ކ. މާލެ
|
28 ސެޕްޓެންބަރ 2024 | ހޮނިހިރު 19:11
ޕަބްލިކް ސަރވިސް މީޑިއާ
ޕަބްލިކް ސަރވިސް މީޑިއާ
ޕީއެސްއެމް
ޕީއެސްއެމްގެ ޚިޔާނާތުގެ މައްސަލަ އެއް
ޕީއެސްއެމްގެ ޚިޔާނާތުގެ މައްސަލަ ފުލުހުން އޭސީސީ އަށް ފޮނުވައިފި
ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު، އަހުމަދު ހަނީފު އާއި އޭނާގެ ދަރިއެއްގެ އެކައުންޓަށް ފައިސާ ޖަމާކުރިކަން އޮޑިޓް ރިޕޯޓުން ހާމަވޭ
ތިޖޫރީން 190،087ރ. ގެއްލިފައިވާ ކަމަށް ވެސް އެ ރިޕޯޓުން ހާމަވޭ

ޕީއެސްއެމްގެ ޚިޔާނާތުގެ މައްސަލަ އެއް ފެންމަތިވެއްޖެއެވެ.

ފުލުހުން މީޑިއާތަކާއި ހިއްސާކުރި މެސެޖެއްގައި ބުނެފައި ވަނީ ފުލުހުންނަށް އެފަދަ މައްސަލަ އެއް ރިޕޯޓްކޮށްފައިވާ ކަމަށެވެ. އަދި އެ މައްސަލަ އަކީ ކޮރަޕްޝަންގެ މައްސަލައަކަށް ވާތީ އެފަދަ މައްސަލަތަކުގެ ތަހުގީގުގެ އިޚްތިސާސް އޮންނަ އެންޓިކޮރަޕްޝަން ކޮމިޝަނަށް އެ މައްސަލަ ފުލުހުން ވަނީ ފޮނުވާފައި ކަމަށް ވެސް ފުލުހުން ވަނީ ބުނެފައެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތު ދެމުން ފުލުހުން ވަނީ އެފަދަ ދެ މައްސަލަ އެއް ހުށަހަޅާފައިވާކަން ކަށަވަރުކޮށްދީފައެވެ.

ފުލުހުން ބުނީ އޭގެ ތެރެއިން އެއް މައްސަލަ ރިޕޯޓްކޮށްފައި ވަނީ 14 ޖުލައި 2024ގައި ކަމަށާއި، އަނެއް މައްސަލަ ރިޕޯޓްކޮށްފައި ވަނީ 2024 ވަނަ އަހަރުގެ މޭއި 16 ވަނަ ދުވަހު ކަމަށެވެ. އެ މައްސަލަތައް އޭސީސީ އަށް އޮގަސްޓް 25ގައި ފޮނުވާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އެހެންނަމަވެސް މި މައްސަލަތަކުގައި ހިމެނޭ ފައިސާގެ އަދަދާއި މެދު ކުރި ސުވާލަށް ފުލުހުން ޖަވާބު ދީފައި ނުވާކަން ފާހަގަކޮށްލެވެއެވެ.

Advertisement

އޭސީސީ އިން މި މައްސަލަ ބަލަމުންދޭތޯ ސާފުކުރުމަށް އޭސީސީ އަށް ރާއްޖެ އެމްވީން ގުޅި ނަމަވެސް އޭސީސީގެ ފަރާތުން އެ ސުވާލުތަކަށް ޖަވާބުދީފައި ނުވާތީ އެ މައުލޫމާތު ވަނީ ސާފުވާ ގޮތް ނުވެފައެވެ.

ފުލުހުން މި ފަދަ މައްސަލަ އެއް އޭސީސީ އަށް ފޮނުވިކަން ހާމަކުރި އިރު ޕީއެސްއެމްގެ އޮޑިޓް ރިޕޯޓްބުނާ ގޮތުގައި ޕީއެސްއެމްއަށް ޑޮލަރު ގަންނަން ކަމަށް ބުނެ ނެގި ފައިސާއިން ނުވަ މިލިއަން ރުފިޔާ މަދުވާކަން ފާހަގަކުރެވެއެވެ. އަދި ޑޮލަރު ގަތުމުގެ މުއާމަލާތްތަކުގެ ތެރެއިން ޕީއެސްއެމްގެ ކުރީގެ ފައިނޭންސް ޑިރެކްޓަރު، އަހުމަދު ހަނީފު އާއި އޭނާގެ ދަރިއެއްގެ އެކައުންޓަށް ފައިސާ ޖަމާކުރިކަން އޮޑިޓް ރިޕޯޓުން ހާމަވެއެވެ.

އޮޑިޓް ރިޕޯޓުން އެނގެން ހުރި އެހެންކަންކަމަށް ބަލާއިރު، ޑޮލަރު ގަތުމުގެ ނަމުގައި އެ ކުންފުނީގެ ބޭންކު އެކައުންޓުން 4،583،701ރ. ވަނީ ގެއްލިފައެވެ. އަދި 2017 އިން 2024 ގެ ނިޔަލަށް ޕީއެސްއެމްއަށް އާމްދަނީ އަދި އެހެނިހެން ގޮތް ގޮތުން ލިބިފައިވާ 4،260،295ރ. ގެއްލިފައިވާކަން އެ ރިޕޯޓުން އެނގެއެވެ. މީގެ އިތުރުން ތިޖޫރީން 190،087ރ. ގެއްލިފައިވާ ކަމަށް ވެސް އެ ރިޕޯޓުން ހާމަވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް