Advertisement
ކ. މާލެ
|
30 އޯގަސްޓް 2024 | ހުކުރު 18:26
މާލީ ހާލަތު ދަށަށް ދާކަން ދައްކައިދޭ ޚިޔާލީ ކުރެހުމެއް
މާލީ ހާލަތު ދަށަށް ދާކަން ދައްކައިދޭ ޚިޔާލީ ކުރެހުމެއް
ގެޓީ އިމޭޖަސް
ރާއްޖޭގެ އިގްތިސާދު ހީނަރުވުން
ފިޗުން ރޭޓިންގ ދަށް ކުރުމާއެކު ރާއްޖޭގެ ބޮންޑުގެ އަގު ވެއްޓިއްޖެ
މުޢިއްޒު ޖުލައި މަހު ވިދާޅުވެފައިވަނީ، ޗައިނާގެ އެގްޒިމް ބޭންކަށް ދައްކަންޖެހޭ ލޯނުގެ ފައިސާ 5 އަހަރަށް ފަސްކުރުމަށް "ފެހި ސިގްނަލް" ދީފައިވާ ކަމަށް
ފަތުރުވެރިކަމުގެ އާމްދަނީ ރަނގަޅުވި ނަމަވެސް ދަރަނި އަނބުރާ ދެއްކުމުގައި ރާއްޖެއަށް ގޮންޖެހުންތައް ހުރިކަމަށް ފިޗުން ބުނޭ
މާލީ ހާލަތު ދަށްވެ ރާއްޖޭ ދަރަނިވެރިވުމުގެ ފުރުސަތު ބޮޑުކަން ފިޗުން ފާހަގަ ކުރޭ

ރާއްޖޭގެ މާލީ ހާލަތު ގޯސްވަމުންދާތީ، ދެމަސްދުވަހުގެ ތެރޭގައި ދެވަނަ ފަހަރަށް ކްރެޑިޓް ރޭޓިންގ ފިޗުން ދަށްކުރުމާއެކު، ރާއްޖޭގެ ބޮންޑުގެ އަގު ވެއްޓިއްޖެއެވެ.

ފިޗް ރޭޓިންގްސް އިން ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިން ބުރާސްފަތި ދުވަހު ވަނީ ސީސީސި ޕްލަސް އިން ސީސީ އަށް ދަށް ކޮށްފައެވެ.

ރާއްޖޭގެ ސުކޫކް ބޮންޑުގެ އަގު އޮގަސްޓް މަހު ކުރީކޮޅު 80 ސެންޓަށް ހުރިއިރު، ފިޗުން ރާއްޖޭގެ ރޭޓިން ދަށްކުރުމާއެކު ސުކޫކް 71 ސެންޓަށް ބުރާސްފަތި ދުވަހު ވެއްޓިފައިވާ ކަމަށް ފައިނޭންޝަލް ޓައިމްސް އިން ރިޕޯޓްކޮށްފައިވެއެވެ.

2021 ވަނަ އަހަރާ ހަމައަށް ރާއްޖޭން ވަނީ ޖުމްލަ 500 މިލިއަން ޑޮލަރުގެ ސްކޫކް ބޮންޑް އިޝޫކޮށްފައެވެ.

ފިޗުން ބުރާސްފަތި ދުވަހު ނެރުނު ބަޔާނުގައި ރާއްޖޭގެ ބޭރުގެ ދަރަނި އަދާ ކުރުމުގައި ބޮޑެތި ގޮންޖެހުންތަކެއް ހުރި ކަމަށް ބުނެ ރާއްޖެ ދަރަނިވެރިވުމުގެ ރިސްކް އޮތް ކަން ފާހަގަ ކޮށްފައިވާއިރު، ދިވެހި ސަރުކާރުގެ 3.4 ބިލިއަން ޑޮލަރުގެ ބޭރުގެ ދަރަނީގެ ބޮޑު ބައެއް ހިއްސާކުރަނީ ޗައިނާ އަދި އިންޑިއާގެ އެކްސްޕޯޓް-އިމްޕޯޓް ބޭންކުތަކުންނެވެ.

Advertisement

  ރާއްޖޭގެ މާލީ ހާލަތު ދަށްވަމުން ދާއިރު، ބޭނުން ކުރެވޭ ބޭރު ފައިސާގެ ރިޒާވް ޖުލައި މަހު 50 މިލިއަން ޑޮލަރަށްވުރެ ބޮޑަށް ދަށަށް ގޮސްފައިވެއެވެ. އޭގެ އިތުރުން މެއި މަހު ގާތްގަނޑަކަށް 500 މިލިއަން ޑޮލަރުގައި ހުރި ޖުމްލަ ރިޒާވް މިހާރު ވަނީ 400 މިލިއަން ޑޮލަރަށްވުރެ ދަށަށް ގޮސްފައެވެ.

އޮގަސްޓް މަހުގެ ނިޔަލަށް މިއަހަރު 1.25 މިލިއަން ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވުމާއެކު، ރާއްޖެއަށް އެންމެ ގިނައިން ބޭރު ފައިސާ ވަންނަ ފަތުރުވެރިކަމުގެ ސިނާއަތު ރަނގަޅު ކަމަށް ފެންނަމުން ދިޔަ ނަމަވެސް،  އިމްޕޯޓަށް ބޮޑަށް ބަރޯސާވާން ޖެހިފައިވުމާއި ދިވެހި ރުފިޔާ ގެ އަގު ހިފެހެއްޓުމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަޅަން ޖެހޭ ފިޔަވަޅުތަކާއެކު ބޭރުފައިސާގެ ރިޒާވް އަށް ބާރު ބޮޑުވެފައިވާ ކަން ފިޗުން ވެސް ވަނީ ފާހަގަ ކޮށްފައެވެ.

ރައީސް ޑރ. މުޢިއްޒު ޖުލައި މަހު ވިދާޅުވެފައިވަނީ، ޗައިނާގެ އެގްޒިމް ބޭންކަށް ދައްކަންޖެހޭ ލޯނުގެ ފައިސާ 5 އަހަރަށް ފަސްކުރުމަށް ޗައިނާއިން "ފެހި ސިގްނަލް" ދީފައިވާ ކަމަށާއި، އަދި ޑޮލަރުގެ ދަތިކަން ޙައްލުކުރުމަށް ޗައިނާ އަދި އިންޑިއާއާއެކު ކަރަންސީ ސްވޮޕް އެއްބަސްވުމެއްގައި ސޮއިކުރުމަށް މަޝްވަރާކުރަމުންދާ ކަމަށެވެ. ފިޗް އިން ބުނެފައިވަނީ ކަރަންސީ ސްވޮޕް އެއްބަސްވުންތައް ހަގީގަތަކަށް ވެއްޖެނަމަ "ބޭރުގެ ފައިސާގެ ދަތިކަން ކޮންމެވެސް ވަރަކަށް ލުއިވެދާނެ ކަމަށެވެ. އެހެން ނަމަވެސް އެކަން ވެދާނެ ކަމާމެދު ޔަގީންކަން ކުޑަ ކަމަށް ފިޗުން ވަނީ ބުނެފައެވެ. ފިޗުން ބުނާ ގޮތުގައި އައިއެމްއެފް ނުވަތަ ވޯލްޑް ބޭންކުގެ އެހީ ހޯދަން ވިސްނި ނަމަވެސް އެކަން ކުރެވޭނީ ދަރަނި ރީސްޓްރަކްޗަރ ކުރާ ޝަރުތުގެ މަތިން ކަމުގައެވެ.

ސަރުކާރުން ފަތުރުވެރިކަމުން ލިބޭ އާމްދަނީ "ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު" އަށް ޖަމާ ކުރަމުންދަނީ ދަރަނި ދެއްކުމަށް މަގުފަހި ކުރަން ކަމުގައި ސަރުކާރުން ބުނި ނަމަވެސް ފިޗް އިން ބުނެފައިވަނީ ސުކޫކް އަނބުރާ ދެއްކުމަށް މި ވަސީލަތް ބޭނުންކުރުމުގައި ސަރުކާރަށް ގޮންޖެހުންތަކާ ކުރިމަތިލާން ޖެހޭނެ ކަމަށެވެ. ފައިނޭންޝަލް ޓައިމްސް އިން ބުނެފައިވަނީ މިހާތަނަށް އެއްވެސް ސަރުކާރަކުން ސުކޫކަކަށް ޑިފޯލްޓްވެފައި ނުވާކަމަށެވެ. ސުކޫކަކީ ފަހަކަށް އައިސް ދެކުނު އެފްރިކާ، ޔޫކޭ އަދި ތުރުކީ ފަދަ ޤައުމުތަކުން ވެސް ބޭނުން ކުރަމުން އަންނަ އިސްލާމިކް ބޮންޑް ފެސިލިޓީއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް