އިންސާފުވެރި ނިޒާމެއްގެ ދަށުން ދިވެހިރާއްޖެ ހިނގާ ނަމަ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ހޯމަ ދުވަހުގެ ރޭ ދެއްކެވި ވާހަކަފުޅާ ގުޅިގެން މަގާމުން އަޒުލް ކުރަން ޖެހޭނެ ކަމަށް ރައީސް ޔާމީންގެ ފުރަތަމަ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމްގެ "ރުމާލު 2 ޖަގަހަ" ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅާ ގުޅިގެން، ކުރީގެ ނައިބު ރައީސް ޖަމީލު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާފުވެރި ނިޒާމެއް ހިނގާ ނަމަ އެ ރަސްމިއްޔާތުގައި ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކުން ވެސް މަގާމުން އަޒުލް ކުރަންޖެހޭނެ ކަމަށެވެ. އަދި އަމިއްލަފުޅު އިއުތިރާފަކީ ކާފީ ހެކި ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ.
Insaafuveri nizaameh higaanama mirey RY dhehkkevi vaahakathakun ves maqaamun AZUL kuran jeheyne. Amihlla iuthiraaf akee kaafee heki.
— Mohamed Jameel Ahmed (@MJameelAhmed) August 14, 2017
ކުރިން ޖަސްޓިސް މިނިސްޓަރުކަން ވެސް ކުރައްވާފައިވާ ޖަމީލު މީގެ އިތުރުން ކުރައްވާފައިވާ އެހެން ޓްވީޓެއްގައި ވަނީ ރައީސް ޔާމީންއަށް ސުވާލެއް ކުރައްވާފަ އެވެ.
"އަދީބުއަށް ފައިސާ ލިބުނީ ކިހިނެއްތޯ؟ ކުރީގެ ރައީސް މުހައްމަދު ވަހީދު ހުސައިން މަނިކުގެ ޒައާމަތުން ފެށިގެން އެ މަގުން އޭނާ ހިންގުވީ މަނިކުފާނު،" ރައީސް ޔާމީންއަށް ޖަމީލު ކުރައްވާފައިވާ ސުވާލުގައި ވިދާޅުވެފައި ވެއެވެ.
R. Yameen ah suvaaleh: Adheeb ah faisaa libunee kihineh thoa? R. Waheed ge zamaanuhsure e magun eynaa hinguvee manikufaanu. Hini annanee
— Mohamed Jameel Ahmed (@MJameelAhmed) August 14, 2017
ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކުރިން ދިރިއުޅުއްވި އަދި އެމަނިކުފާނުގެ އަމިއްލަ ގެކޮޅު ކަމަށްވާ ގ. ދޫވެއްސަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފައިސާ ވެއްދި ކަމަށާއި، އެހެން ނަމަވެސް އެއީ ހަލާލު ފައިސާ ނޫން ކަމަށް އެމަނިކުފާނު ވަނީ "ރުމާލު 2 ޖަގަހަ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވިދާޅުވެފަ އެވެ. އަދި އެމްއެމްޕީއާރުސީން އަދީބު ނެންގެވި ފައިސާ ވެއްދީ ހަމައެކަނި އެމަނިކުފާނުގެ ގެކޮޅަށް ނޫން ކަމަށް ދޭހަވާ ގޮތަށް ރައީސް ޔާމީން ވާހަކަ ދައްކަވާފައި ވެއެވެ.