ކ. މާލެ
|
22 ސެޕްޓެންބަރ 2024 | އާދީއްތަ 16:11
ޖޯޖިއާ މުބާރާތުގެ މެޑަލް އާއެކު ލައިބާ
ޖޯޖިއާ މުބާރާތުގެ މެޑަލް އާއެކު ލައިބާ
ރާއްޖެ އެމްވީ
ލައިބާ އަޙުމަދު މަޚްލޫފް (އެލީ)
ޖޯޖިއާ މުބާރާތުން ލައިބާ އަށް ރިހި އަދި ލޯ މެޑަލް
ބެޑްމިންޓަންގެ ގިނަ މުބާރާތްތަކެއްގައި ވާދަކޮށް ލައިބާ ވަނީ މިހާތަނަށް ބައިނަލްއަޤުވާމީ 14 މެޑަލް ހޯދައިފަ އެވެ.

ޖޯޖިއާ ގައި ކުރިއަށް ދިޔަ ބެޑްމިންޓަން މުބާރާތެއްގައި ވާދަކޮށް ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙުމަދު މަޚްލޫފް (އެލީ)، ދެ މެޑަލް ހޯދައިފި އެވެ.

ޖޯޖިއާގެ ބެޑްމިންޓަން އެސޯސިއޭޝަނުން އެ ޤައުމުގެ ބަޓުމީގައި ކުރިއަށްދާ، ބަޓުމީ ކަޕް - ޔޫތު އިންޓަނޭޝަނަލް މުބާރާތުގެ 13 އަހަރުން ދަށުގެ ސިންގަލްސް އިވެންޓުން ލައިބާ ލޯ މެޑަލް ހޯދިއިރު، ޑަބަލްސް އިވެންޓުން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ.

ސިންގަލްސް އިވެންޓުގެ ސެމީ ފައިނަލްގައި އާދިއްތަ ދުވަހު ލައިބާ ވަނީ ކުޅެފަ އެވެ. އަރްމޭނިއާގެ 13 އަހަރުން ދަށުގެ އެއް ވަނަ ކުޅުންތެރިޔާ އަނިތާ އާޒުމަންޔަންއާ ވާދަކޮށް ލައިބާ ބަލިވީ ސީދާ ދެ ސެޓުންނެވެ. އެއީ ފުރަތަމަ ސެޓު 25-23 އަދި ދެ ވަނަ ސެޓު 21-13 އިންނެވެ.

ޑަބަލްސް އިވެންޓުގައި ލައިބާ ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. ޑަބަލްސް އިވެންޓުގައި ލައިބާގެ ޕެއާ ޕާޓްނަރަކީ ސިންގަލްސް ސެމީ ފައިނަލްގައި ވާދަކުރި އަރްމޭނިއާގެ އަނިތާ އާޒުމަންޔަން އެވެ.

މި މުބާރާތުގައި އަރްމޭނިއާ، އަޒަރްބައިޖާން، ތުރުކީ، ކަޒަކިސްތާންގެ އިތުރުން ޖޯޖިއާގެ ޓޮޕް ރޭންކިންގެ ކުޅުންތެރިން ވާދަ ކުރާނެ އެވެ.

ސެޕްޓެމްބަރު މަހުގެ ކުރީ ކޮޅު ލައިބާ ވަނީ ސްލޮވޭނިއާ ގައި ކުރިއަށް ދިޔަ މިރްނާ އިންޓަނޭޝަނަލް ޔޫތު މުބާރާތުގައި ވާދަކޮށް ލޯ މެޑަލް ހޯދައިފަ އެވެ. އެ މުބާރާތުން ލައިބާ ލޯ މެޑަލް ހޯދާފައި ވަނީ 13 އަހަރުން ދެށުގެ ޑަބަލްސް ބައިންނެވެ.

ބެޑްމިންޓަންގެ ގިނަ މުބާރާތްތަކެއްގައި ވާދަކޮށް ލައިބާ ވަނީ މިހާތަނަށް ބައިނަލްއަޤުވާމީ 14 މެޑަލް ހޯދައިފަ އެވެ. މިއަހަރުގެ މިހާތަނަށް ލައިބާ މި ވަނީ ހަ މެޑަލް ހޯދައިފަ އެވެ. މީގެ އިތުރުން ސައުދީ އަރަބިޔާގައި އޮތް ސައުދީ އޯޕަންގައި ވާދަކޮށް ވެސް ލައިބާ ވަނީ މެޑަލް ހޯދައިފަ އެވެ.

- ކޮމެންޓް