ރިލްވާން ގެއްލުވާލިތާ 3 އަހަރު ފުރުމާއި ގުޅިގެން ބޭއްވި ސުލްހަވެރި އެއްވުމުގައި ބައިވެރިވިކަމަށް ބުނެ ދެ މީހަކު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފި އެވެ.
ސިވިލް ފުލުސްގައި މަސައްކަތްކުރާ ދެ މީހަކު ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާއިރު، އޭގެތެރެއިން އެކަކީ މަރާލެވިފައިވާ ޔާމީން ރަޝީދުގެ އެއްބަޑު އެއްބަފާ ކޮއްކޮ އައިޝަތު ރަޝީދު އެވެ. އަދި ދެ ވަނަ މީހަކީ، ގެއްލުވާލެވިފައިވާ މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އަށް ބޮޑުބޭބެ ކިޔާ އަހުމަދު ޖޫޒީންނެވެ.
ދެ މީހުން ވަޒީފާއިން ވަކިކޮށްފައިވަނީ ޤައިރު ޤާނޫނީ އެއްވުމެއްގައި ބައިވެރިވިކަމަށް ބުނެ އެވެ.
ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން ޔާމީން ރަޝީދުގެ ކޮއްކޮ، އާއިޝަތު ރަޝީދުގެ ޤާނޫނީ ވަކީލް ޝަފާ ޝަރީފް ވިދާޅުވީ ސުލްހަވެރިކަމާއެކު ބޭއްވި އެއްވުމެއްގައި ބައިވެރިވުމުގެ ސަބަބުން ވަޒީފާއިން ވަކިނުކުރެވޭނެކަމަށެވެ. އެގޮތުން ސަފާ ވަނީ ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ނ) ފަހަގަކޮށްފަ އެވެ.
ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނުގެ 19 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ މީހަކު އެއްވުމެއްގައި ބައިވެރިވުމަކީ، އޭގެޒާތުގައި، ހަމައެކަނި އެ ސަބަބަށްޓަކައި، މަދަނީ ނުވަތަ ޖިނާއީ އިލްތިޒާމެއް އޭނާ އުފުލަންޖެހޭކަމެއް ނޫން ކަމަށެވެ.
ރިލްވާނާއި، ޔާމީންގެ އާއިލާގެ ދެ މީހަކު ވަޒީފާއިން ވަކިކުރުމާއި ގުޅިގެން ފުލުހުންގެ އިދާރާއިން ބުނީ، މުޒާހަރާއެއްގައި ބައިވެރިވެގެން ޑިސިޕިލިނަރީ ބޯޑުން ދެ މީހަކު މޯލްޑިވްސް ޕޮލިސް ސާރވިސްގެ ވަޒީފާއިން ވަކިކޮށްފައިވާކަމަށެވެ. ނަމަވެސް އެއީ ފުލުހުންގެ އިދާރާގެ މުވައްޒިފުން ނޫންކަމަށް ފުލުހުންގެ އިދާރައިން ބުނެފައިވެއެވެ.
ރިލްވާން ގެއްލުވާލިތާ 3 އަހަރު ފުރުމާއި ގުޅިގެން ރިލްވާނަށްވީގޮތެއް ބުނެދިނުމަށް ގޮވާލާ ބޭއްވި ސުލްހަވެރި ހަރަކާތަށް ފުލުހުން ހުރަސްއަޅައި، އެއްވުން ރޫޅަލުމަށް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްފަ އެވެ. އަދި ޕޭޕާރ ސްޕްރެ ޖަހާފައިވެސްވެއެވެ.