ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުން ތަހުގީގުތައް ފީބޯ އަހުމަދު މަނިކުގެ ފުޓްބޯޅަ މެޗަކާ ތަފާތެއް ނެތް ކަަމަށް އެމްޑީޕީގެ ޗެއަރޕާސަން ހަސަން ލަތީފު ވިދާޅުވި އެވެ.
މ. ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްވަމުން، ހަސަން ލަތީފު ވިދާޅުވީ މިއަދު ގައުމުގައި ކަންކަން ހިނގާ ގޮތުން ހަމަގައިމު ވެސް ރައީސް ޔާމީނުގެ ބޯގޮވާނެ ކަމަށާއި މިހާލަތު ބަދަލު ކުރުމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކާއި އެކު މިކުރިއަށްދާ މަސައްކަތުގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ.
ހަސަން ލަތީފު ވިދާޅުވީ 1980 ގެ އަހަރުތަކުގައި މާލޭގައި އެންމެ މަޝްހޫރު އެއް ކޮމެޑިއަން އަކީ ފީބޯ އަހުމަދު މަނިކު ކަމަށެެވެ. އެގޮތުން އޭނާ ފުޓްބޯޅަ މެޗް ކުރިއަށްގެންދާ އިރު އެންމެ ފުރަތަމަ ހޮވަނީ ޗެމްޕިއަން ޓީމް ކަމަށާއި، މިހާރު ކުރިއަށްގެންދާ ތަހުގީގުތައް ވެސް ފެންނަނީ އެ އުސޫލުން ކުރިއަށް ގެންދާ މަންޒަރު ކަމަށެވެ.
" އަޅުގަނޑު ހަދާނަށް އަންނަނީ، 1980 ގެ އަހަރުތަކުގައި ފީބޯ އަހުމަދު މަނިކަކީ އޭރުގެ އެންމެ މަގުބޫލު އެއް ކޮމޭޑިއަން. އަޅުގަނޑު ހަނދާންހުރޭ ހެންވޭރު ދަނޑުގައި ރާއްވަވައިގެން ކުޅުއްވި ފުޓްބޯޅަ މެޗު. ފީބޯ އަހްމަދު މަނިކު އެންމެ ފުރަތަމަ ނިންމެވީ ޗެމްޕިއަން ޓީމަށް ތައްޓެއްދޭން. ދެން ޗެމްޕިއަން ޓީމު ހޮވާފައި ތަށިދެއްވީ. ދެން އޭގެ ފަހުން މޭން އޮފަ ދަ މެޗު ހޮއްވަވާފައި މޮޅުވި ޓީމު ކަނޑައަޅުއްވާފަ ޕެނަލްޓީ ޖެހީ. ޕެނަލްޓީ ޖަހާފައި ދެންކުރެއްވި ކަމަކީ މެޗު ކުޅުނީ. އޭގެ ފަހުން ވޯމްއަޕް ކުރެއްވީ. ރައީސް ޔާމީން މިހާރު އެކުރައްވާ ތަހުގީގުތައް ވެސް ކުރައްވަނީ އެފަދަ ގޮތަކަށް. ހުމާމު އެހެރީ ހުކުމްކޮށްފައި. މިހާރު އެކުރައްވަނީ ތަހުގީގު." ހަސަން ލަތީފު ވިދާޅުވި އެވެ.
ހަސަން ލަތީފު ވިދާޅުވީ ރައީސް ޔާމީނުގެ ތާއީދު ހޯދުމަށް ކުރާ މަސައްކަތުން ވެސް އެމަނިކުފާނު އިތުރަށް ބޭޒާރުވަމުންދާ ކަމަށެވެ.
އެގޮތުން ރަށްރަށުގައި އެއްވުންތައް ބޭއްވި ނަމަވެސް، ރައީސް ޔާމީނުގެ ހަރަކާތްތަކުގައި ބައިވެރިވާނެ ބަޔަކު ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވުމުން، އެމަނިކުފާނު އެ ވިދާޅުވާގޮތަށް ބޯވެސް ގޮވާނެ ކަމަށް ހަސަން ލަތީފު ވިދާޅުވި އެވެ.
ރާއްޖޭގެ ހުރިހާ ޒުވާނުންނަށް ހުޅުމާލެއަށް ބަދަލުވުމަށް ރައީސް ޔާމީން މީގެ ކުރިން ގޮވާލައްވާފައިވާކަން ފާހަގަކުރައްވާ ހަސަން ލަތީފު ވިދާޅުވީ، ރައީސް ޔާމީން ހުޅުމާލެއަށް ހުރިހާ ޒުވާނުން ގެނައުމަށް ގޮވާލާފައިވާ އިރު، ރަށްރަށުގެ ތަރައްގީއަށް މަސައްކަތް ކުރައްވާނަމޭ ވިދާޅުވެ ވާހަކަފުޅު ދައްކަވާ ކަމަށާއި އެހެން ނަމަވެސް މިއީ ރައީސް ޔާމީން ކިހިނެއްވެގެން ވިދާޅުވާ ވާހަކަފުޅެއް ކަން އެނގިނުލައްވާ ކަމަށެވެ. އަދި އިގްތިސާދީގޮތުން މިކަމުން ލިބޭނީ ކޮންފައިދާއެއްކަން ވެސް ނުވިސްނޭ ކަމަށް އޭނާ ވިދާޅުވި އެވެ.
" އަޅުގަނޑަަށް ވިސްނާ ވިސްނާ ނުވިސްނޭ ހުޅުމާލެ އާއި މާލޭ ސަރަހައްދަށް މުޅި ރާއްޖެ ޖަމާކުރުމުގެ ވިސްނުމެއްގައި މަސައްކަތް ކުރައްވަމުން، އަދި ރާއްޖޭގެ ހުރިހާ ރަށެއް ތަރައްގީ ކުރައްވާ ވާހަކަދައްވާފައިވޭ." ހަސަން ލަތީފު ވިދާާޅުވި އެވެ.
ހަސަން ލަތީފު ވަނީ ސަރުކާރުން ވިދާޅުވާ، 90000 ވަޒީފާ ހޯދާދެވިފައިވާ ކަމަށް ބުނާ އިރު އެއީ ކޮން ދާއިރާތަކުން ހޯދާދީފައިވާ ވަޒީފާތަކެއްކަން ސަރުކާރުގެ އެއްވެސް ވުޒާރާއަކަށް ދެއްކިފައި ނުވާކަމަށް ވިދާާޅުވެފަ އެވެ.