Advertisement
ކ. މާލެ
|
19 ސެޕްޓެންބަރ 2024 | ބުރާސްފަތި 21:56
ވަށަފަރުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން
ވަށަފަރުގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން
ރާއްޖެއެމްވީ
ވަށަފަރުގައި މުޒާހަރާކުރުން
ވަށަފަރުން ސިޓީ ހޮޓަލެއް ގާއިމްކުރުމަށް ދީފައިވާ ބިމުގެ މައްސަލާގައި ރައްޔިތުން ރުޅިގަދަވެ މުޒާހަރާ ކޮށްފި
ބިމުގެ މައްސަލާގައި އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލާފައިވޭ
މައްސަލާގައި ހައްލެއް ލިބެންދެން މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށް މުޒާހަރާ އިންތިޒާމް ކުރާ މީހުން ބުނެފައިވޭ
މި މައްސަލާގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެއްބާރުލުން ނުލިބޭ ކަމަށް ކައުންސިލުން ބުނޭ

ހއ. ވަށަފަރުން ސިޓީ ހޮޓަލެއް ގާއިމްކުރުމަށް ދީފައިވާ ބިމުގެ މައްސަލާގައި ރައްޔިތުން ރުޅިގަދަވެ މުޒާހަރާ ކޮށްފިއެވެ.

އެރަށުގެ ކައުންސިލުން މައުލޫމާތުދޭ ގޮތުގައި ވަށަފަރުގައި ސިޓީހޮޓާ ތަރައްގީ ކުރުމަށް ވަށަފަރުގެ ހުޅަނގުކޮޅުން ޓޫރިޒަމްގެ މަސައްކަތް ކުރުމަށް ތިން ލައްކަ އަކަފޫޓުގެ ބިމެއް ވަނީ އަމިއްލަ ފަރާތަކަށް ދީފައެވެ. 2014 ވަނަ އަހަރު 23 އޯކްޓޫބަރު ވަނަ ދުވަހު ކައުންސިލްއާއި ހއ.ހޯރަފުށި/ސޯސަންމާގެ ތަލްހަތު ރަޝީދުއާއި ދެމެދު ވަނީ ސިޓީހޮޓާ 60 މަސްދުވަހުގެ ތެރޭގައި 5 އަހަރުން ތަރައްގީ ކުރުމަށް އެއްބަސްވުމެއް ގާއިމްކޮށްފައެވެ. އަދި މަސައްކަތަށް ބޭނުންވާ ތަކެތި ގުދަން ކުރުން ފަދަ ކަންކަމަށް އެފަރާތަށް ސިޓީހޮޓާގެ ބިމާ އިންވެގެން 35،000 އަކަފޫޓުގެ ބިމެއް ވެސް ދީފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

ކައުންސިލްގެ މަޝްވަރާއާއެކު އެއްބަސްވުން ބާތިލް ކުރުމަށް މަސައްކަތް ކުރި ނަމަވެސް ކޯޓުން އެކަން ހުއްޓުވާފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.

މިމައްސަލައާ ގުޅޭގޮތުން ރާއްޖެއެމްވީއަށް އެރަށުގެ ކައުންސިލް މެންބަރު އައިމިނަތު ފަޒްލާ ވިދާޅުވީ ރައްޔިތުން ނުކުމެ މުޒާހަރާކޮށްފައިވަނީ މިމައްސަލަގައި ހައްލެއް ނުލިބުމުން ކަމަށެވެ. ބޮޑު ސަރަހައްދެއް ސިޓީހޮޓާ ގާއިމްކުރުމަށް ދޫކޮށްފައިވީ ނަމަވެސް ރަށަށް ވެސް ރައްޔިތުންނަށް ވެސް އެކަމުގެ ފައިދާނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ފަޒްލާ ވިދާޅުވީ މިމައްސަލާގައި ހައްލެއް ލިބެންދެން މުޒާހަރާ ކުރިއަށް ގެންދާނެ ކަމަށް މުޒާހަރާ އިންތިޒާމް ކުރާ މީހުން ބުނެފައިވާ ކަމަށެވެ.

Advertisement

މީގެ އިތުރުން ފަޒްލާ ވިދާޅުވީ މިމައްސަލާގައި ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން އެއްބާރުލުން ލިބިފައިނުވާ ކަމަށާއި، އެމިނިސްޓްރީއަށް ފޮނުވާ ސިޓީއަކަށް ވެސް ޖަވާބު ލިބިފައިނުވާ ކަމަށެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ބިމުގެ މައްސަލާގައި އަވަސް ހައްލެއް ހޯދައިދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.

އަމިއްލަ މީހަކަށް ސިޓީހޮޓަލެއް ގާއިމްކުރުމަށް ބޮޑު ބިމެއް ދީފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ފަޒްލާ ވިދާޅުވީ އޭރު އެ އެއްބަސްވުން ހަދާފައިވަނީ އެރަށުގައި ފެނާއި ނަރުދަމާ ގާއިމްކޮށްދޭނެ ކަމަށް އެފަރާތުން ބުނެފައިވާތީ ކަމަށެވެ. ނަމަވެސް އެރަށުގައި ފެނާއި ނަރުދަމާ ގާއިމްކޮށްފައިވަނީ ސަރުކާރުން ކަމަށާއި، އެ މަޝްރޫއަށް ދައުލަތުން ކުރި ހަރަދުގެ ފައިސާ އެފަރާތުން ދައްކަން ޖެހޭ ކަމަށް ކައުންސިލުން ގަބޫލުކުރާ ކަމަށެވެ. ނަމަވެސް މިމައްސަލާގައި ކޯޓުން ކަނޑައަޅާފައިވަނީ ކައުންސިލްއާ ދެކޮޅަށް ކަމަށް ފަޒްލާ ވިދާޅުވިއެވެ.

ވަށަފަރަކީ މިހާރު ގެސްޓްހައުސް ވަރަށް ބޮޑަށް ފުޅާވަމުން އަންނަ ރަށަކެވެ. އެހެންކަމުން އެގޮތަށް ހިލޭ ސާބަހަށް ބިން ދޫކުރަން ރަށުގެ ގިނަ ރައްޔިތުން ނުރުހެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް