ކ. މާލެ
|
3 ސެޕްޓެންބަރ 2024 | އަންގާރަ 11:56
ވިކްޓާ އޮސީމެން
ވިކްޓާ އޮސީމެން
ރޮއިޓާސް
ގަލަޓަސަރާއި
ލޯނު އެއްބަސްވުމެއްގެ ދަށުން އޮސީމެން ގަލަޓަސަރާއި އަށް
އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ދާއިމީ ގޮތެއްގައި އޮސީމެން ހޯދޭނެ މާއްދާ އެއްބަސްވުމުގައި ނުހިމަނާނެ އެވެ.

ނަޕޯލީ އަށް ކުޅެމުން އަންނަ ނައިޖީރިއާގެ ވިކްޓަ އޮސީމެން، ތުރުކީގެ ގަލަޓަސަރާއި އަށް ބަދަލުވާން ނިންމައިފި އެވެ.

ލީލް ދޫކޮށް އޮސީމެން ނަޕޯލީ އަށް ބަދަލުވީ 2020 ވަނަ އަހަރު އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކޮށްފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2026 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އޭނާ ހޯދުމުގެ މަސައްކަތް ޗެލްސީން ކޮށްފައިވާއިރު، އެ މަސައްކަތް މިހާރު ވަނީ ނާކާމިޔާބުވެފަ އެވެ. އޮސީމެން އާއި ނަޕޯލީއާ ދެމެދު އޮތް ގުޅުން ގޯސްވެފައިވާއިރު، ނަޕޯލީން ވަނީ އެ ޓީމުގެ އިޓާލިއަން ލީގުގެ ލިސްޓުން އޮސީމެން އުނިކޮށް، އޭނާ ކުޅެމުން އައި ނުވަ ނަންބަރު ޖާޒީ ވެސް އަތުލައިފަ އެވެ.

އޮސީމެން ވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ގަލަޓަސަރާއި އަށް ބަދަލުވާން ނިންމައިފަ އެވެ. އެ ކުލަބާ އެކު އޭނާ ސޮއި ކުރާނީ އެއް އަހަރު ދުވަހުގެ ލޯނު އެއްބަސްވުމެއްގަ އެވެ. އެއްބަސްވުމުގެ މުއްދަތު ހަމަވުމުން، ދާއިމީ ގޮތެއްގައި އޮސީމެން ހޯދޭނެ މާއްދާ އެއްބަސްވުމުގައި ނުހިމަނާނެ އެވެ. ލޯނު އެއްބަސްވުމެެއްގެ ދަށުން އޮސީމެން ހޯދުމަށް ގަލަޓަސަރާއި އިން ހުށަހަޅާފައިވާ ހުށަހެޅުމަށް ނަޕޯލީން ވެސް ވަނީ އެއްބަސްވެފަ އެވެ.

އޮސީމެން ވަނީ ނަޕޯލީ އަށް ކުޅެދިން 133 މެޗުގައި 75 ލަނޑު ޖަހައިފަ އެވެ. އެ ކުލަބާ އެކު އޭނާ ވަނީ އިޓާލިއަން ލީގު ވެސް ކާމިޔާބު ކޮށްފަ އެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް