ޔަމަންގެ ހޫތީން އެމެރިކާގެ އަސްކަރީ ޑްރޯނަކަށް ހަމަލާދީ ވައްޓާލައިފި ކަމަށް އެ ޖަމާއަތުގެ ތަރުޖަމާނު ބުނެފިއެވެ.
ޙޫތީން ހާމަކުރި ތަފްސީލުގައި ބުނެފައިވަނީ އެގައުމުގެ މާރިބް ގަވަރނަރޭޓްގެ ވައިގެ ސަރަޙައްދުގައި އަދާވާތްތެރި ހަރަކާތްތަކެއް ހިންގަމުންދިޔަ އެމެރިކާގެ އެމްކިއު-9 ޑްރޯނެއް ވަނީ ވައްޓާލާފައި ކަމަށެވެ.
މި މަޢުލޫމާތު ހާމަކުރީ އީރާނުން މަދަދުވެރިވާ މި ޖަމާއަތުގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީ ހޮނިހިރު ދުވަހުއެވެ.
ޙޫތީން ގެންދަނީ ރަތްކަނޑާއި އަދަނުގެ ސަރަހައްދުން ދަތުރުކުރާ އާގު ބޯޓުފަހަރަށާއި ތެޔޮ ޓޭންކަރުތަކަށްވެސް ހަމަލާދެމުންނެވެ. ހޫތީން ބުނަމުން އަންނަނީ ޣައްޒާގައި އިޒްރޭލުން ހިންގާ އުދުވާންތައް ހުއްޓާނުލާހާ ހިނދަކު އެ ސަރަހައްދު ތަކުން ދަތުރުކުރާ އިޒްރޭލާ އެމެރިކާ އާ ގުޅުން ހުރި އުޅަނދުތަކަށް ހަމަލާ ދޭނެ ކަމުގައެވެ.
މިއީ ފަލަސްތީން ރައްޔިތުންނާ އެއްބައިވަންތަކަން ހާމަ ކުރުމަށް ދޭ ހަމަލާތަކެއް ކަމަށްވެސް ހޫތީން ބުނެއެވެ.
ގިނަ އަދަދެއްގެ އާގުބޯޓުފަހަރަށާއި ޓޭންކަރުތަކަށް ހޫދީން މިހާތަނަށް ހަމަލާދީފައިވުމާއެކު، ދުނިޔޭގެ ވިޔާފާރީގެ މުހިންމު ރޫޓެއްގެ ދަތުރުފަތުރަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.