ކ. މާލެ
|
23 ސެޕްޓެންބަރ 2024 | ހޯމަ 16:42
ޗައިނާ އިން ޓައިވާނަށް އެރުމުގެ ފުރުސަތު ބޮޑު
ޗައިނާ އިން ޓައިވާނަށް އެރުމުގެ ފުރުސަތު ބޮޑު
ރާއްޖެ އެމްވީ
ޗައިނާ - ޓައިވާން
ޗައިނާއިން ޓައިވާނަށް އަރައިފިނަމަ ރާއްޖެއަށް ކުރާނީ ކޮން އަސަރެއް؟
ޗައިނާއިން ޓައިވާނަށް އަރައިފިނަމަ އެކަމުގެ ނޭދެވޭ އަސަރު މުޅި ދުނިޔޭގެ އިޤްތިޞާދަށް ކުރާނެއެވެ. އަދި ދުނިޔޭގެ ލޮޖިސްޓިކްސް ރޫޓްތަކަށްވެސް ބުރޫ އަރާނެއެވެ. މި ކުޑަކުޑަ ރާއްޖެއަށްވެސް އޭގެ ނޭދެވޭ އަސަރުކުރާނެއެވެ.

ޗައިނާއާއި ޓައިވާނާއި ދެމެދު މަސްރަހު ހޫނުވެ، ޗައިނާއިން ޓައިވާނަށް އަރައިގެންފާނެ ކަމުގެ ބިރު މީން ޒަމާނަކު ނެތްވަރަށް މިހާރު ވަނީ އުފެދިފައެވެ. ޓައިވާނަކީ ވަކިވެގަނެގެން އުޅޭ ޗައިނާގެ ޕްރޮވިންސެއްކަމަށް ޗައިނާއިން ދައުވާކުރިނަމަވެސް، ޓައިވާނުން ގެންދަނީ މިނިވަން ދައުލަތެއް އިއުލާންކޮށްގެން ވެރިކަން ހިންގަމުންނެވެ. 25 މިލިއަނާ ގާތްކުރާ އާބާދީއެއް އޮންނަ ޓައިވާނަކީ، ޗައިނާގެ ކޮމިއުނިސްޓުން 1949 ގައި ޗައިނާގެ ޖުމްހޫރީ ވެރިކަން ފުރޮޅާލުމުން ޗައިނާގެ ޖުމްހޫރީ ސަރުކާރުން ޓައިވާނުގައި އުފެއްދި ސަރުކާރެވެ. ޓައިވާނުގައި 1996 ވަނަ އަހަރުން ފެށިގެން ފުރިހަމަ ޑިމޮކްރެޓިކް ވެރިކަމެއް ހިންގަމުން އަންނައިރު، އެގައުމަކީ ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އިގްތިސާދުތަކުގެ ތެރޭގައި ހިމެނޭ އިގްތިސާދެކެވެ. ދުނިޔޭގެ ސެމީކޮންޑަކްޓަރ ސިނާޢަތް ކޮންޓްރޯލްކުރަނީ ޓައިވާނުންނެވެ. އެހެންނަމަވެސް ޓައިވާނަށް އަބަދުވެސް އޮންނަ އެންމެ ބޮޑު ބިރަކީ ޗައިނާއިން އެގައުމަށް އަރައިގެންފާނެކަމުގެ ބިރެވެ. ޗައިނާގެ ޚާރިޖީ ސިޔާސަތުގެ ތެރެއިން އެގައުމުން ގުޅުން ބަދަހިކުރަނީވެސް 'ވަން ޗައިނާ ޕޮލިސީ' ނުވަތަ ޓައިވާނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި ނުބަލާ ގައުމުތަކާއެކުގައެވެ. ޓައިވާނުގެ މިނިވަންކަން ބަލައިގަންނަނީވެސް ގާތްގަނޑަކަށް މުޅިންވެސް ކުދި އަދި ޖަޒީރާ ގައުމުތައް ހިމެނޭހެން 15 ވަރަކަށް ގައުމުންނެވެ. އދއިންވެސް ޓައިވާނަށް ފުރިހަމަ މެމްބަރުކަން ދީފައިނުވާއިރު، ދުނިޔޭގެ ވިޔަފާރި ޖަމްއިއްޔާއާއި ބައިނަލްއަގްވާމީ އޮލިމްޕިކް ކޮމިޓީ އަދި އޭޕެކް ފަދަ ދެތިން ޖަމްއިއްޔާއިން ޓައިވާނަށް މެމްބަރުކަން ދިނެވެ. ރާއްޖެއިންވެސް ގަބޫލުކުރަނީ ވަން ޗައިނާ ޕޮލިސީއެވެ. ޗައިނާއާއެކު އޮންނަ ގުޅުން އެކި ސަރުކާރުތަކުގައި ކޮންމެވެސް ވަރަކަށް ބަދަލުވިނަމަވެސް، ރާއްޖޭގެ އެއްވެސް ސަރުކާރަކުން 'ވަން ޗައިނާ ޕޮލިސީ' ދޫކޮށްލާފައެއް ނެތެވެ.

ޗައިނާގެ ޕީޕަލްސް ލިބަރޭޝަން އާމީ (ޕީއެލްއޭ) ގެ ގާޑް އޮފް އޮނަރ އިން ދިދަ ނެގުމުގެ ރަސްމިއްޔާތެއްގައި ޤައުމީ ދިދަ އެސްކޯޓްކުރަނީ (ވާތް ފަރާތުގައި)، އަދި ތައިވާނުގެ ދިދަ (ކަނާތް ފަރާތުގައި) - އެސްބީއެސް

ލާމަރުކަޒީ ގާނޫނު ވުޖޫދުވެ، އިންތިޚާބީ ކައުންސިލްތައް އުފެދިގެން މާލޭގައި އިންތިޚާބުވި ފުރަތަމަ ސިޓީ ކައުންސިލުން 2013 ވަނަ އަހަރުގެ ޖޫން މަހުގެ 9 ވަނަ ދުވަހު ޓައިވާނުގެ ކައިޝިއުން ސިޓީއާއެކު ސިސްޓަރ ސިޓީ އެގްރިމެންޓެއްގައި ސޮއިކުރިއެވެ. އަދި ކައޮޝިއުން ސިޓީއިން މާލޭ ސިޓީ ކައުންސިލަށް ގިނަ ދާއިރާތަކަކުން އެހީތެރިކަން ދޭނެކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. މި އެއްބަސްވުމުގައި ސޮއިކުރީ ކައޮޝިއުން ސިޓީގެ އޮފިޝަލުންތަކެއް މާލެ ވަޑައިގެންނެވެ. ލާމަރުކަޒީ ގާނޫނުން ލިބިދޭ ބާރުގެ ދަށުން، ރައްޔިތުންނަށް ފައިދާއަށް ކުރިކަމެއްކަމަށް އޭރުގެ ސިޓީ ކައުންސިލުން ބުނިނަމަވެސް، ހަގީގަތަކީ ޚާރިޖީ ސިޔާސަތު ހިންގުމަކީ ގާނޫނު އަސާސީގެ 115 ވަނަ މާއްދާ (ރ) އަދި (މ) ގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް އެކަނި ލިބިދީފައިވާ ބާރެކެވެ. ލާމަރުކަޒީ ނިޒާމް އެންމެ ފުރިހަމަ ގައުމުތަކުގައިވެސް ޚާރިޖީ އަދި އަސްކަރީ ސިޔާސަތަކީ ހަމައެކަނި މައި ސަރުކާރަށް އޮންނަ ސިޔާސަތެކެވެ. ނަތީޖާއަކަށްވީ ޖެހިގެން އައިދުވަހު، ރައީސް ޑރ. ވަހީދުގެ ސަރުކާރުން ސިޓީ ކައުންސިލްގެ އެއްބަސްވުން ބާތިލްކުރުމެވެ. އަދި ރާއްޖެއިން އަމަލުކުރާނީ 'ވަން ޗައިނާ ޕޮލިސީ'އަށްކަން ތަކުރާރުކޮށް ޚާރިޖިއްޔާއިން ބަޔާނެއް ނެރުނެވެ. ޗައިނާއިން ޓައިވާނަށް އަރައިގެންފާނެކަމުގެ ބިރު މިހާރު ވަނީ ވަރަށް ބޮޑަށް ހީވެފައެވެ. ޗައިނާއިން ޓައިވާނުގެ ވަޔާއި ކަނޑުގެ ސަރަހައްދުގެ ތެރެއަށް އަސްކަރީ އުޅަނދުތަކުގައި ވަނުން އިތުރުވެފައިވާއިރު، ޓައިވާނާމެދު ގެންގުޅޭ ބަސްމަގުވެސް ޗައިނާއިން ގެންދަނީ ހަރުކަށި ކުރަމުންނެވެ. މިއާއެކު އުފެދޭ އެއް ސުވާލަކީ މާ ދުރުގައި އޮތް ދިވެހިރާއްޖެއަށް، މިފަދަ ހާލަތެއްގައި ދިމާވާނީ ކޮން ކަހަލަ ގޮންޖެހުންތަކެއް ހެއްޔެވެ؟ ދިވެހިރާއްޖެއިން މިމައްސަލައިގެ ތެރެއަށް ނުވަނަސް ދިވެހިރާއްޖެއަށް ކުރާނީ ކޮން އަސަރުތަކެއް ހެއްޔެވެ؟

އިގްތިސާދީ ގޮންޖެހުންތައް

ޗައިނާއާއި ޓައިވާނުން ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން ޒިޔާރަތްކުރެއެވެ. މިއަހަރުގެ ސެޕްޓެމްބަރު 11 ގެ ނިޔަލަށް މިހާތަނަށް 204،832 ފަތުރުވެރިނަން ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. ޗައިނާއަކީ ރާއްޖެއަށް ފަތުރުވެރިން އެންމެ ގިނައިން އަންނަ މަންޒިލަށްވެފައި، ޗައިނާ-ޓައިވާން ހަނގުރާމައެއް ފެށިއްޖެނަމަ ޗައިނާއާ ޓައިވާނުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަރަށް ބޮޑުތަނުން ދަށަށް ހިނގައިދާނެއެވެ. ކޮވިޑުގެ ދުވަސްވަރުވެސް މިފަދަ ހާލަތެއް ދިމާވި ވަގުތު އެހެން މާކެޓްތަކުން ރާއްޖެއަށް ފަތުރުވެރިން އަންނަމުންދިޔައީތީ އެކަން ފޫބައްދާލެވުނަސް، ހަނގުރާމައިގެ ހާލަތެއްގައި ކަން ހިނގާނެ ގޮތެއް ސީދާ އަންދާޒާކޮށްލަން އަދި ދައްޗެވެ. ހަނގުރާމައެއް ފެށިއްޖެނަމަ ފަތުރުވެރިން އައުން ހުއްޓޭނެ އެއް ސަބަބަކަށްވާނީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮންނަ ވައިގެ ދަތުރުފަތުރަށް ބުރޫ އެރުމެވެ. މިހާރުވެސް ޗައިނާގެ 5 އެއަރލައިނަކުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރެއެވެ.

ރާއްޖެއަށް ކޮންމެ އަހަރަކު އެތައް ސަތޭކަ މިލިއަން ރުފިޔާއެއްގެ މުދާ ޗައިނާއިން އެތެރެކުރެއެވެ. އަދި އެކި ރޫޓްތަކުން ސީދާކޮށާއި ނުސީދާކޮށްވެސް ޓައިވާނުންވެސް ރާއްޖެއަށް މުދާ އެތެރެކުރެއެވެ. ކާޑުގެ ބާވަތްތަކާއި އަސާސީ މުދަލުގެ ބާވަތްތައް ޗައިނާއިން އެތެރެ ނުކުރިނަމަވެސް، އެހެނިހެން ސިނާއަތްތަކަށް ބޭނުންވާ ގިނަ އަދަދެއްގެ މުދާ ޗައިނާއިން އެތެރެކުރާއިރު، ޗައިނާއާ ޓައިވާނާއި ދެމެދު ހަނގުރާމައެއް ފެށިއްޖެ ޙާލަތެއްގައި ދުނިޔޭގެ މުދަލުގެ ސަޕްލައި ޗެއިނަށް އަރާ ލޮޅުމުގެ އަސަރު ރާއްޖެއަށްވެސް ކުރާނެއެވެ. ޗައިނާއިން މުދާ ލިބުން ދަތިވުމުގެ އިތުރުން، އިރުމަތީގެ ގައުމުތަކުން ރާއްޖެއަށް ގެންނަ މުދާ ގެނައުމަށްވެސް ދަތިތަކެއް ކުރިމަތިވާނެއެވެ. ސަބަބަކީ ހަނގުރާމައެއް ފެށިއްޖެނަމަ ދެކުނު ޗައިނާ ކަނޑާއި އިރުމަތީ ޗައިނާ ކަނޑުން މުދާ އުފުލުމަށް އާގުބޯޓުފަހަރު ދުއްވުމަށް ހުރަސްތައް ކުރިމަތިވާނެތީއެވެ. ޗައިނާ-ޓައިވާން ހަނގުރާމައެއްގެ އަސަރު ބައިނަލްއަގްވާމީ މާލީ ބާޒާރަށްވެސް ކުރާނެއެވެ. މިފަދަ ހާލަތެއްގައި އަނެއްކާވެސް 'ގްލޯބަލް ރިސެޝަނަކަށް' ދިޔުމުގެ ބިރުވެސް އެބައޮތެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއެކުވެސް ދުނިޔޭގެ ތެލުގެ ބާޒާރަށާއި އަދި އެއަށްފަހު ލޮޖިސްޓިކްސް މާކެޓުގެ އަގުތަކަށް އައި ލޮޅުންތަކުން ނިކުތް އިގްތިސާދީ މައްސަލަތަކުން އަދިވެސް ގައުމުތަކަށް އަރައިނުގަނެވެއެވެ. ޗައިނާ-ޓައިވާން ހަނގުރާމައެއް ފެށިއްޖެނަމަ އެއަށްވުރެ ބޮޑު ލޮޅުމެއް އިގްތިސާދުތަކަށް އަންނާނެއެވެ.

ޗައިނާ-ޓައިވާން ހަނގުރާމައެއްގެ ސަބަބުން، ރަޝިޔާ-ޔޫކްރެއިން ހަނގުރާމައާއެކު އައިފަދަ ލޮޅުންތަކެއް ދުނިޔޭގެ ތެލުގެ ބާޒާރަށް އަތުވެއްޖެނަމަ ހަކަތައިގެ އަގު ބޮޑުކުރުމަށް ރާއްޖެއަށްވެސް މަޖުބޫރުވާނެއެވެ. ކަރަންޓު ބިލްތަކަށް ރައްޔިތުން ދައްކަން ޖެހޭ އަދަދު އިތުރުވެގެންދާނެއެވެ. ބައިނަލްއަގްވާމީ ތެލުގެ ބާޒާރަށް އަންނަ ލޮޅުމުގެ އަސަރު ރައްޔިތުންނަށް 'ޕާސް އޮން' ކުރަން ސަރުކާރުން ބޭނުންނުވާނަމަ އޭގެ އަސަރު ދެން ކުރާނީ ސްޓެލްކޯއާއި ފެނަކައިގެ ބޮޓޮމްލައިނަށެވެ.

ސަލާމަތީ އަދި ޚާރިޖީ ގޮންޖެހުންތައް

ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށުމުން ރާއްޖެއިން ވަކިކޮޅެއް ނުނަގައެވެ. އަދި ވަކިކޮޅަކަށް ނުޖެހި ރާއްޖެ އޮތް އޮތުން ބައިނަލްއަގްވާމީ މުޖްތަމައުން ގަބޫލުވެސް ކުރިއެވެ. ޕުޓިންއާއި ގުޅުން އޮތް ރަޝިޔާގެ މަހުޖަނުންނާއި ދެކޮޅަށް އެމެރިކާއާއި ވިލާތުގެ އިއްތިހާދުން ދަތިކުރުމުގެ ފިޔަވަޅުތައް އަޅައި، އެމީހުންގެ އަގުބޮޑު ޔޮޓްފަހަރާއި މުދާ ނަގަން ފެށުމުން އޭގެ ތެރެއިން ބައެއް މީހުންގެ ޔޮޓްތައް ރާއްޖެއަށް އައިކަމަށް ބައިނަލްއަގްވާމީ މީޑިއާގައި ރިޕޯޓްކުރިއެވެ. އެހެންނަމަވެސް އދ އިން އެމީހުންނާއި ދެކޮޅަށް ފިޔަވަޅު އަޅާފައިނުވާތީއާއި، ހަނގުރާމައިގައި ވަކިކޮޅެއް ރާއްޖެއިން ނަގާފައި ނެތުމުން އެހެން ގައުމުތަކުންވެސް އެކަން މާބޮޑު މައްސަލައެއްގެ ގޮތުގައި ނުނަގައެވެ. އެހެންނަމަވެސް ޗައިނާ-ޓައިވާން ހަނގުރާމައެއް ފެށިއްޖެނަމަ ރާއްޖެއިން 'ވަން ޗައިނާ ޕޮލިސީ' ގައި ދެމިއޮތްކަން ތަކުރާރުކޮށް ހާމަކުރަން މަޖުބޫރުވާނެއެވެ. އަދި ހަނގުރާމައެއް ފެށިއްޖެ ހާލަތެއްގައި އދއާއި އެހެނިހެން ޕްލެޓްފޯމްތަކުގައި ބަހުސެއް ފެށިއްޖެ ހާލަތެއްގައި ރާއްޖެއިން ޗައިނާއާ އެއްކޮޅަށް ވާހަކަ ދައްކަން ޖެހޭނެއެވެ.

މިމައްސަލައިގައި އެއްޗެއް ބުނަން ރާއްޖެއިން ބޭނުން ނުވިޔަސް، ޗައިނާއިން އިތުރު ޗޮއިސްއެއް ދޭނެކަމަށް ނުބެލެވެއެވެ. ސަބަބަކީ ޓައިވާނަށް ޗައިނާއިން އަރާނަމަ އަރާނީ އެމެރިކާއާއި ހުޅަނގުގެ އެހެން ގައުމުތައް، އަދި "ކުއަޑް"ގެ ގައުމުތަކާއިވެސް ދެކޮޅަށް ކަމަށްވާތީ، ލިބެން ހުރި ހުރިހާ ސަޕޯޓެއް ޗައިނާއިން ބޭނުންވާނެތީއެވެ. އަސްކަރީ ގޮތުން ޗައިނާއަށް ހޯދޭ ކުރިއެރުންތަކެއް ދެމެހެއްޓުން ބިނާވަނީ އެއަސްކަރީ ކުރިއެރުންތައް 'ޑިޕްލޮމެޓިކް ވިން' ތަކަކަށްވެސް ބަދަލު ކުރެވިގެންނެވެ. ރާއްޖެއިން މިމައްސަލައިގައި ޗައިނާއާ އެއްކޮޅަށް އެދަނޑިވަޅުގައި ނާރައިފިނަމަ، ޗައިނާއާ އޮންނަ ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެންދާނެއެވެ. ޗައިނާއާއި އޮންނަ ގުޅުން ހީނަރުވުމަކީ ރާއްޖެއަށް ވަރިހަމަ ގޮތެއް ނޫނެވެ. ޗައިނާއިން ޓައިވާނަށް އަރައިފި ހާލަތެއްގައި ބޭ އޮފް ބެންގާލްއާއި އިންޑިއާ ކަނޑުގައި އަސްކަރީ ހަރަކާތްތައް އިތުރުވެގެންދާނެއެވެ. އެޓްލާންޓިކް ކަނޑާއި ޕެސިފިކް ކަނޑާއި އަދި އެފްރިކާގެ އިރުމަތީ ބިތުގެ އައްސޭރި ފަށާއި ކައިރި ސަރަހައްދުތަކާއި ގަލްފް ސަރަހައްދާއި އަޅާބަލާއިރު، ނިސްބަތުން އިންޑިއާ ކަނޑުގައި އަސްކަރީ ހަރަކާތްތައް މަދޭ ދެންނެވިދާނެއެވެ. އެހެންނަމަވެސް ޗައިނާ-ޓައިވާން ހަނގުރާމައެއް ފެށިއްޖެނަމަ ހާލަތު ބަދަލުވެގެންދާނެއެވެ. އަދި އޭގެ ސަބަބުން އިންޑިއާ ކަނޑު ހަލަބޮލިވެ، އިތުރު މައްސަލަތަކެއް ފެންމަތިވާން ފަށާނެއެވެ.

މި ސަރަހައްދުގައި ހުޅަނގުގެ ގައުމުތަކުގެ އަސްކަރީ އުޅަނދުތައް ގިނަވުން ވެގެންދާނީ އެގައުމުތަކުގެ ދުޝްމަނުންނަށް ރާއްޖެއަށް އައުމަށް ދެވޭ ދައުވަތަކަށެވެ. ހުޅަނގުގެ ގައުމުތަކުގެ އަސްކަރީ އުޅަނދުތަކަށް ގެއްލުމެއް ދޭން ބޭނުންވާ ހައްދުފަހަނައެޅި ޓެރަރިސްޓް ޖަމާއަތްތަކުގެ ލޯ ރާއްޖެއަށް އަމާޒުވެއްޖެނަމަ، އާއްމު ބަހުރުވައިން ބުނާނަމަ އެޖެހުނީ އަނެއް ހަ ކަންތަކެވެ. އަދި އެއާއެކު ހުޅަނގުގެ ގައުމުތަކުގެ ލޯތައްވެސް ރާއްޖެއަށް އަމާޒުވާނެއެވެ. މިއީ ނާދިރު ހާލަތެއް ނަމަވެސް، މިއީ ނުވާނެ ކަމެކޭ ބުނެ ދޫކޮށްލެވޭނެ ސިނާރިއޯއެއް ނޫނެވެ. ޗައިނާއާއި-ޓައިވާނާއި ދެމެދު އުފެދިފައިވާ މައްސަލަތަކަކީ އެ ދެ ސަރުކާރުގެ ދެމެދުގައިވާ މައްސަލައެއް ނަމަވެސް، އެމައްސަލަތައް ހަނގުރާމައަކަށް ބަދަލުވާ ހާލަތުގައި މާ ދުރުގައި އޮތް މިކުޑަކުޑަ ދިވެހިރާއްޖެއަށްވެސް އޭގެ އަސަރުކުރާނެއެވެ. މަތީގައި މި ދަންނަވާލި ކަންކަން ނޫނަސް، ހަނގުރާމަ ހިނގާ ގޮތާއި، ހަނގުރާމަ ދިގުދެމިގެންދާ މުއްދަތާއި އަދިވެސް އެހެން އެތައް ކަމެއްގެ މައްޗަށް ބިނާކޮށް ހިނގާފާނެ އެތައް ކަމެއްވެސް ހުންނާނެއެވެ.

- ކޮމެންޓް