އެމްޑީޕީގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ޝިފާޒް ފުލުސް އޮފީހަށް ހާޒިރު ވުމަށް އަންގައިފިއެވެ.
ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޝިފާޒް ފުލުސް އޮފީހަށް ހާޒިރު ވުމަށް އަންގާފައި ވަނީ އަންގާރަ ދުވަހުގެރޭ 8:30 އަށެވެ. ނަމަވެސް ޝިފާޒް ހާޒިރު ކުރަނީ ކޮންކަމަކާ ގުޅިގެން ކަމެއް އަދި ސާފުވެފައެއް ނުވެއެވެ.
ރާއްޖެ އެމްވީއަށް ޝިފާޒް ވިދާޅުވީ ހާޒިރުވާން އަންގާފައި ވަނީ ބަލަމުންދާ މައްސަލައަކާއި ގުޅިގެން ކަމަށް ފުލުހުން ބުނެފައިވާ ކަމަށާއި ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ބުނެފައި ނުވާ ކަމަށެވެ.
ޝިފާޒް ފުލުސް އޮފީހަށް ހާޒިރުވުމަށް އަންގާފައި މިވަނީ ގުޅިފައިވާ ހަތަރު ޕާޓީން ހިންގާ ސިޔާސީ ހަރަކާތްތައް އިތުރުވެ މަގުމަތީ ހަރަކާތްތައް ވެސް ގިނަވެފައިވާ ދަނޑިވަޅެއްގައެވެ. ޝިފާޒަކީ ރައީސް ޔާމީނަށް ފާޅުގައި ވަރަށް ބޮޑަށް ފާޑު ވިދާޅުވާ ބޭފުޅެކެވެ.