެކެޑަމީއަކީ ކަމާބެހޭ އިދާރާތަކުގައި ރެޖިސްޓްރީ ކުރެވިގެން މިނިވަން ކަމާއެކު ހިންގާ މުއައްސަސާއެއްގެ ގޮތުގައި ރެޖިސްޓްރީ ކުރުމަށް އުއްމީދު ކުރާ ކަމަށެވެ. ނަމަވެސް އެފުރުސަތު ނުލިބިއްޖެނަމަ އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުންގެ ނަން މަތީގައި ވެސް އެކެޑަމީ ރެޖިސްޓްރީ ކުރަން ޖެހިދާނެ މޭރުމަކުން ފައްޔާޒު ވާހަކަދެއްކެވިއެވެ. އަދި ވިދާޅުވީ ކުރިއަށް އޮތްތަނުގައި މި އެކަޑަމީއަށް އެހެން ޕާޓީތަކުގެ އެއްބާރުލުން ވެސް ލިބޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ އެމްޑީޕީ ދެމެހެއްޓެނިވި ގޮތެއްގައި ހަރުދަނާ ކުރުމަށް، އެ ޕާޓީގެ ލީޑަޝިޕަށް މަޝްވަރާދިނުމަށް "ތިންކް ޓޭންކް" އެއް އުފެއްދުމަށް ނިންމާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ތިންކް ޓޭންކުގެ ބޭނުމަކީ އިލްމީ ދިރާސާތައް ކުރުމާއި، އެ މައުލޫމާތުގެ އަލީގައި ރައްޔިތުންނަށް ބޭނުންވާ ކަންކަމުގެ މަޝްވަރާ އެ ޕާޓީގެ ލީޑަޝިޕަށް ލިބިގެން ދިއުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް