ރައީސް އަބްދުﷲ ޔާމީން ހޯމަ ދުވަހުގެ ރޭ ދެއްކެވި ވާހަކައިގެ މައްސަލަ އާއި މުއައްސަސާތަކުން ކޮރަޕްޝަނުގެ މައްސަލަތައް ބެލުން ލަސްވާ މައްސަލަ ބެލުމަށް ކަމާ ގުޅޭ އިދާރާތަކަށް ހުށަހެޅުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ނިންމައިފި އެވެ.
އެމްޑީޕީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން، އެމްޑީޕީގެ ލީގަލް އެފެޔާޒް ޑިރެކްޓަރ ހިސާން ހުސައިން ވިދާޅުވީ، ރައީސް ޔާމީން އަނެއްކާވެސް ކޮރަޕްޝަނުގެ ފައިސާގައި ހިފާފަވާކަމަށް އިއުތިރާފުވެފައިވާ ކަމަށެވެ. މީގެ ކުރިންވެސް ކޮރަޕްޝަނުގެ މައްސަލަތައް ބަލައިދިނުމަށް އެދި މުއައްސަސާތަކުގައި އެދިފައިވާނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މަޝްވަރާކުރުމަށްފަހު، ރައީސް ޔާމީން އަމިއްލަފުޅަށް އިއުތިރާފުވެފައިވާ ވާހަކަތައް އެންޓި ކޮރަޕްޝަން ކޮމިޝަނަށާއި މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ބުދަ ދުވަހު ހުށަހަޅަން ވަނީ ނިންމާފަ. އަދި އޭގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބޭފުޅުންނާއި އެންޓިކޮރަޕްޝަން ކޮމިޝަނުގެ މެންބަރުން ދިގު ދަންމަމުންދާ މައްސަލަ ނޭޝަނަލް އިންކުއަރީ ކޮމިޝަނަށް ހުށަހަޅަން ވަނީ ނިންމާފަ." ހިސާން ވިދާޅުވި އެވެ.
ހިސާން ވިދާޅުވީ، ރައީސް ޔާމީން މިފަހަކަށް އައިސް ވާހަކަފުޅު ދައްކަވާ އިރު ވަރަށް ގިނައިން އިދިކޮޅު ފަރާތްތަކަށް ކަންކަން ކުރުމަށް އެދިވަޑައިގަންނަވާ ކަމަށާއި އެހެން ނަމަވެސް މިފަދަ ގޮތަކަށް ކަންކަމަށް އެދެނީ އިދިކޮޅު ފަރާތްތަކުގެ ގާއިގާ ކަސްތޮޅު އެޅުމަށްފަހު ކަމަށެވެ. އަދި މިއީ ވަރަށް ދަށުދަރަޖައިގެ އަމަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"އިދިކޮޅު ފަރާތްތަކުގެ އެންމެ އިސްކޮށް ހަރަކާތްތެރިވާ، ތިން ފަރާތެއް ރައީސް ނަޝީދު، ޝެއިހު އިމްރާނު، ކާނަލް ނާޒިމް ދަނީ ޖަލުގަ ހުކުމް ތަންޒީފުކުރަމުން. އިދިކޮޅު ފަރާތުގެ ހަތް ރައްޔިތުންގެ މަޖިލީހުގެ މެންބަރު ދަނީ ކޯޓު މަރުހަލާގައި ޖަވާބުދާރީ ވަމުން. 12 މެންބަރުންނަށް ވަނީ ދައުވާ ކުރުމުގެ މަރުހަލާފައި. ހަތް މެންބަރެއް ވަނީ ޕާސްޕޯޓު ހިފަހައްޓާފަ." ހިސާން ވިދާޅުވި އެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރު ވިދާޅުވީ، ރައީސް ޔާމީންގެ ގެއަށް ވަތް ފައިސާގެ އިތުރުން އެކައުންޓަށް ވަދެފާއިވާ ފައިސާގެ މައްސަލަވެސް ބައްލަވަންޖެހޭނެ ކަމަށެވެ. އަދި މިކަމަށް އެމަނިކުފާނު ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ފެނުނު ރައިސް ޔާމީން ރޭ ބޭއްވި ޖަލްސާގައިވެސް އަރިހުގައި ތިއްބެވި ހަމަ އަހުމަދު އަދީބު ހާއްސަކޮށް އިސްކޮށް މަސައްކަތް ކުރައްވާފައިވާ ބޭފުޅުން. އެހެންވީމަ އެދެން އެބޭފުޅުންވެސް ރައީސް ޔާމީން ވިދާޅުވާ ވިދާޅުވުމަށް އިޖާބަދެއްވާ އިސްތިއުފާ ދެއްވުމަށް." އަލީ ޒާހިރު ވިދާޅުވި އެވެ.
ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ ހުސައިން ރަޝީދު ވިދާޅުވީ، މިއަދު ފެނިގެންދަނީ މިނިވަންމުއައްސަސާތަކުންވެސް ރައްޔިތުންގެ ލާބައާ ރައްކާތެރިކަމަށް މަސައްކަތް ކުރުމުގެ ބަދަލުގައި ފެނިގެންދަނީ ސަރުކާރުގެ ބޮޑީއެއްގެ ގޮތުގައި މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށެވެ.
ރައީސް މައުމޫން ފެކްޝަނުގެ ނައިބު ރައީސް އައިމިނަތު ނާދިރާ ވިދާޅުވީ، ރައީސް ޔާމީން އަނެއްކާވެސް މިއޮތީ އަމިއްލަފުޅަށް "ކެޔޮކޭ" ކަމަށް އެއްބަސްވެފައިވާ ކަމަށާއި ދެން ބަލަންޖެހޭނީ ކެޔޮ ކާފައިވާ މިންވަރު ކަމަށެވެ.