ކ. މާލެ
|
1 އޮކްޓޯބަރ 2024 | އަންގާރަ 08:59
އެންޓޮއިން ގްރީޒްމަން
އެންޓޮއިން ގްރީޒްމަން
ރޮއިޓާސް
ފްރާންސް ޤައުމީ ޓީމު
ފްރާންސް ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ގްރީޒްމަން ނިންމައިފި
ފްރާންސް ޤައުމީ ޓީމާ އެކު އެންމެ ފަހުން ގްރީޒްމަން ކުޅެފައި ވަނީ ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކަވެ.

ފްރާންސް ޤައުމީ ޓީމަށް ކުޅެމުން އައި ހުނަރުވެރި އެޓޭކިން މިޑްފީލްޑަރު އެންޓޮއިން ގްރީޒްމަން، ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމައިފި އެވެ.

ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައިވާއިރު، ގްރީޒްމަންގެ އުމުރުން 33 އަހަރެވެ. ހޯމަ ދުވަހު އޭނާގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓު މެދުވެރިކޮށް ކުރި ޕޯސްޓެއްގައި ގްރީޒްމަން ވަނީ ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމާފައިވާކަން ހާމަކޮށްފަ އެވެ. އަދި ޤައުމީ ކެރިއަރުގައި ހޭދަވި މުއްދަތުގެ އެކި ކަންކަމަށް ޝުކުރު އަދާ ކުރާ ކަމަށް ވެސް އޭނާ ވަނީ އެ ޕޯސްޓުގައި ބުނެފަ އެވެ. ގްރީޒްމަންގެ ކުއްލި މި ނިންމުމާއެކު، އެތައް ބަޔަކަށް ވަނީ ހައިރާންކަމެއް ވެސް ލިބިފަ އެވެ.

ގްރީޒްމަން އަށް އެންމެ ފުރަތަމަ ފްރާންސް ޤައުމީ ޓީމުން ޖާގަ ލިބުނީ 2014 ވަނަ އަހަރު އެވެ. އޭގެ ފަހުން ޤައުމީ ޓީމާ އެކު ހޭދަކޮށްފައިވާ 10 އަހަރުގެ ތެރޭގައި އޭނާ ވަނީ ޤައުމީ ޓީމަށް ކުޅެދިން 137 މެޗުގައި 44 ލަނޑު ޖަހައިފަ އެވެ. ފްރާންސް ޤައުމީ ޓީމާ އެކު ގްރީޒްމަން ވަނީ ދެ ތައްޓެއް ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ 2018 ވަނަ އަހަރު ރަޝިޔާގައި ކުރިއަށް ދިޔަ ފީފާ ވޯލްޑް ކަޕްގެ އިތުރުން، 21-2020 ވަނަ އަހަރުގެ ޔުއެފާ ނޭޝަންސް ލީގެވެ. އޭގެ އިތުރުން 2016 ވަނަ އަހަރު އޮތް ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ފައިނަލްގައި ކުޅެފައިވާއިރު، 2022 ވަނަ އަހަރު ޤަތަރުގައި އޮތް ވޯލްޑް ކަޕްގެ ފައިނަލްގައި ވެސް ވަނީ ކުޅެފަ އެވެ.

ފްރާންސް ޤައުމީ ޓީމާ އެކު އެންމެ ފަހުން ގްރީޒްމަން ކުޅެފައި ވަނީ ޔުއެފާ ނޭޝަންސް ލީގުގެ މެޗުތަކަވެ. ސެޕްޓެމްބަރު މަހު ފްރާންސް އިން އިޓަލީ އާއި ބެލްޖިއަމްއާ ދެކޮޅަށް ކުޅުނު މެޗުގައި ގްރީޒްމަން ވަނީ ކުޅެފަ އެވެ. އޭގެ ކުރިން މިއަހަރު ޖަރުމަނުގައި ކުރިއަށް ދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި ވެސް ގްރީޒްމަން ވަނީ ކުޅެފަ އެވެ.

ޤައުމީ ޓީމަށް ކުޅުން ހުއްޓާލަން ނިންމި ނަމަވެސް، ކުލަބު ކެރިއަރުގައި ގްރީޒްމަން ދެމި ހުންނާނެ އެވެ. އޭނާ މިވަގުތު ކުޅެމުން އަންނަނީ ސްޕެއިންގެ އެތުލެޓިކޯ މެޑްރިޑަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް