ކ. މާލެ
|
2 އޮކްޓޯބަރ 2024 | ބުދަ 18:23
ބައިނަލްއަގުވާމީ ޓީޗަރސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު ވާހަކަދައްކަވަނީ
ބައިނަލްއަގުވާމީ ޓީޗަރސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު ވާހަކަދައްކަވަނީ
އެޑިޔުކޭޝަން މިނިސްޓްރީ
ތައުލީމީ ދާއިރާ ކުރިއެރުވުން
ތައުލީމީ ދާއިރާ ކުރިއެރުވުމަށް މުދައްރިސުން ދިރާސާތައް ކުރުން މުހިންމު: މިނިސްޓަރު ޝަފީއު
ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް މުދައްރިސުން އަބަދު ވެސް މަސައްކަތް ކުރަންޖެހޭ
އުނގަންނައިދިނުމަށް އަންނަ އީޖާދީ އައު ބަދަލުތަކަށް ހޭނެންޖެހޭ
މުދައްރިސުން މަދުވުމަކީ ދާއިރާއަށް އޮތް ބޮޑު ގޮންޖެހުމެއް

ތައުލީމީ ދާއިރާ ކުރިއެރުވުމަށް މުދައްރިސުން ދިރާސާތައް ކުރުން މުހިންމު ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝަފީއު މިހެން ވިދާޅުވީ 7 ވަނަ ބައިނަލްއަގުވާމީ ޓީޗަރސް ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރު ޝަފީއު ވިދާޅުވީ ރާއްޖޭގައި ދިރާސާ ކުރެވޭ މިންވަރު މަދު ކަމަށާއި، ތައުލީމީ ދާއިރާއަށް އިތުރު ދިރާސާތައް ބޭނުންވާ ކަމަށެވެ. ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް, މުދައްރިސުން ދިރާސާކުރުމަކީ މުހިންމުކަމެއް ކަމަށް ވެސް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.

މިނިސްޓަރު ޝަފީއު ވިދާޅުވީ ތަފާތުކުރުމެއް ނެތި، ހުރިހާ ކުދިން ޝާމިލުވާނެހެން، ފެންވަރު ރަނގަޅު ތައުލީމެއް ފޯރުކޮށްދިނުމަށް މުދައްރިސުން އަބަދު ވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

އެހެންކަމުން، އުނގަންނައިދިނުމަށް އަންނަ އީޖާދީ އައު ބަދަލުތަކަށް ހޭނި، ތަފާތު އުނގެނުމުގެ ބޭނުންތައް ދެނެގަނެ، ތައުލީމު ފޯރުކޮށްދިނުމުގައި ހުރި ހުރަސްތައް ނައްތާލުމަށް ދިރާސާ ކުރުމަކީ މުހިންމު ކަމެއް ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.

މީގެ އިތުރުން މިނިސްޓަރު ޝަފީއު ވިދާޅުވީ ދިރާސާ ކުރުމުގެ ސަބަބުން މުދައްރިސުންގެ ޕްރޮފެޝަނަލް ޑިވެލޮޕްމަންޓަށް އޭގެ ހެޔޮ އަސަރުކޮށް، ދަރިވަރުންނަށް އުނގެނުމަށް ފަހި ވެއްޓެއް ބިނާކުރުމަށް މަގުފަހިވާނެ ކަމަށެވެ. އަދި ތަފާތުކުރުމެއްނެތި، ހުރިހާ ދަރިވަރުންނަށް ވެސް އެ ދަރިވަރުންނާ އެކަށީގެންވާ ގޮތަށް ތައުލީމު ފޯރުދިނުމަށް ބޭނުންވާ އުކުޅުތައް ދެނެގަނެ، ފެންވަރު ރަނގަޅު ތައުލީމު ފޯރުކޮށްދެވޭނެ ކަމަށް މިނިސްޓަރު ޝަފީއު ވިދާޅުވިއެވެ.

ތައުލީމީ ދާއިރާއަށް އޮތް ގޮންޖެހުންތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ޝަފީއު ވިދާޅުވީ މުދައްރިސުން މަދުވުމަކީ ވެސް ދާއިރާއަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށެވެ.

އެހެންކަމުން އަޅުގަނޑުމެން ދެނެގަންނަންޖެހޭ އިލްމީ ދިރާސާތަކުގެ އަލީގައި ކީއްވެގެންތޯ މުދައްރިސުންގެ ދާއިރާއަށް ވަންނަން އޭލަވަލް ނިންމާ ކުދިން އެހައި ޝައުގުވެރި ނުވަނީ. ކޮންކަހަލަ ގޮންޖެހުންތަކެއްތޯ މިދާއިރާގައި މިހުރީ. ކިހިނަކުންތޯ އަޅުގަނޑުމެންނަށް ރަނގަޅު ނަތީޖާއަކުން އޭލަވަލް ނިންމާ ދަރިވަރުން މިދާއިރާއަށް ޝައުގުވެރި ކުރުވޭނީ. ސްކޫލުތަކުގެ މާހައުލު ހިތްގައިމު ކުރެވޭނީ ކިހިނަކުންތޯ. މިއީ ތިބޭފުޅުންގެ ދިރާސާތަކުގެ އަލީގައި އަޅުގަނޑުމެން ދެނެގަންނަންޖެހޭ ކަމެއް ކަމުގައި އަޅުގަނޑު ފާހަގަކުރަން.
އެޑިޔުކޭޝަން މިނިސްޓަރު ޑރ.އިސްމާއީލް ޝަފީއު

ކިޔަވައިދިނުމަކީ ހަމައެކަނި ވަޒީފާއެއް ނޫންކަމަށާއި، އެއީ ވަރަށް ބޮޑު ޒިންމާއެއްކަން ފާހަގަކުރައްވައި މިނިސްޓަރު ޝަފީއު ވިދާޅުވީ އުނގަންނައިދިނުމުގައި ދިރާސާކޮށް، އިލްމު ކުރިއެރުވުމަށް ހުރިހާ މުދައްރިސުން ވެސް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް