ކ. މާލެ
|
25 އޯގަސްޓް 2024 | އާދީއްތަ 14:59
މަލުން ލުހެލި ފިޔަތަކުން ތައްޔާރު ކުރާ ސޫފިތައް
މަލުން ލުހެލި ފިޔަތަކުން ތައްޔާރު ކުރާ ސޫފިތައް
ސީބީސީ އާޓް
ފިޔަތަކުން ތައްޔާރު ކުރާ ސޫފި
ގަދަ ވަޔާއެކީ މަލުން ލުހެލި ފިޔަތަކުން... "ކިތަންމެ ކުޑަޔަސް އަގެއް ހުންނާނެ"
ފުރަތަމަ މަސައްކަތުގައި ބޭނުން ކުރީ މަލުގެ ފިޔައާއި ހޯލިކޮޅުތަކެއް ނަމަވެސް، މިއަދު އޭނާގެ މަސައްކަތްތަކުން، ގަސްގަހާގެހީގެ ހުރިހާ ބައެއްހެން ބޭނުން ކުރާތީ ފެނެއެވެ.
ޚަބަރުގެ އޯޑިއޯ

އާދަޔާ ޚިލާފު ކަމެއް ކޮށްލާނެ މޮޅު ގޮތެއްގެ ޚިޔާލު ގިނަ ފަހަރު އަންނަނީ ހީވެސް ނުކުރާ ފަދަ ގޮތަކަށްތާއެވެ. މިއަދު ކެނެޑާގެ ރައްޔިތެއް ކަމަކު އޭނާގެ އަސްލު ޖަޕާނާ ގުޅިފައިވާ ރަކު އިނޯއްޔެ އަށްވެސް ވީ ހަމަ އެކަހަލަ ގޮތެކެވެ. ވާހަކަ ފެށެނީ 2017 ވަނަ އަހަރުން ދުވަހެއްގައެވެ. ދުވަހަކީ ވައިގަދަ ދުވަހެކެވެ. ކެނެޑާގެ މޮންޓްރިއާލްގައި ހުންނަ އޭނާގެ ގޭގައި އިނޯއްޔެ އިށީނދެލައިގެން އިން އިރު އޭނާއަށް ފެންނަމުން ދިޔަ މަންޒަރަކީ، ގޯތި ތެރޭގައި ހަދާފައިވާ ފިނިފެންމާ ބަގީޗާގައި ހުރި ހިތްގައިމު މާތަކުގެ ފިޔަތައް، ގަދަ ވަޔާއެކު ލުހިގެން ވެއްޓޭ މަންޒަރެވެ.

ހިތާހިތާ ޝަކުވާ ކުރެވެން ފެށިއެވެ. އިންތިހާއަށް ހިތްގައިމު، ހަމައެހާމެ ޟޮޢީފު ފިޔަތަކެއް "ބޭކާރު" ވެގެން ދާތީއެވެ. މާ ގިނައިރު އެގޮތުގައި ކެތެއް ނުކުރެވުނެވެ. ބަގީޗާއަށް ނުކުމެ، ފިޔަތައް ހޮވާ، އެއްކުރިއެވެ. އަދި އެ ފިޔަތަކުން، ފަންނުވެރި މަސައްކަތެއް ކޮށްލެވޭތޯ ބެލިއެވެ. އަމާޒަކަށް ވީ، އެ ފިޔަތަކާއި، ބަގީޗާތެރެއިން ދެންވެސް ފެނުނު އެފަދަ އެއްޗެހި ބޭނުންކޮށްގެން ހިތްގައިމު މަންޒަރެއް ތައްޔާރު ކުރުމެވެ. ފުރަތަމަވެސް ތައްޔާރު ކުރީ ބީޓްލްއެއްގެ ތަސްވީރެވެ. ފައިތަކުގެ ސިފަ ގެނެސްފައި ވަނީ ހިކި ހޯލިކޮޅުތަކާއި އޮފިކޮޅުތަކުންނެވެ. އަދާ ޖެހެންދެކަށްވެސް އެ މަސައްކަތް ރައްކާ ކޮށްފައި އެބައޮތެވެ. މިއަދު އިނޯއްޔެއަކީ އެ ފަދަ ތަސްވީރުތައް އުފެއްދުމަށް މަޝްހޫރު މީހެކެވެ. އޭނާ ވަނީ، މާމެލާމެލީގެ ބައިތަކާ، އޮފިކޮޅު ފަދަ އެއްޗެހި ބޭނުންކޮށްގެން މަޝްހޫރު ކެރެކްޓަރތަކާއި، ވަރުގަދަ ބްރޭންޑްތަކުގެ ލޯގޯތައްވެސް ތަސްވީރުކޮށްދީފައެވެ.

އެކި ކަހަލަ ގަސްތަކުގައި މާމެލިއަޅާ ބަރާވެގެންދާ މޫސުމަށް އިނޯއްޔެ އިންތިޒާރު ކުރެއެވެ. އެކި ކުލަކުލައަށް ގަސްތައް ބަދަލުވެގެންދާ ދުވަސްވަރަކީވެސް އޭނާގެ ޝަޢުޤު ދަމައިގަންނަ ދުވަސްވަރެކެވެ. ކިތަންމެ ކުޑަކުޑަ ކަމަކުންވެސް، ހިތްފުރިދާ ފަދަ އުފަލެއް ލިބިދާނެ ކަމަށް އިނޯއްޔެ ޤަބޫލު ކުރަނީ މިފަދަ ސަބަބުތަކާ ހެދިއެވެ. ފުރަތަމަ މަސައްކަތުގައި ބޭނުން ކުރީ މަލުގެ ފިޔައާއި ހޯލިކޮޅުތަކެއް ނަމަވެސް، މިއަދު އޭނާގެ މަސައްކަތްތަކުން، ގަސްގަހާގެހީގެ ހުރިހާ ބައެއްހެން ބޭނުން ކުރާތީ ފެނެއެވެ. އެއް ދުވަހުން އަނެއް ދުވަހަށް އިނޯއްޔެ ދަނީ، އޭނާގެ މަސައްކަތްތެރިކަމާއި ފަންނުވެރިކަމުގެ ހުނަރުވެރިކަން ފައްކާކޮށް، ކުރިއަރުވަމުންނެވެ. އެކި ކަހަލަ ސޫފާސޫފީގެ ތަސްވީރުތައް ފުރިހަމަ ކުރެވެން ފެށުމާއެކު އިނޯއްޔެ ދެން މިޞްރާބު ޖެހީ ނިންޓެންޑޯގެ ސުޕަރ މާރިއޯއާއި ޕްރިންސަސް ޕީޗް ފަދަ ޝަޚްސުތަކުގެ ތަސްވީރުތައް ތައްޔާރު ކުރުމަށެވެ. އެކަންވެސް އޭނާ ކާމިޔާބު ކުރިއެވެ.

މި މަސައްކަތުގައި އެތައް ގަޑިއިރެއް ހޭދަ ކުރާ ދުވަސްތައް އާދެއެވެ. ހިތް އެދޭ ވަރަށް ތަސްވީރު ފުރިހަމަ ވުމުން، އެ އުފެއްދުމެއްގެ ފޮޓޯ ނަގާ، ހަލާކު ނުވެ ހުންނާނެހެން ރައްކާ ކުރެއެވެ. ތަސްވީރު ފުރިހަމަ ކުރުމަށް ބޭނުން ކުރި ހުރިހާ އެއްޗެއްހެން ދެން އުކާލަނީ، ގަސްކާނާ ހަދަން ބޭނުން ކުރެވޭ ޒާތުގެ ކުނި އެޅުމަށް ޚާއްޞަކޮށްފައިވާ ވަށިގަނޑަށެވެ. އަހަރެމެންނަށް ފެންނަ ފެނުމުގައި އިނޯއްޔެ ކުރަމުން އެ ދާ މަސައްކަތުގެ އެންމެ މުހިންމު ބަޔަކީ، އޭނާގެ އާދަޔާ ޚިލާފު ފަރުމާތައްތާއެވެ. އެހެން ނަމަވެސް، އިނޯއްޔެއަށް މުހިންމު ވަނީ އެހެން ކަމެކެވެ. އެއީ، ކިތަންމެ ކުޑަކުޑަ އެއްޗަކީވެސް އަގެއްހުރި އެއްޗަކަން ވަޒަން ކުރަން ދަސްވި ކަން ކަމަށް އިނޯއްޔެ ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް