Advertisement
ކ. މާލެ
|
20 ސެޕްޓެންބަރ 2024 | ހުކުރު 07:14
ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ޖަލްސާގައި އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން ވާހަކަދައްކަވަނީ
ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ޖަލްސާގައި އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން ވާހަކަދައްކަވަނީ
އެމްޑީޕީ
ތައުލީމީ ނިޒާމް
މި ސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އަނެއްކާ ވެސް ބަދަލުތައް ގެންނާނެ: އިހުސާން
ތައުލީމީ ނިޒާމަށް ގެންނަމުންދާ ބަދަލުތަކުން ދަރިވަރުންނަށް އެކަމުގެ ނޭދެވޭ އަސަރު ކުރޭ
ތައުލީމީ ނިޒާމު ރަނގަޅު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ
މި ސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ކުރާނަން

މިސަރުކާރުން މާދުރުނޫން މުސްތަގުބަލެއްގައި ދިރާސީ ކަލަންޑަރަށް އެނެއްކާވެސް ބަދަލުތައް ގެންނާނެ ކަމަށް އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ކުރިއަށް ގެންދިޔަ ޖަލްސާގައި އެޑިއުކޭޝަން މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރުކަން ވެސް ކުރައްވާފައިވާ އިހުސާން ވިދާޅުވީ މިސަރުކާރުން ތައުލީމީ ނިޒާމަށް ގެންނަމުންދާ ބަދަލުތަކުން ދަރިވަރުންނަށް އެކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކޮށްފައިވާ ކަމަށާއި، އެކަމުގެ ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ.

Advertisement

އިހުސާން ވިދާޅުވީ ރާއްޖޭގެ ތައުލީމީ ކަލަންޑަށް އެއްވެސް ސަބަބަކާ ނުލާ ގެނައި ބޮޑު ބަދަލުގެ ސަބަބުން މިއަދު ދިވެހި ކިޔަވާ ކުދިން ކަރުނަ އަޅާ ރޮމުންދާ ކަމަށާއި، ބެލެނިވެރިން ހާސްކަމުގައި އުޅޭ ކަމަށެވެ. މިއަދު ދަރިވަރުންނަށް ފިލާވަޅާއި، މަސައްކަތް ހަވާލުކުރަނީ އެކުދިންނަށް ނުވާ މިންވަރަށް ކަމަށް އިހުސާން ވިދާޅުވިއެވެ.

މީގެ އިތުރުން އިހުސާން ވިދާޅުވީ މާދުރުނޫން މުސްތަގުބަލެއްގައި މިސަރުކާރުން ދިރާސީ ކަލަންޑަރަށް އަދިވެސް ބަދަލު ގެންނާނެ ކަމަށެވެ.

ތައުލީމީ ނިޒާމަށް ބަލާއިރު ދިވެހިރާއްޖޭގެ ތައުލީމީ ކަލަންޑަށް އެއްވެސް ސަބަބަކާ ނުލާ އެއްވެސް މަގުބޫލު އުޒުރެއް ނެތި ގެނައި ބޮޑު ބަދަލުގެ ސަބަބުން މިއަދު ދިވެހި ކިޔަވާ ކުދިން ކަރުނަ އަޅާ ރޮމުންދާ މަންޒަރު. އަޅުގަނޑުމެންނަށް މިއަދު އިހުސާސް ކުރެވެނީ ބެލެނިވެރިން ތެޅޭ ތެޅުން. އެކުދިންނަށް ނުކަތާވަރަށް ހޯމްވޯކްތަކާ އެކިއެކި މަސައްކަތްތައް އޮއްސާލީމާ ބެލެނިވެރިން ދުވާދުވުން. މިހާލަތު ފެނި މުދައްރިސެއްގެ ހައިސިއްޔަތުން އަޅުގަނޑުގެ ލޮލުން ވެސް ކަރުނަ އާދޭ.
އެމްޑީޕީގެ ތައުލީމާއި ބެހޭ ކޮމިޓީގެ މުގައްރިރު މުހައްމަދު އިހުސާން

އިހުސާން ވިދާޅުވީ ތައުލީމީ ނިޒާމު ރަނގަޅު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށެވެ.

މި ސަރުކާރުން ތައުލީމީ ނިޒާމަށް ގެނައި ބަދަލު ނުގެނައުމަށް އެމްޑީޕީގެ ފަރާތުން ގޮވާލިކަން ފާހަގަކުރައްވައި އިހުސާން ވިދާޅުވީ ދަރިވަރުންގެ ހައްގުގައި އަދި ބެލެނިވެރިންގެ ހައްގުގައި މިސަރުކާރު ޖަވާބުދާރީ ކުރުމުގެ މަސައްކަތް ކުރާނެ ކަމަށެވެ. އަދި ބެލެނިވެރިންނާއި ދަރިވަރުން ހިތްވަރު ނަގާނުލައި، ގަދައަޅައި ކުރިއަށް ދިއުމަށް މަސައްކަތް ކުރުމަށް އިހުސާން ގޮވާލެއްވިއެވެ.

Advertisement

Advertisement
- ކޮމެންޓް