ކ. މާލެ
|
11 ސެޕްޓެންބަރ 2024 | ބުދަ 11:02
ކޮލަމްބިއާ އާއި އާޖެންޓީނާ ކުޅުނު މެޗުގެ ތެރެއިން
ކޮލަމްބިއާ އާއި އާޖެންޓީނާ ކުޅުނު މެޗުގެ ތެރެއިން
ރޮއިޓާސް
ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަން
ކޮލަމްބިއާ އިން އާޖެންޓީނާ ބަލިކޮށްފި
މެޗުގެ 60 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ކޮލަމްބިއާ މެޗު މޮޅުކޮށްދިނީ ރޮޑްރިގޭޒް އެވެ.

ފީފާ ވޯލްޑް ކަޕް ކޮލިފިކޭޝަންގައި އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗު ކޮލަމްބިއާ އިން ކާމިޔާބު ކޮށްފި އެވެ.

ދެކުނު އެމެރިކާ ސަރަހައްދުގެ ކޮލިފިކޭޝަންގައި ބުދަ ދުވަހުގެ ފަތިހު އާޖެންޓީނާއާ ދެކޮޅަށް ކުޅުނު މެޗު ކޮލަމްބިއާ އިން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ކޮލަމްބިއާ އިން ލަނޑު ޖަހައި ލީޑު ނަގާފައި ވަނިކޮށް، އާޖެންޓީނާ އިން ނަތީޖާ ހަމަހަމަ ވެސް ކުރި އެވެ. ނަމަވެސް ދެ ވަނަ ފަހަރަށް ކޮލަމްބިއާ އިން ކުރި ހޯދީ ލިބުނު ޕެނަލްޓީ ކާމިޔާބު ކޮށްގެންނެވެ.

މެޗުގެ ފުރަތަމަ ހާފުގެ 25 ވަނަ މިނެޓުގައި ކޮލަމްބިއާ އަށް ލީޑު ނަގައިދިނީ ޔާސޮން މޮސްކުއެރާ އެވެ. އޭނާ އެ ލަނޑު ޖެހީ ހަމޭސް ރޮޑްރިގޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގަ އެވެ. ނަމަވެސް ދެ ވަނަ ހާފު ފަށައިގެން ތިން ވަނަ މިނެޓުގައި އާޖެންޓީނާ އިން ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު އާޖެންޓީނާ އަށް ޖަހައިދިނީ ނިކޮލަސް ގޮންޒާލޭޒް އެވެ. އޭގެ ފަހުން މެޗުގެ 60 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ކޮލަމްބިއާ މެޗު މޮޅުކޮށްދިނީ ރޮޑްރިގޭޒް އެވެ.

އާޖެންޓީނާ އަތުން މޮޅުވެ، ކޮލަމްބިއާ ދެ ވަނައިގައި އޮތީ އަށް މެޗުން 16 ޕޮއިންޓާ އެކު އެވެ. އަށް މެޗުން 18 ޕޮއިންޓު ހޯދައިގެން އާޖެންޓީނާ އޮތީ އެއް ވަނައިގަ އެވެ. މި ދެ ޓީމު ވަނީ މިއަހަރު އޮތް ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅާ މުބާރާތް (ކޮޕާ އެމެރިކާ) ގެ ފައިނަލްގައި ވެސް ވާދަކޮށްފަ އެވެ. ކޮލަމްބިއާ ބަލިކޮށް މުބާރާތް ކާމިޔާބު ކުރީ އާޖެންޓީނާ އިންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް