ކ. މާލެ
|
16 އޯގަސްޓް 2017 | ބުދަ 10:15
ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން
ރައީސުލްޖުމްހޫރީއްޔާ އަބްދުﷲ ޔާމީން
ރާއްޖެއެމްވީ
ރައީސް ޔާމީން
ހަލާލު ނޫން ފައިސާ ރައީސް ޔާމީންގެ ގެކޮޅަށް ވަން މައްސަލައިގައި އޭސީސީން ބަހެއް ބުނަން ބޭނުމެއް ނުވި!
ދޫވެއްސަށް ހަލާލު ނޫން ފައިސާ ވަދެފައިވާ ކަމަށް ރައީސް ވިދާޅުވި
އެގޮތަށް ވާހަކަ ދައްކަނީ މާނަ އޮޅުވާލަން ކަމަށް ޕީޕީއެމުން ބުނޭ
އަދީބު ހަރަދުކޮށްގެން މަޖިލީހަށް ހޮވި މެމްބަރުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ވިދާޅުވި

ހަލާލު ނޫން ފައިސާ ރައީސް އަބްދުﷲ ޔާމީންގެ ގެކޮޅު، ދޫވެއްސަށް ވަން ކަމަށް އެމަނިކުފާނު އިއުތިރާފްވެ ވަޑައިގެންނެވި ނަމަވެސް އެކަމަށް އެއްވެސް ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށް އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފިއެވެ.

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބް ބެއްސެވި ފައިސާ އަކީ ނަހަލާލް ފައިސާ ކަމަށާއި އެ ފައިސާ އިން ބައެއް ދޫވެއްސަށް ވެސް ވަދެފައިވާ ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާތީ އެކަން ހިނގާ ދިޔަ ގޮތް އޭސީސީ އިން ތަހުގީގުކުރަމުން ދޭތޯ ރާއްޖެއެމްވީން ސުވާލު ކުރުމުން އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ "ރައީސް ޔާމީން ދެއްކެވި ވާހަކަފުޅަށް މިވަގުތު އެއްވެސް ކޮމެންޓެއް ކުރަން ބޭނުމެއް ނޫން" ކަމަށެވެ.

ރައީސް ޔާމީންގެ ކުރީގެ ގެކޮޅަށް ހަލާލު ނޫން ފައިސާ ވަން ކަމަށް ރައީސް އިއުތިރާފްވެވަޑައިގެން ވާހަކަ ދެއްކެވިއިރު، އެކަން އޭސީސީން ތަހުގީގު ކުރާނެކަން ނުވަތަ ނޫންކަން ވެސް ހާމަކުރެވެން ނެތް ކަމަށް އޭސީސީގެ އޮފިޝަލް ވިދާޅުވި އެވެ.  

މީޑިއާތަކުގައި ގެނެސްދޭ ހިޔާނާތާ ގުޅޭ މައުލޫމާތާ ގުޅޭ ގޮތުން އޭސީސީން މީގެ ކުރިން ތަހްގީގު ހިންގާފައިވާއިރު، ރައީސް އަބްދުﷲ ޔަމީން ދެއްކެވި ވާހަކަފުޅާ ގުޅޭ ގޮތުން ބަހެއް ބުނަން ބޭނުންނުވާ ސަބަބެއް އެ ކޮމިޝަނުން ހާމައެއް ނުކުރެ އެވެ.

ހޯމަ ދުވަހުގެ ރޭ ޕީޕީއެމް އިން "ރުމާލު 2" ގެ ނަމުގައި ހުޅުވި ޖަގަހައިގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވެފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޭދަކުރެއްވީ ހަލާލު ނޫން ފައިސާއެއް ނޫންކަން މިހާރު އެނގިވަޑައިގަންނަވާ ކަމަށާއި އެމަނިކުފާނުގެ ގެކޮޅަށް ވެސް ހަލާލު ނޫން ފައިސާ ވަދެފައިވާ ކަމަށެވެ.

ހަލާލު ނޫން ފައިސާ ރައީސް ޔާމީންގެ ގެކޮޅަށް ވަން ކަމަށް އެ މަނިކުފާނު އިއުތިރާފުވެވަޑައިގެންނެވި ވާހަކަ ނޫސްތަކުގައި ގެނައުމާއެކު، އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން އޮއްސާލުމާއެކު  ވެރިކަންކުރާ ޕާޓީ، ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގެ މާނަ އޮޅުވާލަމުންދާ ކަމަށެވެ.

ރައީސް ޔާމީންގެ މައްޗަށް ތުހްމަތު ކުރެވޭ ހިޔާނާތުގެ މައްސަލަތައް ފަޅާއަރުވާލި، އަލްޖަޒީރާގެ ޑޮކިއުމެންޓްރީ، ސްޓީލިން ޕެރަޑައިސް އިން ވެސް ދެއްކީ، ހަލާލު ނޫން ފައިސާ ވެއްދީ އެމަނިކުފާނުގެ ގެކޮޅު ދޫވައްސަށް ކަމަށާއި އެގޮތަށް ބުނުމަކީ މައްސަލައެއް ކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދީބުގެ ފައިސާއިން ޕީޕީއެމްގެ ބައެއް މެމްބަރުން ހޮވުމަށް ހަރަދުކޮށްފައިވާ ކަމަށާއި އެހެންވެ އެ މެމްބަރުން މަގާމުން އިސްތިއުފާ ދެއްވަން ޖެހޭ ކަމަށް ވެސް އެ މަނިކުފާނު ވަނީ ވިދާޅުވެފަ އެވެ.

"އެ ފައިސާ ވަދެފައިވަނީ ފޮށިފޮށީގައި ހަމައެކަނި ދޫވެއްސަކަށް ނޫން. ރައްޔިތުންގެ މަޖިލީހަށް އޭރު ކޮންމެެހެން ވެސް ހޮވަން އަޅުގަނޑުމެން ބޭނުންވި ބޭފުޅުންނަށް ހަަރަދުކޮށްފައި ހުންނާނީ އަހުމަދު އަދީބު. އެހެންވީމަ އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ޝައްކެތް ނެތް ގޮތުގައި ހަލާލެއް ނޫން. މި ދެންނެވި މެމްބަރުން ވެސް މިކަން ގަބޫލުކުރެވޭ ނަމަ އަވަހަށް މަގާމުން ދުރަށް ވަޑައިގަންނަވާ،" ރައީސް ވިދާޅުވި އެވެ.
 

ރައީސް ޔާމީންގެ ވާހަކަފުޅާ ގުޅޭ ގޮތުން މައްސަލަ ތަހްގީގުކުރަން ޕޮލިހަށާއި ކަމަބެހޭ މުއައްސަސާތަކަށް ހުށަހަޅާނެ ކަމަށް ގުޅިފައިވާ ޕާޓީތަކުން އަންގާރަ ދުވަހު ވަނީ ބުނެފަ އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް