ބާރަށް ހިނގޭތަ؟ އެހެންވިއްޔާ ދުވުމުގެ ޗެމްޕިއަނަކަށް ވެވިދާނެ!
ނިއުސް ޓީމް | 10 ސެޕްޓެންބަރ 2024 | އަންގާރަ 20:27
1,707
އަންހެން އެތުލީޓެއް ދުވާ މަންޒަރު

ކޮންމެ ހަތަރު އަހަރަކުން އެއްފަހަރު ބާއްވާ އޮލިމްޕިކްސް އަދި ޕެރަލިމްޕިކްސް އަކީ އެކި ދާއިރާތަކުން އެތުލީޓުންގެ ކުޅަދާނަ ކަމާއި، ޤާބިލުކަން ދައްކާލަން ލިބޭ އެންމެ ބޮޑު މުބާރާތްތަކޭ ވެސް ބުނެވިދާނެއެވެ. މި މުބާރާތްތަކުގެ ތެރެއިންވެސް ބެލުންތެރިންގެ މެދުގައި އެންމެ ޝައުޤުވެރިކަން ބޮޑު ކުޅިވަރަކަށް ފާހަގަކުރެވެނީ، ދުނިޔޭގެ އެންމެ ހަލުވި ދުވުންތެރިން ޓްރެކަށް ނުކުންނަ ނުކުތުމެވެ. ގިނަ ކުޅިވަރުތަކާ ޚިލާފަށް، ދުވުމުގައި އެތުލީޓުންގެ ފެންވަރު ސީދާ އަޅާކިޔުމުގެ ފުރުޞަތު ވަރަށް ސާފުކޮށް ލިބިގެންދެއެވެ.

"ސްޕްރިންޓްތަކުގައި ވާގޮތަކީ، ކޮންމެ މީހަކަށްވެސް އަމިއްލަ ލޭނެއް އޮވޭ،" ރިއޯ 2016 އޮލިމްޕިކްސްގައި 4 × 400 މީޓަރު ރިލޭގައި ގްރޭޓް ބްރިޓަންއަށް ބްރޯންޒް މެޑަލް ހޯދައިދިން އައިލިދް ޑޯއިލް ބުންޏެވެ. "މިއީ 1500 މީޓަރުގެ ރޭހެއް ފަދައިން އެހެން ވާދަވެރިންގެ ޢަމަލުތަކުން ތިމާގެ ޕާފޯމަންސަށް ސީދާ އަސަރުކުރާ ކުޅިވަރެއް ނޫން. މިއީ އަމިއްލަ ހުނަރާއި ޤާބިލުކަމަށް ބަރޯސާވާ ކުޅިވަރެއް،" އޭނާ އިތުރަށް ތަފްސީލްކޮށްދެމުން ބުންޏެވެ.

ސައުތު އޮސްޓްރޭލިއާ ޔުނިވަރސިޓީގެ ބަޔޯމެކޭނިކްސް، ސެމް ގްލީޑްހިލް ވިދާޅުވި ގޮތުގައި، "އެންމެ އަސާސީ ގޮތެއްގައި ކުރެވޭނީ ދެކަމެކެވެ. އެއީ ނަގާ ފިޔަވަޅުތައް ދުރުކުރުން ނުވަތަ ފިޔަވަޅުތައް އަވަސްކުރުމެވެ. ނަމަވެސް، މި ދެކަމުގެ ތެރެއިން އެއްކަމެއް ރަނގަޅުކުރާއިރު އަނެއް ކަން ދަށްވިޔަ ނުދިނުމަކީ މުހިންމު ކަމެއް ގޮތުގައި އޭނާ ފަހަގަކުރެއެވެ.

ސްޕްރިންޓެއްގައި ދުވުންތެރިންނަށް ޚާއްސަކުރެވިފައިވާ ލޭންތައް ދައްކުވައިދޭ ފޮޓޯއެއް - ގެޓީ އިމޭޖަސް

ފިޔަވަޅުގެ ދުރުމިނަށް އިސްކަންދޭނީތޯ ނުވަތަ ފިޔަވަޅުގެ އަވަސްމިނަށް އިސްކަންދޭނީތޯ އެއީ ކޮންމެ މީހެއްގެ އަމިއްލަ ޚާއްޞަ ސިފައަކަށް ބަރޯސާވާ ކަމެކެވެ.

ގްލީޑްހިލް ވިދާޅުވާ ގޮތުގައި، "އޮލިމްޕިކްސްގެ 100 މީޓަރު ފައިނަލްގައި ވެސް، ދުވުންތެރިންގެ މެދުގައި ތަފާތު ޓެކްނިކްތައް ހުންނާނެ،" އެވެ. "ކްރިސްޓިއަން ކޯލްމަން ފަދަ ވަރަށް ގަދަ އަދި ބުންވަރު ރަނގަޅު އެތުލީޓުން ފެށުމުގައި ވަރަށް ބާރަށް ދުއްވައިގަންނާނެއެވެ. އަދި އެމީހުން ސްޕީޑު އިތުރުކޮށް، ޓްރެކާ ވަރަށް ގާތުން ދުވެ، އަދި ގާތްގާތުގައި ކުރު ފިޔަވަޅުތަކެއް އަޅާނެ އެވެ. މިއާޚިލާފަށް، އުސެއިން  ބޯލްޓް ފަދަ ދިގު ނުވަތަ ފައިތިލަ ބޮޑު އެތުލީޓުން އަޅާނީ ދުރު ފިޔަވަޅުތައް ކަމަށް އޭނާ ވިދާޅުވިއެވެ.

2008 ވަނަ އަހަރު ބޭއްވުނު ބެއިޖިންގ އޮލިމްޕިކްސްގައި ޔުސެއިން ބޯލްޓް 100 މީޓަރު ދުވުމުގެ ދުނިޔޭގެ ރެކޯޑު މުގުރާލި ވަގުތު - ރެޑިޓް

ބޯލްޓްގެ ހައިސްޕީޑް ދުވުމުގެ ސިއްރު މައިގަނޑު ގޮތެއްގައި އެކުލެވިގެންވަނީ ދެ ކަމެއްގެ މައްޗަށެވެ. އެއީ ފިޔަވަޅުގެ ދުރުމިނާއި ބިމުގައި ފައި ޖެހޭއިރު އުފެދޭ ރިއެކްޝަން ފޯސްއެވެ.

މި ފޯސްއަކީ ފިޔަވަޅުގެ ދިގުމިން އިތުރުކުރުމަށް މަގުފަހިކޮށްދޭ މުހިންމު ބާރެކެވެ. ބޯލްޓްގެ ދުނިޔޭގެ ރެކޯޑު ކަމުގައިވާ 100 މީޓަރު 9.58 ސިކުންތުގައި ދުވި ދުވުމުގައި، އޭނާގެ އެންމެ ދިގު ފިޔަވަޅުގެ ދުރުމިނުގައި 2.872 މީޓަރު (9.5 ފޫޓު) ހުއްޓެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި އަންހެނުންގެ ދުވުމުގެ ބާރުމިނަށް އެންމެ ބޮޑު އަސަރެއް ކުރަނީ އެމީހުންގެ ފިޔަވަޅުގެ ފްރީކުއެންސީ އިންނެވެ.

އަނެއްކޮޅުން، ފިރިހެނުންގެ ދުވުމުގެ ބާރުމިނަށް އެންމެ ބޮޑު އަސަރެއް ކުރަނީ އެމީހުންގެ ފިޔަވަޅުގެ ދިގުމިން (ސްޓެޕް ލެންތު) އިންނެވެ. ދެޖިންސުގެ ދުވުމުގެ މި ތަފާތު ހުރުމުގެ އެންމެ ބޮޑު ސަބަބެއް ކަމަށް ބެލެވެނީ ފިރިހެނުންގެ ފައިގެ ދިގުމިނުގެ ސަބަބުން ފިޔަވަޅުގެ ދުރުމިނަށް ކުރާ އެދެވޭ އަސަރެވެ.

އަންހެން އަދި ފިރިހެން އެތުލީޓެއް ވާދަކުރާނީ - ސޯޝަލް މީޑިއާ

ކަންމިހެން އޮތްކަމުގައި ވީނަމަވެސް، ފިޔަވަޅުގެ ފްރީކުއެންސީ ކިހާ މިންވަރަކަށް ރަނގަޅު ކުރެވިދާނެތޯ އަދިވެސް ސުވާލު އުފެދެއެވެ.

ގްރީސްގެ އެރިސްޓޯޓަލް ޔުނިވަރސިޓީ އޮފް ތެސަލޮނީކީގެ ބަޔޯމެކޭނިކްސްގެ އެސިސްޓަންޓް ޕްރޮފެސަރ ވަސީލޮސް ޕަނޫޓްސަކޮޕޫލޮސް ވިދާޅުވަނީ، "އަޅުގަނޑުގެ ނަޒަރުގައި، އެންމެ ބޮޑަށް އަމާޒު ހިފަންވާނީ ސްޓެޕް ލެންތު ރަނގަޅުކުރުމަށެވެ. ފިޔަވަޅުގެ ފްރީކުއެންސީ އަކީ މީހާ ބޮޑުވުމަށްފަހު މާބޮޑު ބަދަލެއް އަންނަ އެއްޗެއް ނޫނެވެ."

ތަޖުރިބާކާރުން ބުނާގޮތުގައި، ދުވުމުގެ ފެންވަރަށް އަސަރުކުރަނީ ޖެނެޓިކް އަދި ދިރިއުޅޭ މާހައުލާ ދެބައި އެކުވެގެންނެވެ.  

ނަމަވެސް ފިޔަވަޅުގެ ފްރިކުއެންސީއަށް އެންމެ ބޮޑު އަސަރެއް ކުރަނީ ޖެނެޓިކް ގެ ސަބަބުން ކަމަށް ބެލެވެއެވެ. އެއީ މިކަން ގުޅިފައިވަނީ މޮޓޯ ނިއުރޯން އެކްޒައިޓަބިލިޓީއާ ކަމަށްވާތީއެވެ. މީގެ މާނައަކީ، ޠަބީޢީ ގޮތުން އަވަސް ހިނގުމެއް ހުންނަ މީހުން ރަނގަޅު ދުވުންތެރިންނަށްވުމުގެ ފުރުސަތު ބޮޑު ވުމެވެ.

- ކޮމެންޓް