އިންޑިއާގެ 70 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި، ރާއްޖޭގައި ހުންނަ އިންޑިއާގެ އެމްބަސީގައި ދިދަ ނެގުމުގެ ރަސްމިއްޔާތެއް ބާއްވައިފިއެވެ.
އަންގާރަ ދުވަހުގެ ހެދުނު ބޭއްވި ރަސްމިއްޔާތުގައި އިންޑިއާގެ ދިދަ ނަންގަވައިދެއްވީ އެގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު އަކިލޭޝް މިޝްރާއެވެ. މި ރަސްމިއްޔާތުގައި ރާއްޖޭގައި ދިރިއުޅޭ ވަރަށް ގިނަ އިންޑިޔާ ރައްޔިތުން ބައިވެރިވެފައި ވެއެވެ.
މި ރަސްމިއްޔާތުގައި ވަނީ އިންޑިއާގެ ރައީސްގެ ހާއްސަ ޚިތާބެއް އިއްވާފައެވެ. އަދި ރާއްޖޭއަށް އިންޑިއާއިން ކަނޑައަޅުއްވާފައިވާ ސަފީރު ވަނީ މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވާފައެވެ.
އެބޭފުޅާގެ ވާހަކައިގައި ވަނީ ރާއްޖޭގެ ރައްޔިތުންނަށާއި ސަރުކާރަށް ޝުކުރު އަދާކުރައްވާފައެވެ. އޭގެ އިތުރުން ރާއްޖެ އާއި އިންޑިއާގެ މެދުގައި އޮތް ޒަމާންވީ ގުޅުން ބަދަހިކޮށް ދެމެހެއްޓުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށް އެބޭފުޅާ ވިދާޅުވެފައި ވެއެވެ.
މި ރަސްމިއްޔާތުގެ އިތުރަށް ވެސް އިންޑިއާގެ މިނިވަން ދުވަސް ފާހަގަ ކުރުމަށް އިތުރު ހަރަކާތްތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް އިންޑިއާގެ އެމްބަސީއިން މައުލޫމާތު ދެއެވެ. އެގޮތުން އަންގާރަ ދުވަހުގެ ރޭ ސަގާފީ ޝޯއެއް ބޭއްވުމެއް ނިންމާފައިވާ އިރު މިމަހުގެ 20 ވަނަ ދުވަހު އޮލިމްޕަހުގައި ވެސް ހާއްސަ ހަރަކާތްތަކެއް ކުރިޔަށް ގެންދިޔުމަށް ނިންމާފައިވެއެވެ.
އަވަށްޓެރި އިންޑިއާގެ އިނގިރޭސިންގެ އަތްދަށުން މިނިވަން ވެފައިވަނީ 1947 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ.