ކ. މާލެ
|
21 ސެޕްޓެންބަރ 2024 | ހޮނިހިރު 13:00
ލައިބާ އަޙުމަދު މަޚްލޫފް (އެލީ)
ލައިބާ އަޙުމަދު މަޚްލޫފް (އެލީ)
ރާއްޖެ އެމްވީ
ލައިބާ އަޙުމަދު މަޚްލޫފް (އެލީ)
ކުއާޓާ ފައިނަލް ކާމިޔާބުކޮށް، ލައިބާ ސެމީ ފައިނަލަށް
ކުއާޓާ ފައިނަލްގައި ކަޒަކިސްތާންގެ މުޓިގުލީނާއާ ދެކޮޅަށް ހޮނިހިރު ދުވަހު ކުޅުނު މެޗު ލައިބާ ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ.

ޖޯޖިއާ ގައި ކުރިއަށްދާ ބެޑްމިންޓަން މުބާރާތެއްގައި ވާދަކުރަމުން އަންނަ ރާއްޖޭގެ ޒުވާން ބެޑްމިންޓަން ކުޅުންތެރިޔާ ލައިބާ އަޙުމަދު މަޚްލޫފް (އެލީ)، މުބާރާތުގެ ސެމީ ފައިނަލް އިން ޖާގަ ހޯދައިފި އެވެ.

ޖޯޖިއާގެ ބަޓުމީގައި ކުރިއަށްދާ، ބަޓުމީ ކަޕް - ޔޫތު އިންޓަނޭޝަނަލް މުބާރާތުގެ 13 އަހަރުން ދަށުގެ ސިންގަލްސް އިވެންޓުގައި ވާދަކޮށް ލައިބާ ވަނީ ސެމީ ފައިނަލްގެ ފުރުސަތު ހޯދައިފަ އެވެ. އެއީ ކުއާޓާ ފައިނަލް މެޗު ކާމިޔާބު ކޮށްގެންނެވެ.

ކުއާޓާ ފައިނަލްގައި ކަޒަކިސްތާންގެ މުޓިގުލީނާއާ ދެކޮޅަށް ހޮނިހިރު ދުވަހު ކުޅުނު މެޗު ލައިބާ ކާމިޔާބު ކުރީ ސީދާ ދެ ސެޓުންނެވެ. ދެ ސެޓު ވެސް ލައިބާ ކާމިޔާބު ކުރީ 25-15ންނެވެ.

މުބާރާތުގެ ތިން އިވެންޓެއް ގައި ލައިބާ ވާދަކުރާނެ އެވެ. އެއީ 13 އަހަރުން ދަށުގެ ސިންގަލްސް ބައިގެ އިތުރުން، ޑަބަލްސް އިވެންޓު އަދި މިކްސް ޑަބަލްސް އިވެންޓުގަ އެވެ. ޑަބަލްސް އިވެންޓުގައި ލައިބާގެ ޕެއާ ޕާޓްނަރަކީ އަރްމޭނިއާގެ އަނިތާ އާޒުމަންޔަން އެވެ. މީގެ އިތުރުން މިކްސް ޑަބަލްސް އިވެންޓުގައި ލައިބާގެ ޕެއާ ޕާޓްރަނަކީ، އަރްމޭނިއާގެ އެރިކް އެލޯޔަން އެވެ.

ޖޯޖިއާގައި މި މުބާރާތް ކުރިއަށް ދާނީ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން 22 ވަނަ ދުވަހުގެ ނިޔަލަށެވެ. މި މުބާރާތުގައި އަރްމޭނިއާ، އަޒަރްބައިޖާން، ތުރުކީ، ކަޒަކިސްތާންގެ އިތުރުން ޖޯޖިއާގެ ޓޮޕް ރޭންކިންގެ ކުޅުންތެރިން ވާދަ ކުރާނެ އެވެ.

ސެޕްޓެމްބަރު މަހުގެ ކުރީ ކޮޅު ލައިބާ ވަނީ ސްލޮވޭނިއާ ގައި ކުރިއަށް ދިޔަ މިރްނާ އިންޓަނޭޝަނަލް ޔޫތު މުބާރާތުގައި ވާދަކޮށް ލޯ މެޑަލް ހޯދައިފަ އެވެ. އެ މުބާރާތުން ލައިބާ ލޯ މެޑަލް ހޯދާފައި ވަނީ 13 އަހަރުން ދެށުގެ ޑަބަލްސް ބައިންނެވެ.

ބެޑްމިންޓަންގެ ގިނަ މުބާރާތްތަކެއްގައި ވާދަކޮށް ލައިބާ ވަނީ މިހާތަނަށް ބައިނަލްއަޤުވާމީ 11 މެޑަލް ހޯދައިފަ އެވެ. މިއަހަރުގެ މިހާތަނަށް ލައިބާ ވަނީ ހަތަރު މެޑަލް ހޯދައިފަ އެވެ. މީގެ އިތުރުން ސައުދީ އަރަބިޔާގައި އޮތް ސައުދީ އޯޕަންގައި ވާދަކޮށް ވެސް ލައިބާ ވަނީ މެޑަލް ހޯދައިފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް