މޯލްޑިވިއަން އެއަރލައިންސް ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން ޗައިނާގެ މާކެޓުގައި، ޚާއްޞަކޮށް ގުއަންޒޫ، ޗެންދޫ އަދި ބެއިޖިންގ ސެކްޓަރ ގައި ކުރާ ދަތުރުތަކަށް އެހީތެރިވެދޭނެ ޖެނެރަލް ސޭލްސް އޭޖެންޓުން (ޖީއެސްއޭ) ހޯދަމުންދާ ކަމަށް ބުނެފިއެވެ.
އައިލެންޑް އޭވިއޭޝަނުން ބުނާ ގޮތުގައި މި އޭޖެންޓުން ޓޫރިސްޓް މަންޒިލެއްގެ ގޮތުގައި ދިވެހިރާއްޖެ ޕްރޮމޯޓްކުރުމުގައި މުހިންމު ދައުރެއް އަދާކުރާނެއެވެ. އަދި މާކެޓިންގ މަސައްކަތްތައް ކުރިއަށް ގެންދިއުމަށް އެތަންތާނގެ ޕާޓްނަރުންނާ ގާތުން މަސައްކަތްކުރާނެއެވެ.
އައިއޭއެސް އިން ބުނެފައިވަނީ ޗައިނާ މާކެޓްގައި ޖެނެރަލް ކާގޯ ސޭލްސް އޭޖެންޓުންނަށް ވުމަށް ޝައުޤުވެރިވާ ފަރާތްތަކުން މި މަހުގެ 19 ވަނަ ދުވަހުގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓަރެސްޓް (އީއޯއައި) ހުށަހަޅަންވާނެ ކަމަށެވެ.
ޖީއެސްއޭ ކޮންޓްރެކްޓްތަކުގެ މުއްދަތަކީ 3 އަހަރެވެ.
އައިއޭއެސް އިން ބުނާ ގޮތުގައި ޗައިނާގެ އައު މަންޒިލްތަކަށް ކުރަން ފަށާ ދަތުރުތަކުގެ އިތުރުން، އައިއޭއެސް އިން ގަންނަ އެއަރބަސް އޭ330-200 މަތިންދާބޯޓާއެކު އެ ކުންފުނީގެ އުދުހުންތައް އިތުރުކުރާނެއެވެ. ބިޒްނަސް ކްލާސް، ޕްރީމިއަމް އިކޮނޮމީ އަދި އިކޮނޮމީ ކްލާސް ގޮނޑިތަކާއެކު ފަރުމާކުރެވިފައިވާ މި ޒަމާނީ މަތިންދާބޯޓުގައި 264 ފަސިންޖަރުންނަށް ޖާގަ ލިބޭނެ ކަމަށް އައިއޭއެސް އިން ބުނެއެވެ.
އޭ330-200 ބޭނުންކުރަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައެވެ.
މޯލްޑިވިއަން އިން މިހާރު ދަތުރުކުރަމުންދަނީ ބަންގްލަދޭޝްގެ ޑާކާއަށާއި، އިންޑިއާގެ ތިރުވަނަންތަޕޫރަމް، ކޮޗިން، ބެންގަލޫރު، އަދި ސްރީލަންކާގެ ކޮލަމްބޯއަށެވެ.