ކ. މާލެ
|
26 ސެޕްޓެންބަރ 2024 | ބުރާސްފަތި 12:50
އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)
އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)
ރާއްޖެއެމްވީ
ދައުލަތުގެ ޚަރަދު
ރައީސްގެ ހައިބަތު ދައްކަވަން މާލީ ޙާލަތާ ނުބައްދަލު އެތައް ޚަރަދެއް ދަނީ ކުރަމުން: ވައްޑެ
ޚަރަދު ކުޑަކުރުމަށް ދެބިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއު ސަރުކާރުން ބަޖެޓުން އުނިކޮށްފައިވޭ
ބޭކާރު އެތައް ޚަރަދެއް ކުރަމުންދާ ކަމަށް ވައްޑެ ވިދާޅުވި

ޚަރަދު ކުޑަކުރުމަށް ދެބިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއު ސަރުކާރުން ބަޖެޓުން އުނިކޮށްފައިވާއިރު، ސަރުކާރުގެ ބޭކާރު ޚަރަދުތައް އެހާމެ ގިނަކަމަށް އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ) ވިދާޅުވެއްޖެއެވެ.

Advertisement

ރާއްޖެޓީވީގެ ޓީވީޓޯކް ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ، ޚަރަދު ކުޑަކުރުމަށް ދެބިލިއަނަށްވުރެ ގިނަ ރުފިޔާގެ މަޝްރޫއު ސަރުކާރުން ބަޖެޓުން އުނިކޮށްފައިވާ ކަމަށާއި، ނަމަވެސް ބޭކާރު އެތައް ޚަރަދެއް ކުރަމުންދާ ކަމަށެވެ.

އިއްޔަގައިވެސް މީޑިއާތަކުން އަޅުގަނޑުމެންނަށް ފެނުނީ ސަރުކާރުގެ ވަރަށް މުހިއްމު އޮފީސްތަކަކުން ދެ ބިލިއަނެއްހާ ރުފިޔާ ކަނޑާލި ވާހަކަ ބަޖެޓުން. މިސާލަކަށް ސިއްޙީ ވުޒާރާ، ސިއްޙީ ކަންކަމަށް ހޭދަކުރަން ހުރި ހަނދާންވާ ގޮތުން 300 އެއްހާ މިލިއަން އުނި ކުރެއްވި ވާހަކަ، ތައުލީމަށް އެތައް މިލިއަނެއް އުނިކުރެއްވި ވާހަކަ އެގޮތަށް ގޮސް ޖުމުލަ ދެ ބިލިއަނެއްހާ ރުފިޔާ ކަނޑާލި ވާހަކަ
އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑެ)

ވައްޑެ އިތުރަށް ވިދާޅުވީ، ރައީސް ޑރ މުއިއްޒު ކޮންމެ ކަމެއްވެސް ކުރައްވަމުން ގެންދަވަނީ "އުނބަށް ޖައްސަވާ އުސޫލުން" ކަމަށެވެ.

އެހެންނަމަވެސް ވެރިންގެ ހައިބަތު ދެއްކުމަށްޓަކައި މާލީ ޙާލަތަށް ބެލުމެއްވެސް ނެތި ޚަރަދުތައް ކުރަމުންދާކަމަށް ވަހީދު ވިދާޅުވިއެވެ.

ވަހީދު އެހެން ވިދާޅުވެފައިވާއިރު، ބަޖެޓުން އުނިކުރި ބައި ހޯދަން ފިނޭންސް މިނިސްޓްރީއަށް "އަދަދު" ނޫހުން ހުށަހެޅުމުން ދިން ޖަވާބުގައި ފިނޭންސް މިނިސްޓްރީން ވަނީ 2.4 ބިލިއަން ރުފިޔާ އުނިކޮށްފައިވާކަން ހާމަކޮށްފައެވެ.

އޭގެ ތެރެއިންވެސް އެންމެ ބޮޑު ބަޔެއް އުނިކޮށްފައިވަނީ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ހިންގަމުންދާ ކޮންސްޓްރަޝަން މިނިސްޓްރީއާއި އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ ބަޖެޓުން ކަމަށް ވަނީ ރިޕޯޓު ކޮށްފައެވެ.

ހަމައެއާއެކު، ފިނޭންސް މިނިސްޓްރީގެ ހާއްސަ ބަޖެޓުންނާއި ވުޒާރާތަކާއި އިދާރާތަކާއި މިނިވަން މުއައްސަސާތަކާއި ހޮސްޕިޓާތައް ހިމެނޭހެން 63 ތަނެއްގެ ބަޖެޓުން ފައިސާ އުނިކޮށްފައިވާކަމަށްވެސް ފިނޭންސުން ދޫކުރި މައުލޫމާތުތަކާ ހަވާލާދީ ރިޕޯޓުކޮށްފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 16 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް