ކ. މާލެ
|
1 އޮކްޓޯބަރ 2024 | އަންގާރަ 13:56
މީހަކަށް ބާރު ލިބުމުން ލިބޭ ފައިދާތަކެއް ހުރި ކަމުގައި ވީނަމަވެސް އެއީ މީހާ ފަސާދަކުރުވާ ވެސް އެއްޗެއް
މީހަކަށް ބާރު ލިބުމުން ލިބޭ ފައިދާތަކެއް ހުރި ކަމުގައި ވީނަމަވެސް އެއީ މީހާ ފަސާދަކުރުވާ ވެސް އެއްޗެއް
ރާއްޖެއެމްވީ
ނުފޫޒު
ބާރާއި ނުފޫޒަކީ އިންސާނާ ހަލާކުކޮށްލާ ވިހައެއް!
ބާރާއި ނުފޫޒަކީ އިންސާނީ ގުޅުންތަކަށް މުހިއްމު އެއްޗެއް ކަމާމެދު ޝައްކެއް ނެތެވެ. އިޖްތިމާޢީ، ސިޔާސީ އަދި އިޤްތިޞާދީ މުޢާމަލާތްތަކުގައި މުހިންމު ދައުރެއް އަދާކުރެއެވެ. އިޖްތިމާޢީ މަސައްކަތްތައް ހަރުދަނާކޮށް، އޭގެ މަޤްޞަދުތައް ޙާޞިލުކުރުމުގައި ބާރުގެ ތަފާތުތަކަކީ މުހިންމު ދައުރެއް އަދާކުރާ ކަމެކެވެ. ގިނަ މީހުން ބޭނުންވަނީ ބާރު ލިބިގަތުމެވެ. އަދި ބާރު ލިބުމުން ލިބޭ ގިނަގުނަ ފައިދާތަކެއް ވެސް ހުރެއެވެ. ނަމަވެސް، ބާރަކީ މީހާ ފަސާދަކުރުވާ އެއްޗެކެވެ. މިއީ ޕްލޭޓޯއިން ފެށިގެން ލޯޑް އެކްޓަންއާ ހަމައަށް، ޒަމާންތަކެއް ވަންދެން ޢިލްމުވެރިންގެ ޝައުޤުވެރިކަން ލިބިފައިވާ މައުޟޫޢެކެވެ.

ޢިލްމުވެރިން ބާރާއި ނުފޫޒު ތަފާތު ގޮތްގޮތަށް މާނަކުރެއެވެ. އެގޮތުން، އެހެން ފަރުދުންގެ މައްޗަށް ނުފޫޒު ފޯރުވުމުގެ ޤާބިލުކަން ނުވަތަ އަގުހުރި ވަސީލަތްތަކުގެ ބޭނުން ނަހަމަ ގޮތުގައި ހިފުން އެ މާނައިގައި ބައެއް އިލްމުވެރިން ބޭނުންކުރެއެވެ. މީގެ އިތުރުން، ބައެއް ޢިލްމުވެރިން ބާރު މާނަކުރައްވާފައިވަނީ ވަކި މަޤްޞަދުތަކެއް ޙާޞިލުކުރުމަށްޓަކައި އިންސާނީ އަދި މާއްދީ ވަސީލަތްތައް ބޭނުންކުރުމުގެ ޤާބިލުކަން ކަމުގައެވެ. މި މާނަކުރުންތަކުން ދޭހަވަނީ ބާރަކީ އިޖްތިމާޢީ، އިޤްތިޞާދީ އަދި ސިޔާސީ ދާއިރާތަކުގައި ފުޅާ ދާއިރާއެއްގައި ބޭނުންކުރެވޭ މަފްހޫމެއްކަމެވެ.

ބާރު ލިބުމުން އިންސާނާގެ ހަށިގަނޑަށް ފިޒިއޮލޮޖިކަލް، ނިއުރޮލޮޖިކަލް އަދި ސައިކޮލޮޖިކަލް ގޮތުން ފާހަގަކުރެވޭ އަސަރުތަކެއް ކުރެއެވެ.  ސިކުނޑީގެ ނިއުރޮލޮޖިކަލް ބަދަލުތަކާއި ބާރާއި ދެމެދު ވަރަށް ގާތް ގުޅުމެއް ވާކަން ދިރާސާތަކުން ދައްކައެވެ. ޙަޤީޤަތުގައި، ބާރު ލިބުމުން މީހާގެ ސުލޫކީ އެޕްރޯޗް ސިސްޓަމަށް އަސަރުކުރާ ކަމަށް ފާހަގަކުރެވިފައިވާއިރު، އަނެއްކޮޅުން ބާރު ގެއްލުމުން އެގްޒެކެޓިވް ފަންކްޝަނިންގ އަށް ނޭދެވޭ އަސަރުތަކެއް ކުރާކަން ދިރާސާތަކުން ހާމަވެފައިވެއެވެ.

ބާރާއި ނުފުޒަކީ އެޑިކްޓް ކުރުވާ ކަމެއް

މަޝްހޫރުކަމާއި ބާރަކީ އެކަމަށް އިންސާނާ އެޑިކްޓު ކުރުވާ ދެވި ހިފާ ކަމެއް ކަމުގެ ތަފާތު ހެކިތައް ފެންނަން އެބަހުއްޓެވެ. އޭގެ ސަބަބުން، އިންސާނާ އޭނާގެ ބާރު ދެމެހެއްޓުމަށާއި އިތުރުކުރުމަށް އިތުރު މަސައްކަތްކުރަން މަޖުބޫރުވެއެވެ. އުމުރުން ދުވަސްވުމާއި، ހަސަދަވެރިކަމާއި، ކޮށްފައިވާ ސިއްރު ކަންތައްތައް ހާމަވެ ދާނެ ކަމުގެ ބިރުވެރިކަން މިކަމަށް މަގުފަހިކުރެއެވެ. ބާރާއި ނުފޫޒު  ދާއިމީކޮށް ހިފެހެއްޓުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، ގާތްތިމާގެ މީހުންނަށް މުހިންމު މަޤާމުތައް ދިނުމާއި، ނުފޫޒު ގަދަ ފަރާތްތައް ބައިބައިކުރުވުމާއި، މުއާމަލާތްތަކުގައި ރައްޓެހިންނަށް އިސްކަންދިނުމާއި، ވެރިކަން އާއިލާގެ ތެރޭގައި ވާރުތަވަމުން ދިއުމުގެ އާދަކާދަތައް ހިމެނެއެވެ.

މިއީ މުނާފިގު ކަމާއި އަމިއްލަ މަސްލަހަތު އިތުރުކުރުވާ ކަމެއް

ދިރާސާތަކުން ހާމަވާ ގޮތުގައި، ބާރުވެރި މަޤާމުތަކުގައި ތިބޭ މީހުން އާންމުންގެ މައްޗަށް ހަރުކަށި ޤާނޫނު ތަކާއި، ޤަވާއިދުތަކާއި މިންގަނޑުތައް ކަނޑައަޅައި، އެ މިންގަނޑުތަކަށް ޙުކުމްކޮށް، ތަންފީޒުކުރުމަށް މަސައްކަތްކުރާ އިރު، އަމިއްލަ އަމަލުތަކުގައި މިއާ ޚިލާފަށް ދެފުށް ދެގޮތް ސިޔާސަތެއް ގެންގުޅެ، މާ ލުއި މިންގަނޑުތަކަކަށް ބުރަވެއެވެ. ބާރުވެރި މަޤާމެއްގައި ހުރުމުން، އަމިއްލަ މަޞްލަޙަތު ރައްކާތެރިކުރެވޭހާ ހިނދަކު، އެމީހަކު އެދޭ ގޮތަކަށް ނުވަތަ ފުށުއަރާ ގޮތަކަށް ޢަމަލުކުރުމުގެ ފުރުޞަތު ތަނަވަސްވެގެންދެއެވެ. މީގެ މާނައަކީ ބާރުވެރިންނަށް އެމީހުން ބުނާ އެއްޗަކާ އެއްގޮތަށް ކޮންމެހެން ޢަމަލުކުރަން ނުޖެހޭކަމާއި، އެކަމުގެ ސަބަބުން އެމީހުންނަށް ކުރިމަތިވާނެ ނޭދެވޭ ނަތީޖާއެއް ނޯންނާނެ ކަމެވެ. މިފަދަ މުނާފިޤު އަމަލުތައް ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައިވެސް ފެންނަން އެބަހުއްޓެވެ. ހުޅަނގުގެ ބާރުވެރި ޤައުމުތަކުން އާންމު ގޮތެއްގައި އެހެން ޤައުމުތަކަށް ވެރިކަމާއި، އަޚްލާޤާއި، ޑިމޮކްރަސީއާ ބެހޭ ގޮތުން ނަސޭހަތްދީ ވަޢުޡުކުރާއިރު، އެމީހުންގރ މަޞްލަޙަތު އޮންނަ ކަންކަމުގައި ހަމަ އެ އުސޫލުތަކާ ޚިލާފުވެ، ނުވަތަ އެ އުސޫލުތަކާ ކަނޑައެޅިގެން ޚިލާފުވާ އެކުވެރި ޤައުމުތަކަށް އެހީތެރިވެދީ، މުނާފިޤުކަން ދައްކާ ތަން މިހާރުވެސް މިދަނީ ފެންނަމުންނެވެ.

ބާރާއި ނުފުޒު ލިބުމުން އެހެން މީހުންނާ މެދު ހަމްދަރުދީ ވުމެއް ނޯވޭ

ބާރު ލިބުމުން އަނެކުންނަށް އޯގާތެރިވުމާއި، އެހެން މީހުންނާ މުޢާމަލާތްކުރުމުގައި ޒިންމާދާރުކަން ކުޑަވެއެވެ. ދިރާސާތަކުން ދައްކާގޮތުގައި ބާރުވެރިކަން އިތުރުވުމުން އެހެން މީހުންގެ ޖަޒުބާތީ ކަންތައްތައް ދެނެގަތުމުގެ ޤާބިލުކަން ދަށްވެއެވެ. އަދި ބާރުވެރިކަން އިތުރުވުމުން އަމިއްލަ މަންފާއަށް މަސައްކަތްކުރުމަށް ޝައުޤުވެރިކަން އިތުރުވުމާއި، އެ ބާރު ނެތިދިއުމުން، އެހެން މީހުންގެ މަޞްލަޙަތަށް އިސްކަންދީ ހަމްދަރުދީވުން އިތުރުވެއެވެ.

ހަމައެހެންމެ، އިޖްތިމާޢީ-އިޤްތިޞާދީ ފެންވަރު މަތީ މީހުން، އެހެން މީހުންގެ އިހުސާސްތައް ދެނެގަންނަ މިންވަރުވެސް ކުޑައެވެ. އެއާ ޚިލާފަށް، އިޖްތިމާޢީ-އިޤްތިޞާދީ ފެންވަރު ދަށް މީހުންގެ އޯގަތެރިކަމާއި، އެހީތެރިކަމާއި، އެހެން މީހުންގެ ދަތިތަކަށް ބޮޑަށް ސަމާލުވާލެއް ބޮޑުވެއެވެ. މަތީ ފަންތީގެ މީހުން އިޖްތިމާޢީ ފަންތި ބިނާވެފައިވަނީ ޖެނެޓިކް (ވާރުތަވާ) ފިޠުރީ ތަފާތުތަކުގެ މައްޗަށް ކަމަށް ޤަބޫލުކުރެއެވެ.

ބާރާއި އިތުބާރުގެ މެދުގައި އޮންނަ ގުޅުން

އިޖްތިމާޢީ ކަންކަމުގައި އިތުބާރާއި ބާރުގެ ގުޅުން ވަރަށް ބޮޑެވެ. މަތީ މަޤާމުތަކުގައި ތިބޭ މީހުންނަށް އާންމު ގޮތެއްގައި އިތުބާރު ލިބޭއިރު، އެ އިތުބާރު ދަށު ފަންތީގެ މީހުންނަށް ލިބެނީ ވަރަށް މަދުންނެވެ. މިއީ އިޖްތިމާޢީ ހަމަހަމަކަމަށް އޮންނަ ވަރަށް ބޮޑު ގޮންޖެހުމެކެވެ. ދިރާސާއަކުން ހާމަވާ ގޮތުގައި، މަސައްކަތު މީހަކު އޭނާގެ ވެރިޔާއާ ދެކޮޅަށް ޝަކުވާއެއް ހުށަހަޅައިފިނަމަ، އެ މީހަކަށް އިންސާފު ހޯދުމަކީ ވަރަށް އުނދަގޫ ކަމަކަށް ވެދާނެއެވެ. ހަމައެފަދައިން، ކުށުގެ ރެކޯޑެއް އޮތް މީހަކާއި ފުލުހަކާ ދެމެދު ޚިލާފެއް އުފެދިއްޖެނަމަ، ގިނަފަހަރަށް އިސްކަން ދެވެނީ ފުލުހުގެ މަހަށެވެ. މިފަދަ ހާލަތްތަކުގައި، ދެފަރާތުގެ ބަހަށް ހަމަހަމަ ކަމާއެކު އަޑުއަހައި، ހެކިތަކަށް ބަލައި، ޢަދުލުވެރިކަމާއެކު މައްސަލަ ބެލުމަކީ ވަރަށް މުހިންމު ކަމެކެވެ.

އިންސާނުންގެ ދިރިއުޅުމުގައި ބާރާއި ނުފޫޒަކީ ވަރަށް ފުޅާ އަދި އުނދަގޫ މައުޟޫޢެކެވެ. ބާރުގެ އަސަރުތައް ފޯރަނީ ހަމައެކަނި ބާރު ލިބިފައިވާ ފަރާތްތަން ގަސްދުގައި ކުރާ ކަންކަމަށް އެކަންޏެއް ނޫނެވެ. ބާރުގެ އަސަރުތައް ހަމައެކަނި ބޭރުން ފެންނަ ވަރުގެ ސުލޫކީ ބަދަލުތަކަކަށް ހަނިވެފައި ނުވާކަމެވެ.

މުޖުތަމަޢުގެ ހުރިހާ ފަންތިއެއްގެ މީހުންނަށް ހަމަހަމަ ކަމާއެކު އިންސާފު ލިބޭނެ ނިޒާމެއް ޤާއިމުކުރުމަކީ ކޮންމެ މުޖުތަމަޢެއްގެވެސް ޒިންމާއެކެވެ. މިގޮތުން، ބާރުވެރިންނާއި ނިކަމެތިން ދެމެދު އޮންނަ ތަފާތު ކުޑަކޮށް، ހުރިހާ ފަރާތްތަކަށް ހަމަހަމަ ކަމާއެކު އަޑުއިވޭނެ މާޙައުލެއް އުފެއްދުމަކީ މުހިންމު ކަމެކެވެ.

- ކޮމެންޓް