ސިޔާސީ ލީޑަރުންނާއި މަޖިލިސް މެމްބަރުންނާއި ދިވެހިރައްޔިތުން ވެސް ޖަލަށް ލެވިދާނެ ކަމަށާއި އެހެން ނަމަވެސް ފަހަތައް ނުޖެހޭނެ ކަމަށް އަދާލަތު ޕާޓީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ މުގައްރިރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެއެވެ.
އާދިއްތަ ދުވަހުގެރޭ ގުޅިފައިވާ ސިޔާސީ ޕާޓީތަކުން މާފަންނު ކުނޫޒްގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝީދާތާ ވިދާޅުވީ ދިވެހިރާއްޖޭގެ ދުސްތޫރީ ނިޒާމު އޮތް ހާލަތު ހުރިހާ ރައްޔިތުންނަށް ފެނިގެންދާނެ ކަމަށާއި ދިވެހި ދަޢުލަތުގެ ހަޒާނާއިން ވައްކަން ކުރައްވާފައި ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ޒައާމަތުގައި ކަމަށް ޙުދު އެމަނިކުފާނު ވެސް އެއްބަސްވެ ވަޑައިގެންފައިވާ ކަމަށެވެ. އަދި ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމުގެ ބިރު ހީވާ ކަންތައްތައް އޮތީ ރައީސް ޔާމީނުގެ ވެރިކަމުގައި ކަމަށް ޝިދާތާ ވަނީ ފާހަގަ ކުރައްވާފައެވެ.
ޤާނޫނުގެ ތެރެއިން އަޒުލު ކުރެވޭ ފުރަތަމަ ރައީސްއަށް ރައީސް ޔާމީން ހައްދަވަން ޖެހޭނެ ތޯ ޝިދާތާ ވަނީ ސުވާލު އުފައްދާފައެވެ. އަދި ރައްޔިތުންގެ ތެރޭގައި އިންސާފުވެރިކަން ގެއްލިގެން ހިނގައްޖެ ކަމަށާއި ރައްޔިތުންގެ ޙައްޤުތައް ހިމާޔަތް ކުރަން އުފައްދާފައިވާ ތަންތަނުން އެމީހުންގެ ދައުރު އަދާކުރާ މަންޒަރު ފެނިގެންނުދާ ކަމަށާއި އެ ތަންތަނަށް އޮތް އިތުބާރު ގެއްލިފައިވާ ކަމަށް ޝިދާތާ ވިދާޅުވިއެވެ.
ސިޔާސީ ހަރަކާތްތައް އިދިކޮޅު ފަރާތްތަކުން ހިންގަމުންދާއިރު އެ ކަމަށް ވެސް އަނިޔާވެރިކަން އިސްކުރާ ކަމަށް ޝިދާތާ ވިދާޅުވިއެވެ. އަދި ސަރުކާރުގެ ހަރަކާތްތަކަށް މީހުން ނެރެނީ ވަޒީފާގެ ބިރު ދައްކައިގެން ކަމަށާއި އެ ހަރަކާތްތަކުގައި ބައިވެރި ނުވުމުން ބައެއް މީހުންނަށް ބިރު ދައްކާ ވަޒީފާއިން ވަކިކޮށްފައިވާ ކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ.
ޝިދާތާ އިތުރަށް ވިދާޅުވީ ނުޙައްޤުން އެތަކެއް ސިޔާސީ ލީޑަރުން ހައްޔަރުކޮށް ނުޙައްޤުން ޙުކުމްތައް މި ސަރުކާރުން ކޮށްފައިވާ ކަމަށެވެ. އެހެން ނަމަވެސް މި މަސައްކަތުގައި ދެމި ހުންނާނެކަމަށް ޝިދާތާ ވިދާޅުވިއެވެ.