އިންޑިއާގެ ސެންޓްރަލް ބޯޑް އޮފް ފިލްމް ސަޓިފިކޭޝަން (ސީބީއެފްސީ) ގެ ޗެއާމަން ޕެހެލާޖް ނިހަލާނީ ވަނީ އިންޑިއާގެ ސެންސަރު ބޯޑުން މިހަފްތާގައި ވަކިކޮށްފައެވެ. އަދި މިހާރު ޕްރަސޫން ޖޯޝީ ވަނީ ސެންސަރު ބޯޑަށް އައްޔަން ވެސް ކޮށްފައެވެ.
ސެންސަރު ބޯޑު ޗެއާމަންކަމުން ނިހަލާނީ ވަކިކުރުމުން އޭނާ ވަނީ އެކަމާ ނުރުހުންވެ ވާހަކަ ދައްކާފައެވެ.ނިހަލާނީ މަގާމުން ވަކިކުރުމުން އޭނާ ބުނެފައި ވަނީ ޗެއާމަންގެ މަގާމަށް އޭނާ އައި ހިސާބުން ފެށިގެން ވެސް އޭނާއާ ދެކޮޅަށް ފާޅުގައި ވަރަށް ގިނަ ބަޔަކު ނިކުމެފައިވާ ކަމަށެވެ.
އެހެން ނަމަވެސް އޭނާ ގަބޫލު ކުރާގޮތުގައި އިންޑިއާ ސަރުކާރުން އޭނާ އެ މަގާމަށް އައްޔަން ކުރީ އޭނާގެ ގާބިލް ކަމުގެ ސަބަބުންނެވެ.
ނިހަލާނީ ސެންސަރުބޯޑުގެ ޗެއާމަނަކަށް އައްޔަން ކޮށްފައި ވަނީ 2015 ވަނައަހަރުއެވެ. އޭގެ ފަހުން އިންޑިއާގެ ފިލްމީ ދާއިރާގައި ހިމެނޭ މީހުން ދިޔައީ ފިލްމުތައް ސެންސަރުކުރުމާ މެދު އޭނާ ގެންގުޅޭ ހަރުކަށި ގޮތްތަކަށް ފާޑުކިޔައި އިސްތިއުފާއަށް ގޮވަމުންނެވެ.
ގިނަ ބަޔަކު ނިހަލާނީއާ މެދު ދެކެނީ އޭނާއަކީ ފިލްމުތައް ފާސްނުކޮށްދޭން ހިފާފައި ހުންނަ މީހެއް ގޮތަށެވެ. އެގޮތުން ބައެއް ފިލްމުތައް އޭނާ ވަނީ ދުވަސްކޮޅަކަށް ހިފެހެއްޓުމަށް ފަހު ދޫކޮށްލާފައެވެ.
ނިހަލާނީ ހިފަހައްޓާ ފާސްނުކޮށްދިން ފަހުގެ ފިލްމު ތަކުގެ ތެރޭގައި "ޖަބް ހެރީ މެޓް ސޭޖަލް"، "އުޅްތާ ޕަންޖާބް"، "ލިޕްސްޓިކް އަންޑާ މައި ބުރްގާ" ހިމެނެއެވެ. އެހެން ނަމަވެސް އެ ފިލްމުތައް އޭނާ ވަނީ ސެންސަރުކުރުމަށް އޭނާ ބުނި މަންޒަރުތައް ސެންސަރުކުރުމަށް ފަހު ސިނަމާތަކަށް ދޫކޮށްލފައެވެ. އެހެން ކަމުން ފިލްމުތައް އުފައްދާ ފަރާތްތަކުން ބުނެފައި ވަނީ ނިހަލާނީއާ ހަވާލުކުރި ޒިންމާއަކީ ފިލްމުތައް ސެންސަރުކުރުން ނޫން ކަމަށާއި ފިލްމުތައް ކްލަސިފައިކޮށް ސެޓިފައި ކުރުން ކަމަށެވެ. ނިހަލާނީ މަގާމާ ހަވާލުވި ފަހުން އިންޑިއާގެ ފިލްމީ ދާއިރާއިން ބޭނުންވާ ފިލްމެއް ނުފެންނަ ކަމަށާއި އެކަމުގެ ސަބަބުން މިނިވަންކަން ގެއްލިއްޖެ ކަމަށް ފާޑުކިޔާފައިވާ ފަރާތްތަކުން ވަނީ ބުނެފައެވެ.
ސީބީއެއެފްސީގެ ބޯޑްގައި ހިމެނެނީ 13 މެމްބަރުންނެވެ. އިންޑިއާގެ ސީބީއެފްސީގެ ޗެއާމަނަކަށް ޕްރަސޫން ޖޯޝީ އައްޔަން ކުރުމުން ފިލްމީދާއިރާއަށް މިނިވަންކަން ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށް ފިލްމީދާއިރާގެ ބައެއް ފަރާތަތްކުން ދަނީ ބުނަމުންނެވެ.
ނިހަލާނީ ވަކިކުރިކަމުގައި ވިއަސް އޭނާ ވަނީ ފިލްމީދާއިރާ ދޫކުރާނެ ކަމަށް ބުނެފައެވެ. އޭނާ ބުނެފައި ވަނީ ވަރަށް އަވަހަށް ފިލްމު ހެދުމާއިގެން ކުރިއަށްދާނެ ކަމަށެވެ.