ކ. މާލެ
|
20 ސެޕްޓެންބަރ 2024 | ހުކުރު 18:41
އިނގިރޭސީވިލާތަށް އެތެރެވާ ދިވެހިން އަންނަ ޖެނުއަރީން ފެށިގެން 10 ޕައުންޑް ދައްކަންޖެހޭ
އިނގިރޭސީވިލާތަށް އެތެރެވާ ދިވެހިން އަންނަ ޖެނުއަރީން ފެށިގެން 10 ޕައުންޑް ދައްކަންޖެހޭ
ޖީބީ ނިއުސް
ޔޫކޭއަށް ކުރާ ދަތުރު
ޔޫކޭއަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގައި އީޓީއޭއަށް 10 ޕައުންޑް ދައްކަންޖެހޭ
8 ޖެނުއަރީ 2025 އިން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރެވޭނީ އީ.ޓީ.އޭ. ހޯދުމަށްފަހު
އީޓީއޭގެ މުއްދަތަކީ 2 އަހަރު ދުވަސް

އަންނަ ޖެނުއަރީ މަހުގެ 8 ވަނަ ދުވަހުން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރާ ދިވެހިން ހާއްސަ ހުއްދައެއް ނަގަންޖެހޭ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން ބުނީ އިނގިރޭސިވިލާތުގެ ސަރުކާރުން އެ ޤައުމުގެ އިމިގްރޭޝަން ޤަވައިދަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާކަމަށެވެ. މި ބަދަލުތަކުގެ މައިގަނޑު މަޤްޞަދަކީ އެޤައުމުގެ ބޯޑަރު ކޮންޓްރޯލް ސެކިއުރިޓީ ޑިޖިޓަލައިޒްކޮށް، އިތުރަށް ހަރުދަނާކޮށް، އިމިގްރޭޝަން ނިޒާމުގެ ނަހަމަ ބޭނުންކުރުން ހުއްޓުވައި، އިނގިރޭސިވިލާތަށް ވަނުމުގެ ކުރިން އިތުރު ސަލާމަތީ ފިޔަވަޅުތައް އެޅުމެވެ.

މި ބަދަލާ ގުޅިގެން، 27 ނޮވެމްބަރ 2024 އިން ފެށިގެން، ދިވެހިރާއްޖެ ހިމެނޭ ގޮތަށް 49 ޤައުމެއްގެ ރައްޔިތުންނަށް އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީ.ޓީ.އޭ.) އަށް ރިކުއެސްޓް ކުރެވޭނެއެވެ.

އަދި 8 ޖެނުއަރީ 2025 އިން ފެށިގެން އިނގިރޭސިވިލާތަށް ދަތުރުކުރެވޭނީ އީ.ޓީ.އޭ. ހޯދުމަށްފަހުގައެވެ. އީޓީއޭއެއްގެ އަގަކީ 10 ޕައުންޑް ކަމަށާއި، އީޓީއޭގެ މުއްދަތަކީ 2 އަހަރު ދުވަސް ކަމަށާއި، ކޮންމެ ދަތުރެއްގައި އެއްފަހަރާ ގިނަވެގެން 6 މަސް ދުވަހަށްވުރެ އިތުރުނުވާގޮތަށް ނުވަތަ ޕާސްޕޯޓް މުއްދަތު ހަމަވަންދެން އިނގިރޭސިވިލާތަށް މަލްޓިޕަލް ދަތުރުކުރުމުގެ ހުއްދަ ދެވޭނެކަމަށް އެފަރާތުން ފާހަގަކޮށްފައިވެއެވެ.

އަދި 02 އޭޕްރީލް 2025 އިން ފެށިގެން، އިނގިރޭސިވިލާތަށް ދަތުރުކުރާ، އިނގިރޭސިވިލާތާއި އަޔަލެންޑްގެ ރައްޔިތުން ފިޔަވައި ހުރިހާ ގައުމެއްގެ ރައްޔިތުންވެސް އިނގިރޭސިވިލާތަށް ދަތުރުކުރުމުގެ ކުރީން އީ.ޓީ.އޭއަށް ރިކުއެސްޓް ކުރަން ޖެހޭނެކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން އިނގިރޭސިވިލާތަށް ދަތުރުކުރުމަށް ބޭނުންވާ ދިވެހި ރައްޔިތުން މި ބަދަލުތަކަށް ސަމާލުކަން ދިނުމަށާއި، އިނގިރޭސިވިލާތުގެ އިމިގްރޭޝަން ޤަވައިދުތަކާ އެއްގޮތަށް އަމަލުކުރެއްވުމަށް ފޮރިން މިނިސްޓްރީން ވަނީ ބުނެފައެވެ.

- ކޮމެންޓް