ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް ޝެއިޚް މުޙައްމަދު ބިން ޒަޔިދު އަލް ނަހްޔާނަށް ފޮނުއްވި ސިޓީފުޅެއް އަބޫދާބީގައި ބޭއްވުނު ބައްދަލުވުމެއްގައި ޔޫއޭއީގެ ޑެޕިއުޓީ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު ޝެއިޚް ޢަބްދުﷲ ބިން ޒަޔިދު އަލް ނަހްޔާނަށް ރައްދުކޮށްދެއްވައިފިއެވެ.
މި ސިޓީ ރައްދުކޮށްދެއްވީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު މޫސާ ޒަމީރެވެ.
ޑރ. މުއިއްޒުގެ ސިޓީފުޅަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމާ ބެހޭގޮތުން ފޮނުއްވި ސިޓީފުޅެއް ކަމަށް ޔޫއޭއީގެ މިނިސްޓްރީ އޮފް ފޮރިން އެފެއާޒުން މަޢުލޫމާތު ދީފައިވެއެވެ. އިތުރު ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މިނިސްޓަރ ޒަމީރް އާއި މިނިސްޓަރ ޝެއިޚް އަބްދުﷲ ގެ ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމުގެ ގޮތްތަކާ މެދު މަޝްވަރާކުރެވުނެވެ. އަދި ދެ ޤައުމަށް މުހިންމު އެކި މައްސަލަތަކާ ބެހޭގޮތުން ވާހަކަދެކެވުނު ކަމަށް ޔޫއޭއީގެ ޚާރިޖިއްޔާ އިން ބުނެފައިވެއެވެ.
ޝެއިޚް ޢަބްދުﷲ ޔޫއޭއީ އާއި ދިވެހިރާއްޖެއާ ދެމެދު އޮތް ވަރުގަދަ ގުޅުން ފާހަގަކުރައްވައި، އަދި ދެ ޤައުމުގެ މަންފާއަށްޓަކައި އެ ގުޅުން ވަރުގަދަކުރުމަށް ދެ ޤައުމުން ކުރާ މަސައްކަތްތައް ވެސް ފާހަގަކުރެއްވިއެވެ.
ފޮރިން މިނިސްޓަރ މޫސާ ޒަމީރު މި މަހުގެ 2ން 4ށް ޔޫއޭއީ އަށް ވަޑައިގަތީ އެ ގައުމުގެ ބޮޑުވަޒީރުގެ ނައިބު އަދި ފޮރިން މިނިސްޓަރު، ޝައިޚް އަބްދުﷲ ބިން ޒަޔިދު އާލް ނަހްޔާންގެ ދަޢުވަތަކަށް ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.
މި ދަތުރުފުޅުގައި، މިނިސްޓަރ ޒަމީރު ޔޫއޭއީ ސަރުކާރުގެ އިސް ބޭފުޅުންނާ އެކު މަތީ ފެންވަރުގެ މަޝްވަރާތަކެއް ކުރައްވާނެ ކަމަށްވެސް ފޮރިން މިނިސްޓްރީން ބުނެފައިވެއެވެ.