ކ. މާލެ
|
14 އޯގަސްޓް 2017 | ހޯމަ 12:50
މާލޭގެ މަގުމަތި
މާލޭގެ މަގުމަތި
ގޫގުލް
މަގުމައްޗަށް ކުނިއެޅުން
ހައުސިން މިނިސްޓްރީގެ ހުއްދަ ނެތި މަގުމަތީގައި ތަކެތި ބަހައްޓާ ފަރާތްތައް ޖޫރިމަނާ ކުރަނީ
މަގުމަތީގައި ހުއްދަ ނެތި ތަކެތި ބަހައްޓައިފި ނަމަ 2،000ރ އާއި 6،000ރ އާދެމެދު އަދަދަކުން ޖޫރިމަނާ ކުރެވޭނެ
މަގުމަތީގައި ތަކެތި ބަހައްޓަން ޖެހޭނީ ހައުސިން މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި
ދުވާރު މަތީގައި އެއްވެސް ގޮތަކަށް ތަކެތި ބެހެއްޓުމަކީ މަނާކަމެއް

ހައުސިން މިނިސްޓްރީގެ ހުއްދަ ނެތި މަގުމަތީގައި ތަކެތި ބައްޓާ ފަރާތްތައް ޖޫރިމަނާ ކުރާ ގޮތަށް ގައިވާއިދެއް އެކުލަވާލައި އަމަލު ކުރަން ފަށައިފިއެވެ.

"މާލޭގެ މަގުމަތީގައި ތަކެތި ބެހެއްޓުމަށް ހުއްދަ ދޫކުރުމުގެ ގަވާއިދު" ގެ ނަމުގައި ހައުސިން މިނިސްޓްރީން އެކުލަވާލާފައިވާ ގަވާއިދުގައި ބުނެފައިވާ ގޮތުގައި  މި ގަވާއިދުގެ މަގުސަދަކީ މާލޭގައި ރައްޔިތުންނަށް ދިމާވެފައިވާ ގޯތިގެދޮރުގެ ދަތިކަމާ ހެދި މަގުމަތީގައި ތަކެތި ބަހައްޓައިގެން އުމްރާނީ މަސައްކަތްތަކާއި ޒަރޫރީ ބައެއް އެހެނިހެން މަސައްކަތްތައް ކުރަންޖެހޭތީ، އެފަދަ ހާލަތްތަކުގައި މަގުމަތީގެ ބޭނުންކުރަމުންދާ ފަރާތްތަކަށް ފަސޭހަވާނެ ގޮތަކަށް މަގުމަތި ބޭނުންކުރެވޭނެ ގޮތް ހެދުމަށްޓަކައި މަގުމަތީގައި ތަކެތި ބެހެއްޓުމަށް ހުއްދަ ދިނުމާއި އެކަން ބެލެހެއްޓުމުގެ ހަރުދަނާ ނިޒާމެއް ޤާއިމުކުރުމެވެ

ހުއްދަ ނަގައިގެން މެނުވީ ޢުމްރާނީ މަސައްކަތްތަކާއި ޒަރޫރީ ބައެއް އެހެނިހެން މަސައްކަތްތަކާއި ކަންކަމަށް މަގުމަތީގައި ތަކެތި ބެހެއްޓުމަކީ  މި ގަވާއިދުގައިވާ ގޮތުން މަނާކަމެކެވެ. އެގޮތުން މަގުމަތީގައްޔާއި ގޯޅިތަކުގުގައި ގަސްފުނި، ގޮނޑި، ޖޯލި، މޭޒު ފަދަ ތަކެތި ބެހެއްޓުމަކީ ވެސް މަނާކަމެކެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި މަގުމަތީގައި ތަކެތި ބެހެއްޓުމަށް މިނިސްޓްރީން ހުއްދަ ދިނުމުން އެތަކެތި މަގުމަތީގައި ބަހައްޓަން ވާނީ ހައުސިން މިނިސްޓްރީގެ ސުޕަވައިޒަރުން ކަނޑައަޅާ އުސޫލެއްގެ މަތިން އެ ކަނޑައަޅާ ތަނެއްގައެވެ. އަދި މަގުމަތީގައި ތަކެތި ބެހެއްޓމުގެ ހުއްދަ ދިން ނަމަވެސް އެއްވެސް އެއްޗެއް ދުވާރު މަތީގައި ނުބެހެއްޓޭނެ ކަމަށް މިނިސްްޓްރީން އެކުލަވާލި ގަވާއިދުގައި ބުނެފައި ވެއެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި މަގުމަތީގައި ތަކެތި ބެހެއްޓުމަށް ހައުސިން މިނިސްޓްރީން ހުއްދަ ދީފައިވާ މުއްދަތު ނުވަތަ ވަގުތު ހަމަވުމުން އެތަކެތި މަގުމަތިން ނަގައި، ތަން ސާފުކުރަން ޖެހޭނެއެވެ.

ހަމައެހެންމެ ކަނޑައެޅިފައިވާ މުއްދަތުގައި ނުވަތަ ވަގުތުގައި މަގުމަތީގައި ބަހައްޓާ ތަކެތި ނުނަގައިފި ނަމަ އެ ބަހައްޓާފައިވާ މުއްދަތަށް ނުވަތަ ވަގުތަށް ބަލައި ޖޫރިނަމަނާ ކުރާނެ ކަމަށާއި އަދި އެ ތަކެތި ނުނަގައިފި ނަމަ އެ ތަކެތި މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދާނެ ކަމަށް މިނިސްޓްރީގެ ގަވާއިދުގައި ބުނެފައި ވެއެވެ. އަދި މަގުމަތީގައި ބަހައްޓާފައިވާ ތަކެތި މިނިސްޓްރީން ނަގައިފި ނަމަ އެ ތަކެތި ނެގުމަށް ދިޔަ ހަރަދު މިނިސްޓްރީ އަށް ދޭން ޖެހޭނެ ކަމަށް ވެސް ގަވާއިދުގައި ވަނީ ބުނެފައެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުގައި މިނިސްޓްރީގެ ބެލުމުގެ ދަށަށް ގެންދާ ތެކެތި އަނބުރާ ގެންދިއުމަށް ފަސް ދުވަހުގެ މުއްދަތެއް ދެވޭނެ އެވެ. އަދި އެ މުއްދަތުގައި ތަކެތި ނުގެންގޮސްފި ނަމަ އެ ތަކެތި ނީލަމުގައި ވިއްކާލެވޭނެ ކަމަށް މިނިސްޓްރީގެ ގަވާއިދުގައި ބުނެފައި ވެއެވެ.

މީގެ އިތުރުން އެއްވެސް ފަރާތަކުން މިނިސްޓްރީގެ ހުއްދަ ނުނަގައި މަގުމަތީގައި ތަކެތި ބަހައްޓައިފި ނަމަ 2،000ރ. އާއި 6،000ރ. އާދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ވެސް މިނިސްޓްރީގެ ގަވާއިދުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން މިގަވާއިދަށް އަމަލު ކުރަން ފަށާއިރު މަގުމަތީގައި ތަކެތި ބަހައްޓާފައި ވާނަމަ އެތަކެތި ނެގުމަށް ހަތް ދުވަހުގެ މުއްދަތެއް ދެވޭނެއެވެ. އަދި މުއްދަތުގައި ތަކެތި ނުނަގައިފި ނަމަ ޖޫރިމަނާ ކުރާނެ ކަމަށް ގަވާއިދުގައި ބުނެފައި ވެއެވެ.

ހައުސިން މިނިސްޓްރީން އެކުަލަވާލާފައިވާ މިގަވާއިދަށް އަމަލު ކުރަން ފަށާފައި ވަނީ މި މަހުގެ 10 ވަނަ ދުވަހުން ފެށިގެންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 23 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް