ރާއްޖެއައި ޕެސެންޖަރަކު އެތެރެކުރަން އުޅުނު މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ، މިތަކެތި ފެނިފައިވަނީ މިމަހުގެ ނުވަ ވަނަ ދުވަހު ބަންގްލަދޭޝްއިން ރާއްޖެއައި 23 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއްގެ އަމަލުތައް ހުރިގޮތުން އެއަރޕޯޓްގެ ޕެސެންޖަރ ކްލިއަރެންސްގެ އޮފިސަރުންނަށް ޝައްކުވެގެން އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ކަމަށެވެ. އަދި މީނާގެ ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ގުޅަތަކެއް ރައްކާކޮށްފައިހުރި ޕެކެޓްތަކެއް ފެނިފައިވާ ކަމަށާއި މި ތަކެތި ތަހުލީލުކުރިއިރު ވަނީ މަސްތުވާ ތަކެތީގެ ބާވަތެއްކަމަށްވާ އެމްފެޓަމައިންއަށް ޕޮޒިޓިވް ވެފައި ކަމަށް ވެސް ކަސްޓަމްސްއިން މައުލޫމާތު ދެއެވެ.
ކަސްޓަމްސްއިން ބުނީ، އަތުލައިގަނެވުނު ޖުމްލަ 690 އެމްފެޓަމައިން ގުޅަތަކުގެ ބަރުދަނުގައި ޕެކިންގއާއެކު ޖުމްލަ 71 ގްރާމް ހުރި ކަމަށާއި އަތުލައިގަނެވުނު މަސްތުވާތަކެއްޗާއި ތަކެތި އެތެރެކުރަން އުޅުނު މީހާ ފުލުހުންނާ ހަވާލުކުރެވިފައިވާއިރު އެފަރާތުން ދަނީ މިމައްސަލަ އިތުރަށް ތަޙްޤީގް ކުރައްވަމުން ކަމަށެވެ.
މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 110 ވަނަ މާއްދާގައި ބަޔާންކޮށްފައި ވަނީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރުމުގެ ނުވަތަ ރާއްޖެއިން ބޭރުކުރުމުގެ ކުށުގެ އަދަބަކީ އުމުރަށް ޖަލަށްލުމާއިއެކު 1 ލައްކަ ރުފިޔާ އިން ފެށިގެން 1 މިލިއަން ރުފިޔާ އާއި ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމެވެ.