ކ. މާލެ
|
14 އޯގަސްޓް 2017 | ހޯމަ 04:38
އެކްސިޑެންޓްގައި އަނިޔާވި ފިރިހެން މީހާ
އެކްސިޑެންޓްގައި އަނިޔާވި ފިރިހެން މީހާ
ރާއްޖެއެމްވީ
ނުރައްކާތެރި އެކްސިޑެންޓް
ލަންކާގައި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ދެ ދިވެއްސަކަށް ސީރިއަސް އަނިޔާތަކެއް!
އެކްސިޑެންޓްވި ދެމަފިރިން ލަންކާއަށް ބަދަލުވީ ދާދިފަހުން
ފިރިހެންމީހާގެ ހާލު ސީރިއަސް

ލަންކާގައި ހިނގި އެކްސިޑެންޓެއްގައި ދެ ދިވެއްސަކަށް ސީރިއަސް އަނިޔާތަކެއް ލިބިއްޖެއެވެ.

އާދިއްތަ ދުވަހުގެރޭ ހިނގި މި އެކްސިޑެންޓްގައި ސީރިއަސް އަނިޔާތަކެއް ލިބިފައިވަނީ ލަންކާގައި ދިރިއުޅެމުންދާ ދެމަފިރިއަކަށެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އާއިލާގެ މެންބަރަކު ބުނީ، އެކްސިޑެންޓް ހިނގީ ދުއްވާފައިދިޔަ ކާރަކާއި އެ ދެމަފިރިން ތިބި އޮޓޯ އާއި ޖެހިގެން ކަމަށެވެ. މައުލޫމާތު ލިބޭގޮތުގައި ކާރު ދުއްވަން އިނީ ލަންކާގެ ހޮސްޕިޓަލެއްގައި މަސައްކަތް ކުރާ އަންހެން ޑޮކްޓަރެކެވެ. އަދި އެކްސިޑެންޓް ހިނގީ ބާރަށް ދުއްވާފައި އައި އެހެން ވެެހިކަލަކުން ކާރު ނައްޓަން އުޅުމުގެ ތެރޭގައިކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން އާއިލާގެ ފަރާތުން ވާހަކަ ދެއްކި މީހާ ބުނީ މި އެކްސިޑެންޓް ހިނގީ، އާދިއްތަ ދުވަހުގެރޭ 10.00 ހާއިރު، ހެވްލޮކް ސިޓީގެ އެޑްވާޑް އެވެނިއު ކައިރީގައި ކަމަށެވެެ.

އެ ދެމަފިރިންނަށް ފަރުވާ ދެމުންދަނީ ލަންކާ ހޮސްޕިޓަލްގައެވެ. އަދި އަންހެން މީހާއަށް އިމަޖެންސީގައި ފަރުވާ ދިނުމަށް ފަހު ވޯޑަށް ބަދަލުކޮށްފައި ވީނަމަވެސް ފިރިހެން މީހާއަށް ފަރުވާދެމުންދަނީ އައިސީޔޫގައިކަމަށް އާއިލާއިން ބުންޏެވެ. އަދި ފިރިހެން މީހާގެ ހަލު ސީރިއަސްކަމަށް އާއިލާއިން މައުލޫމާތުދެއެވެ.

އެގޮތުން ފިރިހެންމީހާގެ ފައިގެ ދެ ތަނަކުން ބިންދައިގެންގޮސް އަނގަމަތި ވަރަށް ބޮޑަށް ފަޅައިގެންގޮސްފައިވާއިރު، އޭނާގެ ބައެއް ދަތްވެސް ނެތްކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި އޭނާގެ މޫނުގެ ސާޖަރީއެއް އިމަޖެންސީކޮށް ހަދަންޖެހިފައިވާއިރު، އެތެރެހަށްޓަށް އިތުރު އެއްވެސް ގެއްލުމެއް ލިބިފައިވޭތޯ ބެލުމަށް ޓެސްޓްތަކެއް ހަދަން ތައްޔާރުވމުންދާކަމަށް އާއިލާއިން ބުންޏެވެ.

އެކްސިޑެންޓްވީ މާލެއަށް ނިސްބަތްވާ ދެމަފިރިންނެވެ. އަންހެން މީހާގެ އުމުރަކީ، 34 އަހަރެވެ. ފިރިހެންމީހާއަށް 37 އަހަރެވެ.

އާއިލާއިން މައުލޫމާތު ދިން ފަރާތުން ބުނީ އެކްސިޑެންޓްވި ކާރުގައި އިން ލަންކާގެ އަންހެން ޑޮކްޓަރު ފުލުހުންގެ ބަންދުގައި ވާކަމަށެވެ. އަދި އަނިޔާވި ދިވެހި ދެމަފިރިން ދުއްވި އޮޓޯގެ ޑްރައިވަރަށް ލަންކާ ކަޅުބޯވިލާ ހޮސްޕިޓަލްގައި ފަރުވާދެމުންދާއިރު އޭނާގެ ހާލުވެސް ސީރިއަސްކަމަށް މައުލޫމާތު ލިބޭކަމަށެވެ.

އާއިލާއިން ވާހަކަދެއްކި މީހާ ބުނީ، އެކްސިޑެންޓް ވީ ވަގުތު އަންހެން މީހާގެއަތުގައި އޮތް އައިފޯން7 އަކާއި ފިރިހެންމީހާގެ ޖީބުގައިއޮތް ވޮލެޓް އޭގައި ހުރި ލާރިއާއި އަދި އޭނާގެ ކޭޝްކާޑްތަކާއިއެކު ގެއްލިފައިވާ ކަމަށެވެ.

އެކްސިޑެންޓްވި ދެމަފިރިންނަކީ މީގެ ހަފްތާއެއްހާ ދުވަސްކުރިން އާއިލާއާއިއެކު، ލަންކާއަށް ދިރިއުޅުން ބަދަލުކުރި ދެމަފިރންނެވެ.

އެކްސިޑެނޓްވި ދެމަފިރިންގެ ވަނަވަރު، ޙަބަރުގައި ސިއްރުކޮށްފައިިވަނީ އާއިލާގެ އެދުމުގެމަތިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް