މަސްވެރިކަން ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި، މިސަރުކާރުން ދަނީ މަސްވެރި އާއިލާތައް ނިކަމެތިކުރަމުން ކަމަށް ބައެއް މަސްވެރިން ބުނެފިއެވެ.
ސޯޝަލް މީޑިއާގައި ފަރެސްމާތޮޑާގެ މަސްވެރިންގެ ޕޭޖުގައި ހިއްސާކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖޭގެ މަސްވެރިކަން ދަށްވިތާ 6 މަސްދުވަސްވެފައިވާ ކަމަށާއި، ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މަސްވެރިކަން ވަރަށް ދަށްވެފައިވާ ކަމަށެވެ.
ދެކުނުން އެންވެރިކަން ރަނގަޅީ ވ.އަތޮޅުގައިކަން ފާހަގަކޮށް މަސްވެރިން ބުނެފައިވަނީ ހުރިހާ މަސް އޮޑި ފަހަރުތައް ވެސް އެން ހޯދަން ދަތުރުކުރަނީ ވ.އަތޮޅަށް ކަމަށާއި، ދުރުމިނަކީ ކޮޅަކަށް 180 މޭލު ކަމަށެވެ.
މަސްވެރިން ބުނީ ތެޔޮ ލީޓަރެއްގެ އަގު އުޅެނީ މަސްކިލޯ އަކަށް ވުރެން މަތީގައި ކަމަށާއި، މިހާ ދިގު ދަތުރެއް ކުރުމަށްފަހު ގިނަ ދޯނި ފަހަރުތަކަށް ހަފްތާނިމޭއިރު ވެސް 5 ވަރަކަށް ޓަނުމަސް ނުބޭނޭ ކަމަށެވެ. އަދި ބާނާމަހުގެ ފައިސާއިން އެ ހަފްތާގެ ތެޔޮބިލު ކެނޑުމަށްފަހު، ދަތުރުގެ ކޮއްތު ނަގަން ޖެހެނީ ދަރަނިވެރިވެގެން ކަމަށެވެ.
މީގެ އިތުރުން މަސްވެރިން ބުނީ މަސްވެރިންގެ އާއިލާތައް ބިކަވަމުންދާ ކަމަށާއި، މި ސަރުކާރުން މަސްވެރިންނަށް އަނިޔާވެރިވެފައިވާ ކަމަށެވެ.
މަސްވެރިން ގެ އާއިލާތައް ދުވަހެއް ދުވަހަކަށް ދަނީ ނިކަމެތިވަމުން. ގިނަ ގޭގޭގަ ކަރަންޓް ކަނޑާލާހިސާބުގަ އޮތްއިރުގަ ލޯނުތައް ނުދެއްކި މަސްވެރިން ތިބީ ކޯޓަށް ގެންދާހިސާބުގަ ކުދިންގެ ޓިއުޝަން ފީތައް ނުދެއްކި އެއްބަކު ތިބި އިރުގަ އަނެއްބަޔަކު ތިބީ ގޭގެ ކާ އެތިކޮޅު ގަންނާނެ ލާރިކޮޅެއް ވެސް ނެތިފަ. ރާއްޖެ މިނޫން ކިތަންމެ ވެރިކަމެއްވެސް މަސްވެރިން ދެކެފި މިވަރުގެ މަސްވެރިންނަށް އަނިޔާވެރިވި ސަރުކާރެއް ދިވެހިން ނުދެކޭނެ.ފަރެސްމާތޮޑާގެ މަސްވެރިން
ރާއްޖެއެމްވީއަށް މައުލޫމާތުދިން މަސްވެރިއެއް ބުނީ ސަރުކާރުން މަސްކިލޯއެއް ގަންނަނީ 16 ރުފިޔާއަށް ކަމަށާއި، އެއީ ހަމައަގެއް ނޫން ކަަމަށެވެ. އެއީ މަސްވެރިންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް ކަމަށް އޭނާ ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވީ މަސް ކިލޯއެއްގެ އަގު 20 ރުފިޔާއަށް ވުރެ ކުޑަ ނުކުރާނެކަމުގެ ވައުދުފުޅާއެކު އެވެ. އަދި 48 ގަޑިއިރުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދިނުމަށް ވެސް ވައުދުވެވަޑައިގެންނެވިއެވެ. ނަމަވެސް މިސަރުކާރުން ވަނީ މަސް ކިލޯއެއްގެ އަގު 16 ރުފިޔާއަށް ކުޑަ ކޮށްފައެވެ. އަދި މަސްވެރިންނަށް ފައިސާ ދޫކުރަމުންދަނީ ވެސް ގިނަ ދުވަސްތަކެއްވުމުން މަސްވެރިން އެކަމާ ރުޅިގަދަވެ މުޒާހަރާއަށް ނުކުތުމުން ކަމަށް މަސްވެރިން ބުނެއެވެ.