ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ވެސް އަބުރެއްވާކަން ހަނދާން ކޮށްދޭ ކަމަށް ބުނެ އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ޕީޕީއެމަށް ބަހުގެ ހަމަލާއެއް ދެއްވައިފިއެވެ.
އަދީބުގެ ވެސް އަބުރެއްވާކަން ހަނދާންކޮށްދޭ ކަމަށް ބުނެ ނަޝްވާ ޓުވީޓް ކުރެއްވީ ޕީޕީއެމް އިން އަންގާރަ ދުވަހު ނެރުނު ބަޔާނާއެކުއެވެ. އަދި ނަޝްވާ ވަނީ އެ ބަޔާނުގެ އެންމެ ފަހު ޖުމްލާގައިވާ "ނަފުސު ރައްކާތެރިކުރުމާއި އަބުރުގެ ރައްކާތެރިކަން ހިފެހެއްޓޭނެ" ގޮތައް ވާހަކަ ދެއްކުމަށް އެ ޕާޓީން ގޮވާލާ ކަމަށްބުނާ ޖުމްލަ ހައިލައިޓް ކުރައްވާފައެވެ.
މީހުންގެ އަބުރަށް ބަލައި ވާހަކަ ދެއްކުމަށް އެހެން މީހުނަށް އިލްތިމާސްކޮށް ޕީޕީއެމް އިން ބަޔާން ނެރިފައިވަނީ ރައީސް ޔާމިން ދެއްކެވި ވާހަކައާ ގުޅޭ ގޮތުން ހަގީގަތް އޮޅޭ ގޮތައް ބައެއް މީހުން ވާހަކަ ދައްކާ ކަމަށްބުނެއެވެ. ނަމަވެސް ޖަލުގައި އޮންނެވި އަދީބާ ގުޅޭ ގޮތުން ރައީސް އަބްދުﷲ ޔާމިން ފަހަކަށް އައިސް ގިނަ ވާހަކަ ތަކެއް ވަނީ ދައްކަވާފައެވެ. އަދި ބޮޑެތި ތުހުމަތުތަކެއް އަދީބުގެ މައްޗަށް ރައީސް ޔާމިން ކުރައްވާއިރު އަދީބުގެ އާއިލާ އާއި ވަކީލުން ގެންދަނީ އެ ވާހަކަތައް ދޮގު ކުރަމުންނެވެ.
އެގޮތުން އަދީބު ހަލާލު ނޫން ފައިސާތަކެއް ދީގެން ރައްޔިތުންގެ މަޖިލީހަށް ބައެއް މެމްބަރުން އިންތިހާބުވެފައިވާ ކަމަށާއި އެ މެމްބަރުން އިސްތިއުފާ ދޭން ޖެހޭ ކަމަށް ރައީސް ޔާމިން ވަނީ ވިދާޅުވެފައެވެ. އަދި އަދީބު ދެއްވި ފައިސާ އަކީ ހަލާލު ނޫން ފައިސާތަކެއް ކަމަށް ވިދާޅުވެ އެ ވާހަކަފުޅު ތަކުރާރު ކުރެއްވިއެވެ.
ހޯމަ ދުވަހުގެ ރޭ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުގައި އޮޅުން ނާރާ މިންވަރަށް އެމަނިކުފާނު ވިދާޅުވެފައި ވަނީ، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ހޭދަކުރެއްވީ ރަނގަޅު ފައިސާއެއް ނޫން ކަން މިހާރު އެނގޭ އިރު "އަޅުގަނޑުމެންގެ ގެއަށް ވަން ފައިސާ ހަލާލު ނޫން" ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ އެ ފައިސާ އެމަނިކުފާނުގެ ގެއަށް ވަންއިރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ވެސް އެ ފައިސާ ލިބިވަޑައިގެންފައިވާ ކަމަށެވެ.
އެއްވެސް މައްސަލައަކާއި ގުޅިގެން ދިވެހި ދައުލަތަށް އަދީބު ފައިސާއެއް ދައްކަވަން ޖެހޭކަމަށް ރާއްޖޭގެ އެއްވެސް ކޯޓަކުން ނިންމައި ޙުކުމެއް ކޮށްފައި ނުވާއިރު، ފުރާނައަށް ނުރައްކާވާފަދަ ބަލިތަކަކާއި ކުރިމަތިލައްވަމުން ގެންދަވާ އަދީބަށް ބޭސްފަރުވާ ކުރެއްވުމުގެ ފުރުޞަތު ދެވޭނީ ސަރުކާރުން ބުނާ މިންވަރަކަށް، ސަރުކާރަށް އަދީބު ފައިސާ ދެއްކެވުމުން ކަމަށް ސަރުކަރާއި ޚުދު ރައީސް ޔާމީންވެސް ވަނީ ވިދާޅުވެފައެވެ.