ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅަށް ގޯނި ގޯނީގައި ފައިސާ ވެއްދި ހިސާބުން އެ ވަނީ ކުށްކޮށްފައި ކަމަށާއި، އެއީ ޖިނާއީ ބޮޑު ވައްކަމެއް ކަމަށް ކުރީގެ ނައިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ބޮޑު ސުވާލު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރައީސް އަބްދުﷲ ޔާމީންގެ ފުރަތަމަ ނައިބް ރައީސެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކު ކޮށްގެން ނުވާނެ ކަންތައްތައް ޤާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވާ ބޭފުޅަކު އިސްލާމް ދީނުގެ އަސްލަކާއި ހިލާފް ކަމެއް ކޮށްގެން ނުވާނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.
ޖަމީލް ވިދާޅުވީ އިސްލާމީ ޝަރީއަތް ރާއްޖޭގައި ތަންފީޒް ކުރުމަކީ ހަމައެކަނި މަރުގެ ހުކުމް ތަންފީޒް ކުރުމުން ނިމޭނެ ކަމެއް ނޫން ކަމަށެވެ. އިސްލާމީ ޝަރީއަތާއި ޤާނޫނު ތަންފީޒް ކުރުމުގެ ތެރޭގައި ހައްދުގެ ކުށްތައް ވެސް ހިމެނޭ ކަމަށެވެ. އަދި ހައްދުގެ ކުށްތަކުގެ ތެރޭގައި އެންމެ ފުރަތަމަ ހިމެނޭ ކަމަކީ ވައްކަން ކުރުން ކަމަށް ޖަމީލް ވިދާޅުވި އެވެ.
ރައީސް އަބްދުﷲ ޔާމީން ހޯމަ ދުވަހުގެ ރޭ ދެއްކެވި ވާހަކަފުޅަށް އިޝާރަތް ކުރައްވާ ޖަމީލް ވިދާޅުވީ، އެ ވާހަކަފުޅަކީ ރިޔާސީ އަދި ދުސްތޫރީ ނިޒާމްގައި ރާއްޖޭގައި ވެރިޔަކަށް ހުންނެވި ބޭފުޅަކު މިފަދަ އަމަލަކަށް (ވައްކަމުގެ އަމަލަކަށް) އިއުތިރާފްވި ފުރަތަމަ ފަހަރު ކަމަށެވެ. އަދި މީގެކުރީގައި ރަސްކަން ކުރެއްވި ބޭފުޅާކު ވެސް އިސްލާމްދިނުގެ އަސްލާކާއި ހިލާފު މިފަދަކަމެއް ކުރެއްވި ކަމަށް އެއްބަސްވެފައި ނުވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ ހުވާގައި ވެސް، ޤާނޫނު އަސާސީ އާއި، ރައްޔިތުންގެ ހައްޤުތަކަށް ރައްކާތެރިވާނެ ކަމަށް ބުނެފައިވާކަން ފާހަގަކޮށް ޖަމީލް ވިދާޅުވީ، ރައްޔިތުންގެ ހައްޤުތަކުގެ ތެރޭގައި އެންމެ ފުރަތަމަ ހިމެނޭ ކަމަކީ، ރައްޔިތުންގެ މާލިއްޔަތު ރައްކާތެރި ކުރުން ކަމަށެވެ.