ރ ކަނދޮޅުދޫ މުޙައްމަދު މޫސާއަކީ ފަންނުވެރި މަސައްކަތެއް ކުރަމުންދާ މީހެކެވެ. އެއް ދުވަހަކު ކާށި ގޮޅީގައި ކާށި ވިއްކަން އިނދެ، އޭގެ ބޮނބިގަނޑަކުން ހެދި ދޯންޏަކަށް ގިނަ ބައެއްގެ ސަމާލުކަން ލިބިގެން ގޮސް، އެ ދޯނި ގަތުމަށް ޝައުޤުވެރިކަން ފާޅު ކުރުމުން އޭނާވެސް މި މަސައްކަތް ފަށައިގަތީއެވެ.
މިހާރު ގިނަ ރޭރޭ އޭނާ އެ މަސައްކަތް ކުރަން އިންނަނީ ރަސްފަންނުގައެވެ. އެތަނުގައި އެ މަސައްކަތް ކުރާއިރު އެތައް ބައެއްގެ ލޯތައްވެސް އޭނާގެ މަސައްކަތަށް ހުއްޓިގެންދެއެވެ.
އޭނާ ތައްޔާރުކުރަނީ ތަފާތު އެކި ބާވަތުގެ ދޯންޏެވެ. ދިވެހި ވަންތަ ޑިޒައިންތަކަށް ދިވެހި މަސްދޯނިތަކެވެ. އަދި ހަމަ އެހެންމެ ބޭރުގެ ޤައުމުތަކުގައި ދުއްވާ އެކި ޑިޒައިންތަކުގެ ދޯނިތަކެވެ.
މި މަސައްކަތް އޭނާ ކުރާތާ މިހާރު 7 އަހަރު ވެފައިވާއިރު، އޭނާ ތައްޔާރުކުރާ ގިނަ ދޯނިތަކުގެ ފަރުމާތަކުން މުޅިންވެސް ފެންނަނީ ދިވެހިވަންތަކަމެވެ. ދިވެހި ކާބަފައިންގެ ދޯނި ބަނުމުގެ އާޖުފާޖާއި ގޮތްގަނޑެވެ.
އޭނާ ކިޔައިދިން ގޮތުގައި އޭނާ މި މަސައްކަތް ދަސްކުރީވެސް އަމިއްލައަށެވެ. އޭނާގެ އުއްމީދަކީ ވީހާވެސް ގިނަ މީހުންނަށް މި މަސައްކަތް ދަސްކޮށްދިނުމެވެ.
އަޅުގަނޑު އެދޭ ކަމަކީ އަޅުގަނޑު ކައިރިއަށް ދަސްކުރަން އައިއްޔާ ދަސްކޮށްދޭގޮތަށް އަޅުގަނޑު މި ހުރީ ކޮންމެ މީހަކަށްވެސް ހަމަ.ރ ކަނދޮޅުދޫ މުޙައްމަދު މޫސާ
ރާއްޖެއެމްވީއާ ވާހަކަ ދައްކަމުން އޭނާ ކިޔާދިން ގޮތުގައި އިތުރު މަސައްކަތެއް ކުރަން ނެތްނަމަ އާންމު ގޮތެއްގައި އެއް ދުވަހުންވެސް ދޯންޏެއް ތައްޔާރު ކޮށް ނިންމާލެވެއެވެ. ބިޒީ ދުވަހެއްނަމަ އާންމުކޮށް ދޯންޏެއް ތައްޔާރުކުރަން ދެތިން ދުވަސް ނަގާކަމަށް މޫސަ ކިޔާދިނެވެ.
ގާތްގަނޑަކަށް އެއް ދުވަހުން ދޯންޏެއް ނިންމާލެވިދާނެ މަސައްކަތެއް ނުކުރަންޏާ، މަސައްކަތެއް ކުރަންޏާ ނަގާނެ ދެތިން ދުވަސް.ރ ކަނދޮޅުދޫ މުޙައްމަދު މޫސާ
ދޯންޏެއް ތައްޔާރު ކުރުމަށްޓަކައި އެންމެ ފުރަތަމަ އޭނާ ކުރާ ކަމަކީ ދޯނިފަހަރު ތައްޔާރުކޮށްފައި ހުންނަ ގޮތް އަމިއްލައަށް ވިސްނައި ދެނެގަތުމެވެ. އެއަށްފަހު ދެން ފަށަނީ ދޯނީގެ ފަރުމާގެ މަސައްކަތެވެ.
އަޅުގަނޑު ފުރަތަމަ ފަށަނީ ދޯނި ފަހަރު ހުންނަ ގޮތް ވިސްނައިގެން ހަދަން، އެގޮތަށް ގޮސް މިހާރު އެންމެ ކޮލިޓީކޮށް ދޯނި ހަދާލެވޭ.ރ ކަނދޮޅުދޫ މުޙައްމަދު މޫސާ
ހަގީގަތުގައި މިފަދަ ދިވެހިވަންތަ ފަންނާއި ފުނޫނު މިއަދު ފަނޑުވަމުންދާއިރު، މިއީ ހަމަ ޔަގީނުންވެސް ދިރުވާ އާލާކުރަން ޖެހޭ މަސައްކަތްތަކެކެވެ. ޤައުމީ ފެންވަރުގައި މިފަދަ މަސައްކަތްތައް ދިރުވާ އާލާކޮށް، އަދުގެ ޒުވާނުންނަށް ދަސްކޮށްދިނުމަށްވެސް މަސައްކަތްތަކެއް ކުރަން ޖެހެއެވެ.